ހުޅުމާލޭގެ ފޭސް-2ގައި ޗައިނާގެ ސްޓޭޓް ކޮންސްޓްރަކްޝަނުން ޤާއިމު ކުރަން ފެށި ކަރަންޓީން ފެސިލިޓީ އެންމެ 22 ދުވަހުގެ ތެރޭގައި ހަދާ ނިންމައިފި އެވެ.
ރާއްޖޭގައި އުޅޭ ބިދޭސީންނަށް ޚާއްޞަކޮށްގެން ހެދި މި ފެސިލިޓީގައި 800 އެނދު, 84 ފާޚަނާ އަދި އެއްފަހަރާ 175 މީހުންނަށް ކާން ތިބެވޭނެ ޖާގައަކާއި ބަދިގެއެއް ހިމެނެއެވެ.
މިފެސިލިޓީގެ މަސައްކަތް ނިމުމާ ގުޅިގެން ޗައިނާއިން ރާއްޖެއަށް ކަޑައަޅުއްވާފައި ހުންނަވާ ސަފީރު ޖަންގް ލިޒޯންގް ވަނީ އެކަން ފާހަގަކުރައްވާފަ އެވެ.
800 މީހުން ޖާގައިގެ މިފެސިލިޓީ ނިންމާ މިހާރު ވަނީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ޙަވާލުކޮށްފަ އެވެ.
މީގެ އިތުރުން ޗައިނާގެ ބެއިޖީން އަރބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) ގެ ފަރާތުން ހުޅުމާލޭގައި ދެބުރިއަށް ހަދާފައިވާ ޢިމާރާތެއް ރެނޮވޭޓް ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެއީ 327 މީހުންގެ ޖާގައިގެ ކަރަންޓީނު ފެސިލިޓީ އެކެވެ.
ރާއްޖެއިން ކޮވިޑް-19 ފެނުމާ ގުޅިގެން ދިވެހި ސަރުކާރާ ގުޅިގެން ޗައިނާއިން ދަނީ އެހީތެރިވަމުންނެވެ.