ދުނިޔޭގެ އެކި ހިސާބުތަކުގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް-19 ގައި މަރުވި މީހުންގެ އަދަދު 300،000ށް ވުރެ މައްޗަށް އަރައިފި އެވެ.
ޖޯން ހޮޕްކިންސް ޔުނިވަރސިޓީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ބުރާސްފަތި ދުވަހާ ހަމައަށް 301،000 އަށްވުރެ މައްޗަށް ކޮވިޑް-19 ޖެހިގެން މުޅި ދުނިޔޭގައި މަރުވި މީހުންގެ އަދަދު ވަނީ އަރާފަ އެވެ. މިއީ ބަލި ޖެހުނު މީހުންގެ 15 އިންސައްތަ އެވެ.
މީގެ އިތުރުން ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 4.5 މިލިއަނަށްވުރެ މައްޗަށް އަރާފަ އެވެ. އަދި ބަލިޖެހިގެން ރަނގަޅުވި މީހުންގެ އަދަދު ވަނީ 1.7 މިލިއަނަށްވުރެ މައްޗަށް އަރާފަ އެވެ. މިއީ ބަލި ޖެހުނު މީހުންގެ 85 އިންސައްތަ އެވެ.
ބަލި ޖެހި ފަރުވާ ދެމުންދާ މީހުންގެ ތެރެއިން 2.4 މިލިއަން މީހުންނަކީ އާންމު ހާލަތުގައި ފަރުވާ ދެމުން އަންނަ މީހުންނެވެ. މިއީ އެކްޓިވް ކޭސްގެ 98 އިންސައްތަ އެވެ. އަދި ކްރިޓިކަލް ހާލަތުގައި 45 ހާހަށްވުރެ ގިނަ މީހުންނަކީ ކްރިޓިކަލް ހާލަތުގައި ފަރުވާ ދެމުން އަންނަ މީހުންނެވެ. މިއީ އެކްޓިވް ކޭސްގެ 2 އިންސައްތަ އެވެ.
މިހާތަނަށް އެންމެ ގިނަ ކޭސް ރިޕޯޓްކޮށްފައިވަނީ އެމެރިކާއިންނެވެ. އެމެރިކާއިން 1.4 މިލިއަނަށްވުރެ ގިނަ މީހުންނަށް ބަލި ޖެހިފައިވާ އިރު، މިއީ މުޅި ދުނިޔޭގައި ބަލި ޖެހުނު މީހުންގެ ހަތަރުބައިކުޅަ އެއްބައެވެ. އެމެރިކާގައި މިހާތަނަށް 86،000 ށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.
ބުރާސްފަތި ދުވަހުގެ ތަފަސް ހިސާބުތައް ދައްކާގޮތުން އެ ދުވަހު އެކަނި ވަނީ 94،000 ށް ވުރެ ގިނަ މީހުން މުޅި ދުނިޔެއިން ޕޮޒިޓިވްވެފަ އެވެ. އަދި 5000 ށް ވުރެ ގިނަ މީހުން ވަނި މަރުވެފަ އެވެ.