މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ސިޓީއަށް ލިބެމުންދާ ގެއްލުންތައް ފޫބެއްދުމަށްޓަކައި ބޭނުންވާ އެހީ ވީހާވެސް އަވަހަކަށް ފޯރުކޮށްދިނުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.
ހޯމަ ދުވަހުގެ މަޖިލީހުގެ ޖަލްސާގައި މި ކުއްލި މައްސަލަ ހުށަހަޅުއްވައި ދެއްވީ އައްޑޫ ފޭދޫ ދާއިރާގެ މެnqބަރު މުހައްމަދު ނިހާދެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 170 ވަނަ މާއްދާގެ ދަށުން ހުށަހެޅި މި ކުއްލި މައްސަލައިގައި ވަނީ މޫސުމަށް އަންނަ ނުރަނގަޅު ބަދަލުގެ ސަބަބުން ރާއްޖޭގެ ރަށްތަކާއި ރައްޔިތުންގެ ގެދޮރާއި މުދާ ޙިމާޔަތް ކުރުމަށް ކުރުމުގެ މަސައްކަތަށް އިސްކަމެއް ދީގެން ކުރުމަށް ގޮވާލާފަ އެވެ.
އަދި މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން ރަށްރަށާއި ގެދޮރާއި މީހުންގެ މުދަލަށް ލިބެމުންދާ ގެއްލުން، ޚާއްޞަކޮށް އައްޑޫ ސިޓީ ފޭދޫގެ ރައްޔިތުންގެ ގެދޮރާއި މުދަލަށް ލިބެމުންދާ ގެއްލުންތައް ކުޑަކުރުމަށް މިހާރުން މިހާރަށް ފިޔަވަޅު އެޅުމަށް ވެސް މެންބަރު ގޮވާލެއްވި އެވެ. އަދި ލިބެމުންދާ ގެއްލުން ފޫބެއްދުމަށް މާލީ ގޮތުން އެހީވުން އަވަސް ކުރުމަށް ވެސް މެންބަރު ވަނީ ގޮވާލައްވާފަ އެވެ.
މި ކުއްލި މައްސަލައަށް ބަހުޘްކުރުމަށް މަޖިލީހުން ބަލައިގަތީ ހާޒިރުވެ ތިއްބެވީ 55 މެންބަރުންގެ ތެރެއިން ވޯޓު ދެއްވި 44 މެންބަރުންގެ ވޯޓާއި އެކުއެވެ.
މި ކުއްލި މައްސަލައަށް ބަހުޘް ކުރުމުގެ ފުރުޞަތު ހުޅުވާލައްވަމުން މަޖިލީހުގެ ރައީސް، މުޙައްމަދު ނަޝީދު ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން މިހާރު ތަޖުރިބާ ކުރަމުންދާ ވިއްސާރައާއި، ވަޔާއި، ޠޫފާނާއި، ރާޅާއި، އެކި އެކި ޤުދުރަތީ ކަންކަން ކުރިއާ އަޅާބަލާއިރު ތަފާތު ކަމީ އެކި އެކި ބޭފުޅުން އެކި އެކި ގޮތްގޮތަށް ފާހަގަކުރަމުންދާ ކަމެއް ކަމަށެވެ.
އެގޮތުން، ފޭދޫގެ މެދުގައި އިހު ޒަމާނުއްސުރެ އޮތް އޮޅު ހިއްކުމުގެ ސަބަބުން ވިއްސާރަވާ ދުވަސްވަރު ފޭދޫގެ ޙާލަތު ގޯސްވަނީ އެ އޮޅު ތެރެއަށް ފެން ނުވަނަންނާތީ ކަމަށެވެ.
އައްޑޫ ސިޓީއަށް ކުރަމުންދާ ވިއްސާރައިގައި އެންމެ ބޮޑު ގެއްލުމެއްވެފައިވަނީ ފޭދޫ އަށެވެ. އެގޮތުން، ފޭދޫގެ 544 ގެއަކަށް ގެއްލުންވެފައި ވާއިރު ހިތަދޫގެ 28 ގެއަކާއި، މަރަދޫގެ 20 ގެއެއްގެ އިތުރުން މަރަދޫ ފޭދޫގެ 44 ގެއަކަށް ވަނީ ގެއްލުން ވެފައެވެ. މި ވިއްސާރައިގެ ސަބަބުން އައްޑޫ ސިޓީއަށް ވަނީ ދުވަހަކުވެސް ނުވާވަރުގެ ގެއްލުންތަކެއް ލިބިފައެވެ.