މި ވަގުތަށް ބޭނުންވާ ވަރަށް ދައުލަތުގައި ފައިސާ އެބަހުރި ކަމަށާއި، ފައިސާ ނެތި ރައްޔިތުން ހާސްވާ ހިސާބަށް އަދި ދާންނުޖެހޭ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.
ހޮނިހިރު ދުވަހު ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި ނޫސްވެެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ފިނޭންސް މިނިސްޓްރީގެ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވް، އަހުމަދު ސަރުވަޝް އާދަމް ވިދާޅުވީ، ބޭރުގެ ފައިސާ ހޯދަން ދައުލަތުގެ ކަންތައްތައް ރޭވިފައި ހުރި ރަނގަޅަށް ކަމަށާއި، ދައުލަތުގައި ފައިސާ ނެތިގެން ހާސްވާ ހިސާބަށް ކަންކަން ނުދާ ކަމަށެވެ. ނަމަވެސް 'ސްޓްރެޓިޖިކަލީ' މަސައްކަތްކޮށް ފައިސާގެ އެހީތެރިކަން ހޯދުމުގެ މަސައްކަތް ވަރަށް ބާރަށް ކުރަންޖެހޭކަން އެއީ ފެންނަން އޮތް ހަގީގަތެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސަރުވަޝް އިތުރަށް ވިދާޅުވީ، އެހީ ހޯދުމުގައި ދަތިތައް ހުރި ވާހަކަ މީގެކުރިން ފާހަގަކޮށްފައިވާނެ ކަމަށާއި އެހީ ލިބެނީ ދެ ފަރާތުގެ ދެމެދުގައި ވަރަށް ގިނަ މަޝްވަރާތަކެއް ކުރުމަށްފަހުގައި ކަމަށެވެ. ކުއްލިއަކަށް ދިމާވި ބަލިމަޑުކަމާއި ގުޅިގެން ހުރިހާ ގައުމެއްގެ އިގްތިސާދުވެސް ހީނަރުވެފައިވާ ދަނޑިވަޅެއްގައި ލޯނުގެ އެހީ ދެމުންގެންދާ ތަންތަނުންވެސް އޮތީ މިކަމަށް ތަައްޔާރު ނުވެކަން ސަރުވަޝް ވަނީ ފާހަގަ ކުރައްވާފަ އެވެ.
ސަރުވަޝް ވިދާޅުވީ، 'މަލްޓިލެޓެރަލް' ކުންފުނިތަކުން ދޫކުރުމުން ގެންދާ ލޯނުގެ އެހީތައް ހުރީ ދުނިޔެއަށް ކުރިމަތިވެފައިވާ ބަލިމަޑުކަމަށް ފެތޭގޮތަށް ނޫންކަމަށާއި މިހާރުވެސް ހުރި އުސޫލުތަކަށް އިސްލާހުތަކެއް ގެނެސް ކޮންމެވެސް ވަރެއްގެ އެހީތަކެއް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުން ދާކަމަށެވެ. 'މަލްޓިލެޓެރަލް' ކުންފުނިތަކުންވެސް ބައެއް ކަހަލަ ލަނޑުދަނޑިތަކެއް ހާސިލުކުރަން ބޭނުންވާކަމަށާއި އެގޮތުން ކުރެވޭ މަޝްވަރާތައް ފަސޭހަ ނޫންކަމަށް އޭނާ ވިދާޅުވިއެވެ.
އިތުރަށް ވާހަކަ ދައްކަވަމުން ސަރުވަޝް ވިދާޅުވީ މި ދަނޑިވަޅުގައި ލިބެމުން ދަނީ "މުޅި އެއްކޮށް ހިލޭ އެހީ" ނޫން ކަމަށެވެ. އޭގެތެރޭގައި ހިލޭ އެހީއާއި 'ކޮންސެޝަނަލް' ލޯނުވެސް ހިމެނޭކަމަށެވެ. އޭނާ ވިދާޅުވީ އިތުރު ފައިނޭންސިންގް ފެސިލިޓީތަކަށް ޕްރޮޕޯސަލް ހެދުމަށް ފަހު އެހީ ހޯދުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.