ކޮވިޑް-19 ފެތުރުން ހުއްޓުވުމުގެ ގޮތުން މާލެ ސިޓީގައި އިޢުލާނުކޮށްފައިވާ ފުރަބަންދުގެ އަމުރާ ޚިލާފުވެގެން އާދުއްތަ ދުވަހު ޖުމުލަ 108 މީހަކު ޖޫރިމަނާ ކޮށް، އިތުުރު 4 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސް އިން ޢާންމު ކޮށްފައިވާ ތަފާސް ހިސާބު ތަކަށް ބަލާއިރު، އާދީއްތަ ދުވަހު މާލެ ސިޓީން ޖުމުލަ 108 މީހަކު ޖޫރިމަނާކޮށްފައި ވެއެވެ. އެގޮތުން މާލެއިން 93 މީހަކު، ހުޅުމާލެއިން 15 މީހަކު ޖޫރިމަނާކޮށްފައި ވާކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އެއާއެކު ފުރަބަންދު އަމުރާއި ޚިލާފުވެގެން މިހާތަނަށް ޖޫރިމަނާ ކުރި މީހުންގެ ޖުމުލަ ޢަދަދަކީ 4221 އެވެ. މި އަދަދުތަކާއެކު މިހާތަނަށް ޖޫރިމަނާ ކޮށްފައިވާ ފަރާތްތަކުން ދައުލަތަށް ދައްކަން ޖެހޭ ފައިސާގެ އަދަދަކީ 4،221،000 (ހަތަރު މިލިއަން ދުއިސައްތަ އެކާވީސް ހާސް) ރުފިޔާ އެވެ.
ފުރަބަންދު އަމުރާ ޚިލާފުވާ ފަރާތްތައް ޖޫރިމަނާ ކުރަނީ 1000ރ. އިންނެވެ. މި ޢަމަލު ތަކުރާރު ކުރާނަމަ، ޤާނޫނުލް އުޤޫބާތުގެ 533 ވަނަ މާއްދާގެ (ހ) ދަށުން ހައްޔަރުކުރުމުގެ ބާރު ފުލުހުންނަށް ލިބެއެވެ.
މެއި މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ޖުމުލަ 228 މީހަކު ހައްޔަރުކޮށްފައި ވާއިރު އޭގެ ތެރެއިން 209 މީހުން ހައްޔަރުކޮށްފައި ވަނީ މާލެއިން ނެވެ. ހުޅުމާލެއިން 17 މީހަކު ހައްޔަރުކޮށްފައި ވާއިރު ވިލިމާލެ އިން 2 މީހަކު ހައްޔަރުކޮށްފައި ވާކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ޖޫރިމަނާ ކުރާ މީހުންނާއި ފުލުހުންގެ ހައްޔަރަށް ގެންދާ މީހުންގެ ޢަދަދު އަނެއްކާވެސް ދަނީ އިތުރު ވަމުންނެވެ.
ފުރަބަންދުގެ ޢަމުރު ތަންފީޒުކުރުމަށް މާލެ ސިޓީގެ އެކި ޞަރަޙައްދުތަކުގައި ފުލުހުން ޙަރަކާތްތެރިވަމުން އަންނައިރު، މިހާތަނަށް ކޮވިޑް-19ގެ މަސައްކަތުގައި އިސް ސަފުގައި ޙަރަކާތްތެރިވި 199 މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. މިމަހުގެ 28 ވަނަ ދުވަހަށް ހަމަވާން އޮތް ލޮކްޑައުންގެ މުއްދަތު ކުރިން ލަފާކުރި ސަރޖް އައިސްފިނަމަ، ލޮކްޑައުންގެ މުއްދަތު އަނެެއްކާވެސް އިތުރުވެގެން ހިނގައިދާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެއެވެ.