އެކްޓިވް ސަރވިއަލަންސްގެ ދަށުން މިހާރު ކުރިޔަށްދާ އުމުރުން ދުވަސްވީ މީހުންގެ ސާމްޕަލް ނެގުމުގައި އެމީހުންނަށް ސާމްޕަލް ދިނުމުގައި ދަތިތަކެއް އުޅޭ ކަމަށްވާނަމަ ސާމްޕަލް ނެގުމުގައި މަޖުބޫރު ނުކުރާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ޑޮކްޓަރ، ޑރ އިބްރާހީމް އަފްޒަލް ވިދާޅުވެއްޖެ އެވެ.
މާލެ ސަރަހައްދުގައި އުޅޭ މީހުންގެ ތެރެއިން އުމުރުން ދުވަސްވީ މީހުންގެ ސާމްޕަލް ނެގުމުގެ މަސައްކަތް އެޗްޕީއޭއިން ވަނީ ފަށާފަ އެވެ. އަދި އެކަމަށް އާންމުންގެ ފަރާތުން އެދެވޭ ތަރުޚީބެއް ނުލިބޭކަމަށާއި އެކަމަށް އެއްބާރުލުން ބޭނުންވާ ކަމަށް މީގެކުރިން ތަކުރާރުކޮށް އެޗްޕީއޭއިން ވަނީ ނޫސްވެރިންގެ ބައްދަލުވުމުގައި ފާހަގަކޮށްފަ އެވެ. އެކަމުގެ މުހިންމު ކަން ފާހަގަކުރައްވާ ޑރ. ނަޒްލާ ރަފީގު ވިދާޅުވީ އުމުރުން ދުވަސްވީ މީހުންގެ ސާމްޕަލް ނަގަނީ އެމީހުންނަކީ ވައިރަސް ޖެހޭ މީހުންގެ ތެރެއިން އެންމެ ހައިރިސްކު މީހުން ކަމަށްވުމުން ބަލީގެ ކުރީކޮޅު އެމީހުން ދެނެގަތުމުގެ ބޭނުމުގައި ކަމަށެވެ.
މިކަމާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން އާދިއްތަ ދުވަހުގެ ރޭ ކޮވިޑް-19 ޓާސްކް ފޯހުގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރެޕިޑް ރެސްޕޯންސް ޓީމު (އާރުއާރުޓީ) ގެ ފަރާތުން އަބްދުލް ހަމީދު ވިދާޅުވީ އުމުރުން ދުވަސްވީ މީހުންގެ ސާމްޕަލް ނެގުމަށް އެމީހުންގެ ވަރަށް ބޮޑު ލިސްޓެއް ހެދުމަށްފަހު ގުޅަންފެށި ކަމަށެވެ. މިހާތަނަށް އައިއިރު ނުގުޅާ ހުންނާނީ ވަރަށް މަދު މީހަކަށް ކަމަށް ހަމީދު ވިދާޅުވި އެވެ. އަދި ގުޅައިގެން ވާހަކަ ދައްކާއިރު ސާމްޕަލް ނަގަން ކިރިޔާވެސް އުނދަގުލެއް ހުންނަނަމަ އެވާހަކަ ހިއްސާކުރުމުން ސާމްޕަލް ނެގުމަށް މަސައްކަތެއް ނުކުރާނެ ކަމަށް ހަމީދު ވިދާލުވި އެވެ.
ޑރ. އަފްޒަލް ވިދާޅުވީ މިކަން ކުރަން ބޭނުންވަނީ އާންމުންގެ އެއްބާރުލުމާއި އެކުކަމަށެވެ. އަދި މިކަމަކީ ބައްޔަށް ޝައްކުކުރެވިގެން ކުރާ ކަމެއް ނޫންކަމަށާއި މިއީ ބަލި ނެތްކަން ޔަގީން ކުރުމަށް ނަގާ ސާމްޕަލެއް ކަމަށް ހަމީދު ވިދާޅުވި އެވެ.
ރާއްޖޭގައި މިހާތަނަށް ވައިރަސް ޖެހިގެން 4 މީހަކު ވަނީ ނިޔާވެފަ އެވެ. އޭގެ ތެރޭގައި 3 ދިވެހިން ހިމެނޭއިރު އެ އެންމެންނަކީވެސް އުމުރުން 80 އަހަރުން މަތީ މީހުންނެވެ.