ކޮވިޑް-19 އަށް ފަހު އާންމު ހާލަތަކަށް ދާއިރުވެސް ކޮވިޑް -19 އާ ގުޅިގެން ޤައިދީންނާއި މެދު އަމަލުކުރަމުންދިޔަ ޚާއްސަ ބައެއް އުސޫލްތައް ދަމަހައްޓަވާނެ ކަމަށްކޮމިޝަނަރ އޮފް ޕްރިޒަން އަހުމަދު މުހައްމަދުފުޅު ވިދާޅުވެއްޖެ އެވެ.
ކޮވިޑް-19 އާ ގުޅިގެން ރާއްޖެ ޓީވީން ގެނެސްދިން ޚާއްސަ ކަވަރޭޖަށް މައުލޫމާތު ދެއްވަމުން އަހުމަދު ވިދާޅުވީ އާންމު ޚާލަތަކަށް ދިއުމުން ޖަލުގައި ކަންކަން ކުރާނެ އުސޫލްތައް ރާވަމުންދާ ކަމަށާއި އެގޮތުން ކޮވިޑް -19 އާ ގުޅިގެން ޤައިދީންނަށް ކަނޑައަޅާފައިވާ ޚާއްސަ އުސޫލްތައް ހިމަނައިގެން ފަސޭހަ ގޮތްތަކެއް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެގޮތުން ކޮވިޑް-19 އާގުޅިގެން ސްކައިޕް މެދުވެރިކޮށް ކުރިއަށް ގެންދަން ފެށި އާއިލީ ބައްދަލުވުންތައް ވެސް ދާއިމީކޮށް ކުރިއަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ކެންޓީން މެދުވެރިކޮށް ގަންނަން ބޭނުންވާ ތަކެތި ގަތުމުގެ ފޮނުވާ ފައިސާ އޮންލައިންކޮށް ފޮނުވޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށް ވިދާޅުވި އެވެ.
އަހުމަދު ވިދާޅުވީ މަސައްކަތް ކުރަމުންދަނީ ޤައިދީންގެ އާއިލާތަކަށް ޖަލަށް ނުގޮސް ގޭގައި ތިބެގެން ކަންކަން ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ކަމަށެވެ.
މީގެ އިތުރުން ނިއު ނޯމަލް އަކަށް ދާއިރު އާއިލީ ބައްދަލުވުންތަކާއި އެކަހެރި ބައްދަލުވުންތަކަށް ޖަލަށް ވަދެ ނިކުމުގެ ކަންކަމަށް ބަދަލުތަކެއް ގެންނަން މަސައްކަތް ކުރަމުންދާކަމަށް އޭނާ ވިދާޅުވި އެވެ. މި އިންތިޒާމްތަކާއި ގުޅޭ މަޝްވަރާތައް މިހާރު ދަނީ ކުރިއަށެވެ.
ޖަލުގައި ކިޔަވައިދުނުމުގެ މަސައްކަތް އެޗްޕީއޭގެ އިރުޝާދުގެ ދަށުން މެދުކަނޑާލާފައި މި ވަގުތަށް އޮތް ނަމަވެސް ޤައިދީންގެ ވެލްފެއަރ ގެ ކަންކަން މި ވަގުތު ވެސް ކުރިއަށްދާ ކަމަށް ވެސް އަހުމަދު ވިދާޅުވި އެވެ.