އިކޮނޮމިކް ރިލީފް ސްކީމްގެ ތެރެއިން މިހާތަނަށް ޖުމުލަ 115.8 މިލިއަން ރުފިޔާގެ ލޯނު ދޫކުރެވިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފި އެވެ.
މި ލޯނު ފައިސާގެ ތެރެއިން 109.6 މިލިއަން ރުފިޔާ ދޫކޮށްފައިވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިންނެވެ. އަދި އަނެއް 6.2 މިލިއަން ރުފިޔާ ދޫކޮށްފައިވަނީ އެސްއެމްއީ ފައިނޭންސް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެސްޑީއެފްސީ) މެދުވެރިކޮށެވެ.
ހޮނިހިރު ދުވަހުގެ މެންދުރު ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރ އަމީރު ވިދާޅުވީ، އިކޮނޮމިކް ރިލީފް ޕެކޭޖުގެ ދަށުން ބޭންކް އޮފް މޯލްޑިވިސް އިން މިހާތަނަށް 111 ފަރާތަކަށް ލޯނު އެޕްރޫވް ވެފައިވާކަމަށެވެ. އެގޮތުން، 103 ފަރާތަކަށް ލޯނު ދޭން ހުއްދަ (ސެންކްޝަންޑް) ވެފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ނަމަވެސް މިހާތަނަށް ލޯނު ދޫކޮށްފައިވަނީ 83 ފަރާތަކައް 109.6 މިލިއަން ރުފިޔާ ކަމަށެވެ.
އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ދޫކުރުމަށް ހަމަޖެހިފައިވާ ލޯނުތަކުގެ ތަފުސީލު ހިއްސާ ކުރައްވަމުން މިނިސްޓަރ އަމީރު ވިދާޅުވީ، މިހާތަނަށް 380 ފަރާތަކަށް ލޯން އެޕްރޫވްވެފައިވާކަމަށާއި އޭގެ ޖުމްލަ އަދަދު 72 މިލިއަން ރުފިޔާއަށް އަރާކަމަށެވެ. މިހާތަނަށް އެސްޑީއެފްސީން ލޯބން ދޫކޮށްފައިވަނީ 76 ފަރާތަކަށެވެ. އެއީ 6.2 މިލިއަން ރުފިޔާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ކޮވިޑް-19 އާ ގުޅިގެން މާލީ ގޮތުން ދަތިތަކާ ކުރިމަތިވެފައިވާ އާންމު ފަރުދުންނާއި، ވިޔަފާރިތަކަށް ޢަމާޒުކޮށްގެން ސަރުކާރުން ޤާއިމުކޮށްފައިވާ ރިކަވަރީ ސްކީމް ގެ ދަށުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ފައިނޭންސްކޮށް ދިނުމަށް ހަމަޖެހިފައިވަނީ ރިސޯޓުތަކަށް އަހަރެއްގެ މައްޗަށް ޓަރން އޯވަރގެ ގޮތުގައި 10 މިލިއަނަށް ވުރެ މަތީ ޢަދަދެއް ހޯދައިފައިވާ ވިޔަފާރި ތަކަށެވެ.
2019 ވަނަ އަހަރު އާމްދަނީގެ ގޮތުގައި 10 މިލިއަން ރުފިޔާއަށްވުރެ މަދުން ލިބިފައިވާ، ޓޫރިސްޓް ރިސޯޓު ނޫން އެހެނިހެން ވިޔަފާރިތަކަށް ވަކިން ކެޕިޓަލް ލޯނު ދޫކުރުމަށް ހަމަޖެހިފައި ވަނީ އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން މެދުވެރިކޮށެވެ. އަދި އަމިއްލަ މަސައްކަތް ކުރާ ފަރުދުންނަށް ދޭ ލޯނު ދޫކުރުމަށް ހަމަޖެހިފައި ވަނީވެސް އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން މެދުވެރިކޮށެވެ.