ލ. ކުނަހަންދޫގައި ކޮވިޑް-19އާ ގުޅިގެން ބޭނުން ކުރާ ސިއްހީ އާލަތްތައް ނެތް ކަމަށް ބުނެ ކައުންސިލުން ދެއްކި ވާހަކަތައް ކޮވިޑް-19 ޓާސްކްފޯހުގެ ތަރުޖަމާނު މަބްރޫކު ޢަޒީޒް ދޮގު ކުރައްވައިފިއެވެ.
ހޮނިހިރު ދުވަހުގެ ރޭ ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ)ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ ކުނަހަންދޫގައި ޕްރޮޓެކްޓިވް އެކިއުޕްމެންޓް ސްޓޮކް ހުސްވެފައިވާ ކަމަށް މީޑިއާގައި ރިޕޯޓު ކުރުމާ ގުޅިގެން ސްޓޮކްގައި ހުރި ވަރު ބަލާފައިވާ ކަމަށެވެ.
މަބްރޫކް ވިދާޅުވީ 150 މާސްކް، 1000 އަންގި، ޕީޕީއީގެ 3 ކިޓް އަދި ސެނިޓައިޒަރގެ 17 ފުޅި މިވަގުތު އެރަށުގެ ސިއްހީ މާރުކަޒުގައި އެބަހުރި ކަމަށެވެ.
މިއަދު އަޅުގަނޑުމެން ދެކުނިން ޚަބަރެއްގެ ގޮތުގައި އޮތްތަން ލ.ކުނަހަންދޫގައި ސްޓޮކް ހުސްވެފައި ހުރި ވާހަކަ. ޕްރޮޓެކްޓިވް އެކިއުޕްމެންޓްގެ.އެސްޓޮކް ހުރި އަދަދު އަޅުގަނޑުމެން ބަލާލިން.ކޮވިޑް-19 ޓާސްކްފޯހުގެ ތަރުޖަމާނު މަބްރޫކު ޢަޒީޒް
މަބްރޫކް މިހެން ވިދާޅުވެފައި މިވަނީ ކުނަހަންދޫގެ ސިއްހީ މަރުކަޒުގެ ހާލަތު ވަރަށް ދަށް ކަމަށާއި، ޕެނަޑޯލް ގުޅައެއް ލިބޭނެ ހާލަތު ވެސް ނެތް ކަމަށް އެރަށުގެ ކައުންސިލުން ބުނެފައިވަނިކޮށްށެވެ.
ރާއްޖެޓީވީގެ ކޮވިޑް-19ގެ ކަވަރޭޖަށް ދެއްވި ބަސްތީގަތުމެއްގައި ކުނަހަންދޫ ކައުންސިލްގެ ނައިބް ރައީސް ލިރްޣާމް ސައީދު ވިދާޅުވީ ރަށުގެ އާންމު ހާލަތު ރަނގަޅުވި ނަމަވެސް ސިއްހީ މަރުކަޒުގެ ހާލަތު އެހެން ރަށްރަށާއި އަޅާބަލާއިރު ވަރަށް ދަށް ކަމަށެވެ.
ލިރްޣާމް ވިދާޅުވީ ރައްޔިތުންގެ ރައްކާތެރިކަމަށް ގިނަ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ. ނަމަވެސް އަންގި، މާސްކް އަދި ޕީޕީއީ ލިބިފައި ނުވާ ކަމަށާއި، މިއާތްތައް ހޯދުމަށް ސަރުކާރުގައި އެދިފައިވާތާ ދޮޅު މަސް ދުވަސް ވެފައިވާ ކަމަށެވެ.