ރާއްޖޭގައި ތިބި ޕާކިސްތާނުގެ 43 މީހަކު ގައުމަށް ގެންގޮސްފި އެވެ.
ރާއްޖޭގައި ހުންނަ ޕާކިސްތާނުގެ އެމްބަސީ އިން ކޮށްފައިވާ ޓްވީޓެއްގައި ބުނީ، ސްރީލަންކަން އެއަރލައިންސް ގެ ހާއްސަ ފްލައިޓެއްގައި، ރާއްޖޭގައި ތިބި ޕާކިސްތާނުގެ 43 މީހަކު އަނބުރާ ގައުމަށް ގެންގޮސްފައިވާ ކަމަށެވެ.
މި އެންމެން ޕާކިސްތާނަށް ގޮސްފައިވަނީ ލަންކާ މަގުންނެވެ. އެމްބަސީން ވަނީ ވަނީ އެ ގައުމުގެ ރައްޔިތުން ގައުމަށް ފޮނުވައިދިނުމުގައި ދިވެހި ސަރުކާރުން ވެދިން އެހީތެރި ކަމަށް ޝުކުރު އަދާކޮށްފަ އެވެ.
ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ޕާކިސްތާނުގެ ތިން މީހަކު ހިމެނެ އެވެ. މީގެ ތެރެއިން އެކަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައި އެވެ. އޭނާގެ ހާލު ދެރަވެގެން އޮކްސިޖަން ސަޕޯޓް ވަނީ ދީފަ އެވެ. އޭނާގެ ހާލަތުގެ އިތުރު މައުލޫމާތެއް މިހާތަނަށް ކަމާއިބެހޭ އިދާރާތަކުން ހިއްސާކޮށްފައެއް ނުވެ އެވެ.
ޕާކިސްތާނުގައި ވެސް ކޮވިޑް-19 ދަނީ ހަލުވިކަމާއި އެކު ފެތުރެމުންނެވެ. މިހާތަނަށް އެ ގައުމުން 35 ހާހަށްވުރެ ގިނަ މީހުން ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ. ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް 9695 މީހެއްގެ ބަލި ވަނީ ފަސޭހަވެފަ އެވެ. އަދި 770 މީހަކު ވަނީ މަރުވެފައެވެ. ބަލި އެންމެ ހަލުވި މިނެއްގައި ފެތުރެމުންދަނީ ބަލޮޗިސްތާން ޕްރޮވިންސްގަ އެވެ.