ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްސީއާރުއެމް) ގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައި ވާއިރު، އެ ކޮމިޝަން ހިނގަމުން ދަނީ އާއިލީ ގުޅުންތަކުގެ ތެރެއިން، އާއިލީ އޮނިގަނޑެއް ގާއިމް ވެގެން ކަން ހާމަ ވެއްޖެއެވެ.
ޤާނޫން ނަންބަރު 6/2006ގެ ދަށުން 2015 ވަނަ އަހަރު އައްޔަން ކުރެވުނު ހަތަރުވަނަ ދައުރުގެ ހިއުމަން ރައިޓްސް ކޮމިޝަންގެ އޮނިގަނޑަށް ބަލާއިރު، ޒިންމާދާރު މަގާމުތަކުގައި ތިއްބެވި އެކި އެކި ފަރާތްތަކަކީ ވަރަށް ބޮޑަށް ގާތްތިމާގެ ކަމުގެ ގުޅުންތައް ހުރި ފަރާތްތަކެއް ކަން ފާހަގަ ވެއެވެ.
އަނެއް ކޮޅުން، ހިއުމަންރައިޓްސް ކޮމިޝަން އަކީ މިނިވަން މުސްތަގިއްލު ކަމާއެކު، ނުފޫޒުން އެއްކިބާވެ ތިބެ، މަސައްކަތް ކުރަންޖެހޭ މުއައްސަސާއެއް ކަމަށް ގާނޫނުގައި ބުނެފައިވާއިރު، އެ ކޮމިޝަންގެ މެމްބަރު ކަމަށް އާއިޝަތު އަފްރީން އައްޔަން ކުރެއްވި އިރު، އޭނާގެ ފިރިކަލުން ފަރެސް މާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފް އޭރު ހުންނެވީ އެ ކޮމިޝަނަށް މީހުން އައްޔަން ކުރުމުގެ އިހްތިސާސް ލިބިގެންވާ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީގެ މެމްބަރު ކަމުގައެވެ. އަދި އެ ކޮމިޝަން ޖަވާބުދާރީ ކުރުމުގެ މަސައްކަތްތައް މި ދެބޭފުޅުން ކައިވެނި ބައްލަވައިގަތް ފަހުންވެސް ހަވާލުވެފައި އޮތީ، އަފްރީންގެ ފިރިކަލުން ހިމެނިވަޑައިގަންނަވާ މި ކޮމިޓީއަށެވެ.
ރާއްޖެއެމްވީ އަށް ލިބިފައިވާ މައުލޫމާތައް ބަލާއިރު، ކޮމިޝަންގެ އެންމެ އިސް އެއް ވެރިއެއްގެ ގޮތުގައި ހުންނެވި އަފްރީން އާއި، ކޮމިޝަނަރުން އަންގަވާ ކަންކަން ތަހުގީގު ކޮށްދޭ އިންވެސްޓިގޭޓިވް އޮފިސަރަކާއި ގާތް ތިމާގެ ގުޅުން އޮތް ކަން ފާހަގަ ކުރެވޭ އިރު، ކޮމިޝަންގެ ރައީސްގެ މަގާމުގައި ހުންނެވި އައިޝަތު އީނާސް އާއި އަފްރީން އަކީ ދެބެންގެ ދެދަރި ދެބެން ކަން ފާހަގަ ކުރެވެއެވެ. އޭގެ އިތުރުން ކޮމިޝަންގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދު ޒާހިދުގެ ދަރިކަނބަލެއް އިންވެސްޓިގޭޓިވް އޮފިސަރގެ މަގާމުގައި ހުންނެވުމުގެ އިތުރުން ބަޖެޓް އޮފިސަރަކަށް ހުރީ އޭނާ އަށް ބޮޑުބޭބެ ކިޔާ ފަރާތެއްކަން ހާމަވެފައި ވެއެވެ.
ކޮމިޝަން މެމްބަރު އާއިޝަތު އަފްރީން އާއި ކޮމިޝަންގެ އިންވެސްޓިގޭޝަން އޮފިސަރ
ކޮމިޝަންގެ މެމްބަރު އާއިޝަތު އަފްރީންއަކީ މިދިޔަ ދައުރުގެ ރައްޔިތުންގެ މަޖްލީހުގެ އަދި މިހާރުގެވެސް ފަރެސް މާތޮޑާ ދާއިރާގެ މެމްބަރު ހުސެން މުޙަންމަދު ލަތީފްގެ އަނބިކަނބަލުންނެވެ. މިދެބޭފުޅުނެ ކައިވެނިވެ ބައްލަވައިގަތުމުގެ ކުރިން މަސައްކަތް ކުރައްވަމުން ދިޔައީ ހިއުމަން ރައިޓްސް ކޮމިޝަންގައެވެ.
2015 ވަނަ އަހަރު ކޮމިޝަންގެ މެމްބަރުކަމުގެ މަޤާމަށް އާއިޝަތު އަފްރީން އައްޔަން ކުރިއިރު ފަރެސް މާތޮޑާ ދާއިރާގެ މެމްބަރު ހުސެން މުޙަންމަދު ލަތީފްއަކީ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީގެ މެމްބަރެކެވެ. މިއީ 18ވަނަ ރައްޔިތުންގެ މަޖިލީހުގައި ހިއުމަން ރައިޓްސް ކޮމިޝަންގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ، މެމްބަރުން މަޤާމަށް އައްޔަކޮށް ވަކިކުރުމުގެ އިޙްތިޞާޞް ލިބިގެންވާ ދާއިމީ ކޮމިޓީއެވެ. ފާހަގަކޮށްލެވޭ ހަތަރުވަނަ ދައުރުގެ ކޮމިޝަން މެމްބަރުން ޒިންމާދާރު ކުރުވުމަށް އެއްވެސް މަސައްކަތެއް ކޮށްފާނުވާ އިރު، މިނިވަން މުޢައްސަސާތަކާބެހޭ ކޮމިޓީއަށް އިންސާނީ ޙައްޤުތަކާއި ގުޅުން ހުރި އެއްވެސް މައްސަލައެއްގައި 19ވަނަ މަޖްލީސް އިންތިޚާބުވުމުގެ ކުރިން މަޖިލީހަށް ހާޒިރު ކޮށްފައެއް ނުވެއެވެ.
މީގެއިތުރުން ފަރެސް މާތޮޑާ ދާއިރާގެ މެމްބަރު ހުސެން މުޙަންމަދު ލަތީފްގެ އެއްބަނޑު އެއްބަފާ ދައްތަވެސް މަސައްކަތް ކުރަނީ، ފަހަރިއާއިއެކު ހަމަ މިކޮމިޝަންގެ އިންވެސްޓިގޭޝަން އޮފިސަރއެއްގެ ގޮތުގައެވެ.
ކުރީގެ ރައީސް ޔާމީންއާ ގާތް ގުޅުން އޮންނަ ފަރެސް މާތޮޑާ ދާއިރާގެ މެމްބަރު ހުސެން މުޙަންމަދު ލަތީފް 19ވަނަ މަޖިލީހަށް މިނިވަން މެމްބަރެއްގެ ގޮތުގައި ވާދަ ކުރައްވާ އެގޮނޑި ކާމިޔާބު ކުރެއްވުމަށްފަހު މާގިނަ ދުވަސްތަކެއް ނުވެ މިހާރު ވަނީ އަނެއްކާވެސް ރައީސް ޔާމީނުގެ ޕީ.ޕީ.އެމްއާ ގުޅިވަޑައިގެންފައެވެ.
ކޮމިޝަންގެ ނައިބު ރައީސް އަދި ކޮމިޝަންގެ އިންވެސްޓިގޭޝަން އޮފިސަރ އަދި ބަޖެޓް އޮފިސަރ
ރައީސް އަބްދުﷲ ޔާމީން ކޮމިޝަންގެ މެމްބަރުކަމަށް އަދި ފަހުން ނައިބު ރައީސްކަށް މުޙަންމަދު ޒާހިދު އައްޔަން ކުރެއްވުމުގެ ސުންގަޑިޔާ ހަމަޔަށްވެސް ޒާހިދު ހުންނެވީ ރައީސް ޔާމީން ސަރުކާރުގެ ޖެންޑަރ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރއެއްގެ މަޤާމުގައެވެ. ކޮމިޝަންގެ ނައިބު ރައީސްކަމާ ހަވާލުވެލެއްވީ، ދަރިކަނބަލުން ކޮމިޝަންގެ އަނިޔާގެ މައްސަލަތައް ބަލާ ތަޙުޤީޤުކުރާ ޔުނިޓްގެ އިންވެސްޓިގޭޝަން އޮފިސަރެއްގެ މަޤާމު ފުރުއްވަމުން ދަނިކޮށެވެ. އަދި މިއަދާ ހަމައަށްވެސް ބައްޕައާއި ދަރިފުޅު ކޮމިޝަނުގައި އަންނަނީ އެއްކޮށް މަސައްކަތް ކުރަމުންނެވެ. މީގެ އިތުރުންވެސް ޒާހިދު މިމަޤާމަށް ވަޑައިގަތުމަށްފަހު ކޮމިޝަންގެ ބަޖެޓް އޮފިސަރުގެ މަޤާމަށް އެމަނިކުފާނަށް ބޮޑު ބޭބެ ކިޔާ ކުއްޖެއްވަނީ ހަމަޖައްސާފައެވެ.
ކޮމިޝަންގެ ރައީސް އީނާސްއާއި ކޮމިޝަން މެމްބަރު އާއިޝަތު އަފްރީން
ކޮމިޝަންގެ ރައީސް އާމިނަތު އީނާސް އާއި ކޮމިޝަން މެމްބަރު އާއިޝަތު އަފްރީން އަކީ ދެބެންގެ ދެދަރި ދެބެން ކަން ފާހަގަ ކުރެވެއެވެ. މިއީ މިނިވަން މުސްތަގިއްލު ކޮމިޝަނެއްގައި އާއިލީގޮތުން އެހާ ގާތް ދެބޭފުޅުން އެކުއެކީގައި މިނިވަން ކޮމިޝަނެއްގެ މެމްބަރުކަން ކުރައްވާ ފުރަތަމަ ފަހަރު ކަމަށް ވުމީ އެކަށީގެންވާ ކަމެކެވެ.
މެއި މަހުގެ 18 ވީ ހޯމަ ދުވަހު، 19ވަނަ މަޖްލީހުގެ 37ވަނަ ޖަލްސާގައި ހިއުމަން ރައިޓްސް ކޮމިޝަންގެ މެމްބަރުންގެ އިތުބާރުނެތްކަމުގެ މައްސަލަ ހުށަހެޅިފައި ވާއިރު، މިއީ މިކޮމިޝަން ޒިންމާދާރު ކުރުވުމުގެ މަސައްކަތެއް މަޖިލީހުގައި މިހާ ފުޅާދާއިރެއްގައި ހިނގާ ފުރަތަމަ ފަހަރުކަން ފާހަގަ ކުރެވެއެވެ.
ހޯމަ ދުވަހު މަޖިލީހުގެ ރާއިސް އިއްވެވި، އެކޮމިޝަންގެ މެމްބަރުން މަޤާމުން ވަކިކުރުމުގެ މައްސަލައާ ގުޅޭ ސިޓީގައި ފާހަގަ ކޮށްފައިވާ ނުކުތާ ތަކަށް ބަލާލާއިރު، ނިމިދިޔަ ރައީސް ޔާމީންގެ ސަރުކާރުގައި ހިންގާފައިވާ އިންސާނިއްޔަތާ ޚިލާފު އަދި އެތައް ބައެއްގެ އިންސާނީ ޙައްޤުތަކަށް އަރައިގެންފައިވާ ބޮޑެތި މައްސަލަތައް އެކޮމިޝަނުން އަޅާނުލާ ދޫކޮށްލާފައިވާ ކަން ގިނަ ބަޔަކު އަންނަނީ ފާހަގަ ކުރަމުންނެވެ.
ކޮމިޝަންގެ އޮނިގަނޑުގައި ހުރި އާއިލީ ގުޅުންތަކުގެ ބޮޑުކަމާއެކު އަމިއްލަ މަސްލަހަތުން ބަރީއަވެ ތިބެ ވަކި ފަރާތަކަށް ނުޖެހި މައްސަލަތައް ބެލިދާނެތޯ އެއީ މިހާރު އުފެދޭ އިތުރު ސުވާލެކެވެ.