ދަނޑުވެރިކަން ކުރުމަށް އަލިފުށިން ބިން ދޫކުރަން ފަށައިފިއެވެ.
މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލްގެ އިދާރާއިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ, ރ.އަލިފުށިން ދަނޑުވެރިކަން ކުރުމަށްޓަކައި ވަގުތީ ބިން ދޫކުރުމަށް ހަމަޖެހިފައިވާކަމަށާއި ދަނޑުވެރިކަން ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2020 ޖޫން 03 ވާ ބުދަ ދުވަހުގެ 14:00ގެ ކުރިން މިކަމަށް އެދި ސިޓީއަކުން ކައުންސިލްގެ އިދާރާއަށް މެއިލް ކުރުމަށް އެދޭމަށެވެ.
ދަނޑުބިމަށް ކުރިމަތި ލުމަށް ކަނޑަައަޅާފައިވާ ޝަރުތުތަކުގެ ތެރޭގައި، އަލިފުށީގެ ރައްޔިތެއްކަމުގައިވުމާއި، އުމުރުން 18 އަހަރު ފުރިފައިވުން މަޖުބޫރެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން، ކައުންސިލްގެ އީމެއިލް[email protected]އަށް ސިޓީއާއި އެކު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑްގެ ކޮޕީ ފޮނުވަން ވަނީ އިލްތިމާސްކޮށްފައެވެ.
ކޮވިޑް-19އާ ގުޅިގެން އިޤުތިޞާދަށް ވަރަށް ބޮޑަށް ދަށްވެފައިވާ މިދަނޑިވަޅުގައި ރަށްރަށުން ދަނޑުވެރިކަން ކުރިއެރުވުމަށް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ބައެއް ރަށްރަށުގައި ދަނޑުބިމުގެ ކުލިން 50 އިންސައްތަ އުނިކޮށްފައި ވެއެވެ. އަދި އަލަށް ދަނޑުވެރިކަން ކުރުމަށް ނުކުންނަ ފަރާތްތަކަށް ޚާއްސަ ސަމާލުކަމެއްދީ އެފުރުޞަތު ފަހިކޮށްދޭނެކަމަށް ކައުންސިލްތަކުން ބުނެއެވެ.