ކ. މާލެ
|
15 މެއި 2020 | ހުކުރު 23:03
އައްޑޫ ސިޓީގެ މޭޔަރ އަބްދުﷲ ސާދިގު
އައްޑޫ ސިޓީގެ މޭޔަރ އަބްދުﷲ ސާދިގު
އައްޑޫ ސިޓީ ކައުންސިލް
އައްޑޫގައި ކޮވިޑު ހޮސްޕިޓަލް ގާއިމުކުރުން
އައްޑޫ ކޮވިޑް ހޮސްޕިޓަލް މިމަހުގެ 20ށް ނިމޭނެ: މޭޔަރު
އައްޑޫގައި ކޮވިޑް-19 އަށް ހާއްސަ ހޮސްޕިޓަލެއް ހަދަމުންދާ ކަމަށް ބުނެފައިވަނީ މިދިޔަ މަހުގެ 20 ވަނަ ދުވަހު
ހޮސްޕިޓަލުގައި 23 އައިސީޔޫ އެނދާއި، 22 އައިސޮލޭޝަން އެނދު ހިމެނޭ

އައްޑޫ ސިޓީގައި ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކޮވިޑް-19 އަށް ޚާއްސަ ހޮސްޕިޓަލް މި މަހުގެ 20ށް ނިންމާލެވޭނެ ކަމަށް އައްޑޫ ސިޓީގެ މޭޔަރ އަބްދުﷲ ސާދިގު (ސޯބެ) ވިދާޅުވެއްޖެ އެވެ.

ހުކުރު ދުވަހު އައްޑޫ އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އޭއީއޯސީ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޭޔަރ ވަނީ އައްޑޫ ކޮވިޑް ހޮސްޕިޓަލު އެ ތާރީހަށް ނިމިގެންދާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް އަރުވާފަ އެވެ.

އައްޑޫ ކޮވިޑް ހޮސްޕިޓަލު ގާއިމްކުރުމަށް ހިތަދޫ ކުރީގެ ރީޖަނަލް ހޮސްޕިޓަލް (އެޗްއާރްއެޗް) ހިންގި އިމާރާތް ނަގައިފައިވާއިރު، ކަރަންޓުގެ މަސައްކަތްތަކާއި މަރާމާތުގެ މަސައްކަތްތައް ނިމިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ. މިހާރު ކުރެވެމުންދާ މަސައްކަތަކީ އެތަނަށް ބޭނުންވާ ވަސީލަތްތައް ގެނައުން ކަމަށް ސޯބެ ވިދާޅުވި އެވެ.

މީގެ އިތުރުން، އެ ހޮސްޕިޓަލުގައި އޮކްސިޖަން އުފެއްދޭނެ އިންތިޒާމެއް ނެތުމުން އައްޑޫ ހޮސްޕިޓަލުން އެ ހޮސްޕިޓަލަށް އޮކްސިޖަން ފޯރުކޮށްދިނުމުގެ ކަންކަން ވެސް ހަމަޖެހިފައިވާ ކަމަށް ސޯބެ ވިދާޅުވި އެވެ.

އައްޑޫގައި ކޮވިޑް-19 އަށް ހާއްސަ ހޮސްޕިޓަލެއް ހަދަމުންދާ ކަމަށް ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން (އެންއީއޯސީ)ން ބުނެފައިވަނީ މިދިޔަ މަހުގެ 20 ވަނަ ދުވަހު އެވެ. އެގޮތުން، 23 އައިސީޔޫ އެނދާއި، 22 އައިސޮލޭޝަން އެނދު ހިމެނޭ ގޮތަށް އެ އިމާރާތަށް ބަދަލުތަކެއް ގެންނާނެ ކަމަށް އޭރު މައުލޫމާތު ދީފައި ވެއެވެ.

އައްޑޫގައި ކޮވިޑަށް ޓެސްޓު ނުކުރެވޭތީ ގިނަބަޔަކު ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، އައްޑު ސިޓީގެ މޭޔަރ ވިދާޅުވީ އައްޑޫގައި ޓެސްޓު ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ސަރުކާރުން ކުރަމުންކަމަށެވެ. އަދި ވަރަށް އަވަސް މުސްތަގުބަލެއްގައި އެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށް ވިދާޅުވި އެވެ.

- ކޮމެންޓް