ކޮވިޑް-19 ގެ ބަލި މަޑުކަމަކީ ''އިންސާނިއްޔަތަށް ލޯ ހުޅުވާލައިދިން ކަމެއް ކަމަށް އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރ ނަޖީބް ހާން ވިދާޅުވެއްޖެ އެވެ.
އޭނާ އެހެން ވިދާޅުވީ، ރާއްޖެ ޓީީވީގެ ކޮވިޑް-19 ކަވަރޭޖަށް އާދިއްތަ ދުވަހުގެރޭ ދެއްވި އިންޓަވިއުއެއްގަ އެވެ.
އިންސާނިއްޔަަތަށް ލޯ ހުޅުވާލައި ދިން ކަމެއް ކަމަށް ވިދާޅުވުމަށް ފަހު އުރީދޫގެ އެމްޑީ ވިދާޅުވީ، މިއާއިއެކު ހުރިހާ ކަމެއް ބަދަލުވެގެންދާނެ ކަމަށެވެ. ނަޖީބް ވިދާޅުވީ، ކަންތައްތައް ބަދަލުވަމުންދާ ގޮތް ސީދާ ސާފުނުވާ ކަމަށާއި، މި ކަންތައްތައް މަޑު މަޑުން ކުރިޔަށްދާނެ ކަމަށެވެ.
މިއީ އިންސާނީއްޔަތަށް ލޯ ހުޅުވާލައި ދިން ކަމެއް މިއީ ގާތްގަނޑަކަށް މީހަކު ރީސެޓް ބަޓަން އަށް ފިތާލުން ފަދަ ކަމެއް. އަޅުގަނޑު އެހެން މި ބުނާ ސަބަބަކީ، މިހާރުން ފެށިގެން ހުރިހާ ކަމެއް ތަފާތުވެގެންދާނެތީ، މާނައަކީ އެކަކު އަނެކަކާއި ކުރާ މުއާމަލާތްތަކާއި، ރަސްމީކޮށްކުރާ މުއާމަލާތުތަކާއި، އަހަރުމެން އެކި ކަންކަމުގައި ކުރާ މުއާމަލާތްތައް ވަރަށް ބޮޑަށް ތަފާތުވެގެންދާނެ. އަހަރުމެންގެ ޝޫއުރުތައް ފާޅުކުރުމާއި، މުވާސަލާތްތަކާއި، ހުރިހާ ކަމެއްވެސް ވަރަށް ބޮޑަށް ބަދަލުވެގެންދާނެ.ނަޖީބް ހާން - އުރީދޫގެ މެނޭޖިން ޑިރެކްޓަރ
މިދިޔަ އަހަރު އުރިދޫގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަން ކުރެވުނު ނަޖީބް ވިދާޅުވީ، މި ހާލާތުގައި ޓެކްނޮލޮޖީގެ ދައުުރު ބޮޑުވާނެ ކަމަށާއި، މިހާރުވެސް ވަރަށް ބޮޑު ރޯލެއް ޓެކްނޮލޮޖީ ކުޅެމުންދާ ކަމަށެވެ.
ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް މި ދަނޑިވަޅުގައި އީ ކޯމާސް ޕްލެޓް ފޯމްތައް ބޭނުންކުރާ ކަމަށާއި، އޭގެ ސަބަބުން އެކަކު އަނެކަކާއި ބައްދަލުވާ މިންވަރު ކުޑަކުރެވިގެންދާނެ ކަމަށް ވިދާޅުވި އެވެ.
އެންމެ މުހިއްމީ އެކްސެސް ކޮންޓްރޯލް. މީގެ ކުރިން އެކްސެސް ކޮންޓްރޯލް ބޭނުންކުރަމުން އައީ އެ މީހާގެ ފިޒިކަލް އިންޓަރެކްޝަންއަކާއި އެއްކޮށް. އަޅުގަނޑަށް ހިވާ ގޮތުގައި ސިއްހީ ދާއިރާ ފަދަ ދާއިރާތަކުގެ އެކްސެސް ކޮންޓްރޯލް އަށް ބޮޑެތި ބަދަލުތަކެއް ފެންނާނެނަޖީބް ހާން - އުރީދޫގެ މެނޭޖިން ޑިރެކްޓަރ
ނަޖީބް ވިދާޅުވީ، ކޮވިޑާ ގުޅިގެން ''މަދު'' މި ބަސް މުހިއްމު ބަހަަކަށް ވެގެން ހިނގައްޖެ ކަމަށެވެ. ސަބަބަކީ ހުރިހާ ކަމެއް ވެސް އަވަހަށް މަދު ވަގުތު ކޮޅެއްގެ ތެރޭގައި ނިމިގެންދާތީ އެވެ.
އާދިއްތަ ދުވަހަކީ ދުނިޔޭގެ މުވާސަލާތީ ދުވަހަށްވާއިރު، ނަޖީބް ވިދާޅުވީ ގޮތުގައި ފާއިތުވެދިޔަ ދުވަސްތަކުގައި ޓެކްނޮލޮޖީ އަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައި ކަމަށެވެ. ކޮވިޑް-19 ބަލި މަޑުކަަން ވަނީ ޑިޖިޓައިލައިޒޭޝަން ބޭނުންކުރާ މިންވަރު ބޮޑުތަނުން އިތުރު ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް އޭގެ އަސަރު ރާއްޖެއަށް ކުރަން އަދި ގިނަ ދުވަސްތަކެއް ނަގާނެކަން އޭނާ ފާހަގަކުރެއްވި އެވެ.
އުރީދޫއިން ކަސްޓަމަރުންނަށް ކުރިޔަށް އޮތް ދުވަސްތަކުގައި ރާވާފައިވާ ޕްލޭން ތަކުގެ މައުލޫމާތުތަކެއް ނަޖީބް ހާމައެއް ނުކުރައްވަ އެވެ. ނަމަވެސް ކަސްޓަމަރުންނަށް އަލަށް އެކުލަވާލާ ޕްލޭން ތަކުގައި ސެކިއުރީޓީގެ އިތުރުން ސައިބަރ ސެކިއުރިޓީއާ ބެހޭ މައުލޫމާތު އިތުރުކުރެވޭނެ ކަން އޭނާ ފާހަގަކުރެއްވި އެވެ.