މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ (އެމްއެންޔޫ) ކޯސްތައް މިމަހުގެ 31 ވަނަ ދުވަހު ފެށުމަށް ނިންމާފައިވާ ކަމަށް އެ ޔުނިވަރސިޓީން ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ތަރައްޤީއާއި ތަރިކައާ ބެހޭ ކޮމިޓީގައި އެމްއެންޔޫގެ ޑެޕިއުޓީ ވައިސް ޗާންސެލަރ އައިޝަތު ޝާހީން ވިދާޅުވީ ކޮވިޑް-19އާ ގުޅިގެން އެމްއެންޔޫގެ ކިޔެވުން ހުއްޓާލާފައި އޮންނަތާ ވަރަށް ގިނަ ދުވަސް ވެފައިވާ ކަމަށެވެ.
އެގޮތުން ކްލާސްތައް ވީ އެންމެ އަވަހަށް ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި، ކޮވިޑް-19ގެ މި ޙާލަތުގައި، އޮންލައިން ކްލާސްތައް މިމަހުގެ 31ގައި ފެށޭނެ ކަމަށް އުންމީދު ކުރައްވާ ކަަމަށް ޝާހީން ވިދާޅުވި އެވެ.
އޮންލައިންކޮށް ކްލާސް ނަގާދެވޭނެ ގޮތް އިތުރަށް ތަފުޞީލު ކޮށްދެއްވައި ޝާހީން ވިދާޅުވީ ލެކްޗަރަރ އިންނާއި، ދަރިވަރުން ކޮންމެހެން ދިމާވެ ކިޔަވަން ޖެހޭ މާއްދާތައް ނުނަގާނެ ކަމަށާއި، ޢަމަލީ ތަޖުރިބާ ހޯދަން ޖެހޭ މާއްދާތައް ކުރިއަށް ގެންދިއުމާ މެދު އިތުރު ގޮތަކަށް ވިސްނަން ޖެހޭ ކަމަށެވެ.
ޝާހީން ވިދާޅުވީ އޮންލައިން ކްލާސްތައް ކުރިއަށް ގެންދިއުމުން ދަރިވަރުންނަށް ގިނަ ލުއިތަކެއް ލިބޭ ކަމަށާއި، ކްލާސް ނަގާދޭ ވަގަތު ދަރިވަރުންނަށް ކްލާސްތަކުގައި ބައިވެރި ނުވެވު ނަމަވެސް، ފަހުން ފިލާވަޅުތައް ބެލޭނެ އިންތިޒާމު ހަމަޖައްސާފައިވާނެ ކަމަށެވެ.
އެގޮތުންް އެމްއެންޔޫގެ "މޫޑަލް" މެދުވެރިކޮށް ފިލާވަޅުތައް ފަހުން ބެލޭނެކަން ޝާހީން ފާހަގަކުރެއްވި އެވެ. އަދި މީގެ ކުރިން ވެސް އެމްއެންޔޫއަކީ އޮންލައިންކޮށް ކްލާސްތައް ކުރިއަށް ގެންދާ ޔުނިވަރސިޓީއަކަށް ވާތީ މި 'މެތޮޑް'ގައި ކިޔަވައި ދިނުމަކީ ޔުނިވަރސިޓީއަށް އުދަނގޫކަމެއް ނޫން ކަމަށް ޝާހީން ވިދާޅުވި އެވެ.
މީގެ އިތުރުން ޝާހީން ވިދާޅުވީ ދިރާގު އަދި އުރީދޫ އާއެކު މަޝްވަރާ ކުރެވި، ދަރިވަރުނަށް އެކަށީގެންވާ ޚާއްޞަ ސްޓޫޑެންޓް ޑާޓާ ޕެކޭޖް ހޯދިފައިވާ ކަމަށެވެ. އަދި ދަރިވަރުންގެ ޙާލަތު ވަރަށް ގާތުން ބަލަމުންދާ ކަމަށާއި، އިންޓަރނެޓް ނެތް ދަރިވަރުންނަށް ވެސް ކިޔެވޭނެ އިންތިޒާމުތައް ހަމަޖައްސަމުންދާ ކަމަށް ޝާހީން ވިދާޅުވިއެވެ.