މިމަހުގެ 28 ވަނަ ދުވަހަށް ހަމަވާން އޮތް ލޮކްޑައުންގެ މުއްދަތު ކުރިން ލަފާކުރި ސަރޖް އައިސްފިނަމަ އިތުރުވެގެން ހިނގައިދާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވެއްޖެ އެވެ.
ކޮވިޑް-19 ޓާސްކް ފޯހުން އާދިއްތަ ދުވަހުގެ ރޭ ކުރިޔަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި މިހާރު މިއޮތް ލޮކްޑައުންގެ މުއްދަތު އިތުރުކުރާނެ ތޯ އާއި އިތުރުނުކުރާނަ ކުރާނީ ކޮންކަހަލަ ހާލަތަކަށް ބެލުމަށްފައިތޯ ދެންނެވި ސުވާލަށް ޖަވާބު ދެއްވަމުން ޑރ އަފްޒަލް ވިދާޅުވީ ލޮކްޑައުންގައި ތިބޭއިރު ލިބޭ ޑާޓާތަކަށް ބެލުމުން ހާލަތާއި ގުޅޭގޮތުން ވަޒަންކޮށްލެވޭނެ ކަމަށެވެ. އެހެންވީމާ ކުރިއްސުރެ ލަފާކޮށްފައިވާ ސަރޖް އައިސްފިނަމަ އެއާވިދިގެން ލޮކްޑައުންގެ މުއްދަތު އިތުރުކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް ޑރ އަފްޒަލް ވިދާޅުވި އެވެ.
ރާއްޖޭގައި ކޮވިޑް-19 ގެ ހާލަތާއި ކުރިޔަށް ކުރާ އަންދާޒާތަކާއި ގުޅޭގޮތުން އެޗްޕީއޭއީން އެންމެ ފަހުން ހާމަކުރި މައުލޫމާތަށް ބަލާއިރު، ޑރ ޝީނާ މޫސާ ވިދާޅުވެފައިވަނީ މެއި މަހުގެ 31 ވަނަ ދުވަހު ސަރޖެއް އަންނާނެ ކަަމަށް ބެލެވޭ ކަމަށެވެ. އެދުވަހު ރާއްޖޭގައި 1600 މީހުންނަށް ވައިރަސް ޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި އަދި މިހާރުގެ ޓެސްޓިންގ ކެޕޭސިޓީއަށް ބަލާއިރު އެދުވަހު 380 މީހުން ޕޮޒިޓިވްވެގެން ރިކޯޑް ކުރެވޭނެ ކަމަށެވެ.
އަދި މެއި މަހުގެ ފަހު ދެ ހަފްތާ އެކަމަށް ސަމާލުވުމަށް ޑރ ޝީނާ ވަނީ އިލްތިމާސް ކުރައްވާފަ އެވެ. އެއާއެކު ލޮކްޑައުންގައި އަޅާފައިވާ ފިޔަވަޅުތައް ކުރިޔަށް ވުރެ ވަނީ ވަރުގަދަކޮށްފަ އެވެ. އެގޮތުން ކުރިން ކޮންމެ ތިން ދުވަހަކުން ފިހާރައަށް ދާން ދެވުނު ހުއްދަ ހަފްތާއަކު އެއް ފަހަރަށް ވަނީ ބަދަލުކޮށްފަ އެވެ.
ޑރ އަފްޒަލް ވިދާޅުވީ ސަރޖް އައުމުގައި ކޮންޓްރޯލް އައިސްފިނަމަ ނުވަތަ ޑޭޓާތައް ލިބޭ މިންވަރަކަށް ބެލުމަށްފަހު މިހާރު ހުރި އަންދާޒާތައް އަނެއްކާވެސް މުރާޖާކުރުން އެކަށީގެންވާ ކަމަށެވެ.
އަނެއްކާ ލޮކްޑައުން ނިންމާއިރު އެންމެ ބޮޑަށް ވިސްނަންޖެހޭ ކަމަކީ ލޮކްޑައުން ފިލުވާލާއިރު ދެން ތިބީ ތައްޔާރަށްތޯ ލޮކްޑައުންގެ ފަހަށް ކުރަން ޖެހޭ ކަންކަން ކުރުމަށް. މާނައަކީ ހަމައެކަނި ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) ގެ ލެވެލް އަކަށް ނޫނޭ ތައްޔާރު ވާންޖެހޭނީ. އާންމުންނަށް ލިބެންޖެހޭ ހުރިހާ އިރުޝާދުތަކާއި އަދި އާންމުންވެސް އެކަމަށް ތައްޔާރުކޮށްފައި އަދި ލޮކްޑައުންގެ ރިލީޒް ދޭނީ ސްޓޭޖް ވައިސްކޮށްތޯ ނުވަތަ ކިހާވަރެއްގެ ދުލެއްތޯ ދޭނީ. އެކަންތައް އެންއީއޯސީގެ ލެވެލްގައި ވަރަށް ބޮޑަށް މަޝްވަރާ ކުރެވިގެން ދާނީ.ޑރ އިބްރާހީމް އަފްޒަލް
ޑރ އަފްޒަލް ވިދާޅުވީ ކޭސް އަންނަ ވަރަށް ބަލާއިރު ލަފާކުރި ސަރޖް ނާންނަނަމަ ލޮކްޑައުން ނިންމާ ހުޅުވާލާނީ ކޮންއިރަކުންތޯ މަޝްވަރާކުރާނެ ކަމަށެވެ. އަދި މިހާރު މިފެންނަ ގޮތަށް ކޭސްތައް މަދުނަމަ އޭގެ މާނައަކީ ރައްކާތެރިކަމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތައް ރަނގަޅު ކަން ކަމަށް ޑރ އަފްޒަލް ވިދާޅުވި އެވެ.
އަދި މީހުން ދޭ އިރުޝާދުތަކަށް ބޯލަނބާކަން ވެސް އޭގެން އެނގޭ ކަމަށް ޑރ އަފްޒަލް ވިދާޅުވި އެވެ. މިގޮތަށް ކޭސްތައް ފެންނަނަމަ މިކަމާއި މެދު މަޝްވަރާކޮށް ގޮތެއް ނިންމާނެ ކަމަށް ޑރ އަފްޒަލް ވިދާޅުވި އެވެ.
މާލެ ސިޓީ ލޮކްޑައުން ކޮށްފައިވަނީ އޭޕްރީލް މަހުގެ 15 ވަނަ ދުވަހު ފުރަތަމަ ފަހަރަށް މާލެއިން މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ. އޭގެ ފަހުން ދެ ފަހަރަށް ލޮކްޑައުންގެ މުއްދަތު އިތުރު ކޮށްފައިވާއިރު މިހާރު އޮތް ގޮތުންނަމަ ލޮކްޑައުންގެ މުއްދަތު ހަމަވާނީ މިމަހުގެ 28 ވަނަ ދުވަހު އެވެ.