ކ. މާލެ
|
15 މެއި 2020 | ހުކުރު 19:29
ރައީސް އޮފީސް - ކޮވިޑް-19 ކޮންޓްރޯލްކުރުމަށް ސަރުކާރުގެ އޮފީސްތައް ވަނީ ބަންދުކޮށްފައި
ރައީސް އޮފީސް - ކޮވިޑް-19 ކޮންޓްރޯލްކުރުމަށް ސަރުކާރުގެ އޮފީސްތައް ވަނީ ބަންދުކޮށްފައި
އަޒުމޫން އަހުމަދު
ސަރުކާރުގެ އޮފީސްތައް ބަންދުކުރުން
މިމަހުގެ 28ގެ ނިޔަލަށް ސަރުކާރުގެ އޮފީސްތައް ބަންދުކޮށްފި
ކޮވިޑް-19ން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅެއް
އަސާސީ ޚިދުމަތްތައް ދިނުމުގައި ކުރިއެކޭ އެއްގޮތަށް އަމަލު ކުރަންޖެހޭ
އޮންލައިންކޮށް ބައެއް ޚިދުމަތްތައް ފޯރުކޮށްދެމުންދޭ

ކޮވިޑް-19އާ ގުޅިގެން މިމަހުގެ 28 ވަނަ ދުވަހު ނިޔަލަށް ސަރުކާރުގެ އޮފީސްތައް ނުހުޅުވާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ހަމަޖައްސަވައިފިއެވެ.

ރައީސް އޮފީހުން ބުނީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް، މާލޭގައި (މާލެ، ހުޅުމާލެ، ވިލިމާލެ) މަގުމައްޗަށް ނުކުމެއުޅުމާއި އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާކޮށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީން އިން ނެރެފައިވާ އަމުރުގެ މުއްދަތު 28 މޭ 2020 ގެ ނިޔަލަށް ދެމެހެއްޓުމަށް އެ އޭޖެންސީން ނިންމާފައިވާތީ، އެ އަމުރު ތަންފީޒު ކުރުމުގެ ގޮތުން، 2020 މޭ މަހުގެ 17 ވަނަ ދުވަހުން ފެށިގެން މޭ މަހުގެ 28 ވަނަ ދުވަހު ނިޔަލަށް ސަރުކާރުގެ އޮފީސްތައް ނުހުޅުވާގޮތަށް ނިންމާފައިވާ ކަމަށެވެ.

ރައީސް އޮފީހުން ބުނީ ކޮވިޑް-19 އާ ގުޅިގެން، އަޅަންޖެހޭ ފިޔަވަޅުތަކާއި ރައްޔިތުންނަށް ދޭންޖެހޭ އަސާސީ ޚިދުމަތްތައް ދިނުމުގައި، މިހާރު ވެސް އަމަލުކުރަމުން އަންނަ ގޮތަށް ކުރިއަށް ގެންދިއުމަށެވެ. އަދި ބަލިޖެހޭ މީހުންނަށް ފަރުވާދިނުމާއި، ބަލިޖެހޭ މީހުންގެ ފަރާތުން އެހެން މީހުންނަށް ބަލިފެތުރުން ކުޑަކުރުމަށްޓަކައި ދައުލަތުގެ މުވައްޒަފުންގެ އެހީތެރިކަން ހޯދުމަށް ސަރުކާރުގެ އޮފީސްތަކަށް ރައީސް ވަނީ އަންގަވާފައެވެ.

ރައީސް އޮފީހުން ބުނީ ކުރިއެކޭވެސް އެއްގޮތަށް މި ދުވަސްތަކުގެ ތެރޭގައިވެސް ގޭގައި ތިބެގެން ކުރެވެން ހުރި މަސައްކަތްތައް، ގޭގައި ތިބެގެން ކުރަމުން ގެންދިއުމަށެވެ. އަދި ސަރުކާރުގެ އިދާރާތަކުން އޮންލައިންކޮށް ދެއްވެން ހުރި ހުރިހާ ޚިދުމަތްތަކެއް އޮންލައިންކޮށް ދެމުން ގެންދަން ވެސް ރައީސް ވަނީ އޮފީސްތަކަށް އަންގަވާފައެވެ.

- ކޮމެންޓް