ކޮވިޑް-19 އަށް ފުލުހުންގެ ތެރެއިން 23 މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.
ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑާ ދެކޮޅަށް މަސައްކަތް ކުރަނިކޮށް ޕޮޒިޓިވްވި 23 ފުލުހުންގެ ހާލު ވެސް ރަނގަޅު ކަމަށެވެ. އެ 23 ފުލުހުންގެ އިތުރުން އެ މުއައްސަސާގައި މަސައްކަތް ކުރާ 293 މީހަކު ކޮވިޑް-19 އާ ގުޅިގެން އައިސޮލޭޓް ކޮށްފައިވާ ކަމަށް ސީޕީ ވިދާޅުވެފައިވެ އެވެ.
ސީޕީ ވަނީ މި ބަލިމަޑުކަމުގައި ޚިދުމަތުގައި ދެމިތިބޭ ތިބި ފުލުހުން މަދުވިޔަ ނުދިނުމަކީ މުހިންމު ކަމެއްކަން ފާހަގަ ކުރައްވައި ފުލުހުންގެ މެދުގައި ބަލި އިތުރަށް ފެތުރުނަ ނުދިނުމަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅަމުން އަންނަ ކަމަށް ވިދާޅުވެފަ އެވެ.
ފުލުހުންގެ ފޯސް ނިކަމެތި ނުވެ އޮތުން ވަރަށް މުހިއްމު. ސަރުކާރުގެ މި މަސައްކަތުގައި ބައިވެރިވާ ހިތްވަރުގަދަ އޮފިސަރުންނާއި މުވައްޒަފުންގެ ބުރަ މަސައްކަތަށް ސާބަސްދެންކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު
ފްރޮންޓް ލައިންގައި މަސައްކަތްކުރާ އެކި މުއައްސަސާތަކުގެ މީހުން ކޮވިޑް-19 އަށް އަންނަނީ ޕޮޒިޓިވްވަމުންނެވެ. ފްރޮންޓް ލައިންގައި މަސައްކަތްކުރާ އެކި މުއައްސަސާތައް ވަކިން ޚާއްސަކޮށް ސަލާމަތީ ބާރުތަކުގެ ތެރެއިން ވައިރަސްއަށް ޕޮޒިޓިވްވާ މީހުންގެ އަދަދުތައް ވަކިވަކިން ހާމަނުކުރުމަށް ވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީން ނިންމާފަ އެވެ.
ނަމަވެސް އެންމެފަހުން ސިފައިން ހާމަކުރި މައުލޫމާތަށް ބަލާއިރު ސިފައިންގެ 40 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ.
ފްރޮންޓް ލައިންގައި މަސައްކަތް 199 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް އެންމެ ފަހުން ކޮވިޑް-19 ގެ ޓާސްކް ފޯހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ ޑޮކްޓަރ، ޑރ އިބްރާހީމް އަފްޒަލް ވަނީ ވިދާޅުވެފަ އެވެ. މީގެތެރޭގައި ސިފައިންނާއި ފުލުހުންނާއި ސިއްހީ ޚިދުމަތްތެރިން ހިމެނެ އެވެ.