ވ އަތޮޅުން ފެށިގެން ގދ އަތޮޅަށް ވައިޓް އެލަރޓް ނެރެފި އެވެ.
މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ބުނީ މިރޭ 130 ން ފެށިގެން ހުކުރު ދުވަހުގެ ހެނދުނު 730 އާ ހަމައަށް މިސަރަހައްދަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަ ވާނެކަމަށްވެސް މެޓް އޮފީހުން ބުނެ އެވެ.
މީގެއިތުރުން މެޓް އޮފީހުން ބުނީ ހުކުރު ދުވަހުގެ ރޭ 8 ޖެހުމާ ހަމައަށް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެ ކަމަށެވެ. އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހެނޭ ކަމަށް ލަފާކުރެވޭ ކަމަށްވެސް މެޓް އޮފީހުން ބުނެ އެވެ.
އުތުރުގެ އަތޮޅުތަކަށް ހުޅަނގުއުތުރާއި އުތުރުން ގަޑިއަކު 7 މޭލާ 16 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އެހެންހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 15 މޭލާ 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް މެޓް އޮފީހުން ބުނެ އެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލާ 50 މޭލާ ދެމެދުގެ ބާރުމިނަކަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ބުނެ އެވެ.
އުތުރު އަތޮޅުތަކުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވާނެ ކަމަށާއި މެދުތެރެއާއި ދެކުނު އަތޮޅުތަކުގެ ކަނޑުތައް ގަދަވާނެ ކަމަށްވެސް މެޓް އޮފީހުން ވަނީ ލަފާކޮށްފަ އެވެ. އަދި ވިލާގަނޑުގައި ހުރިހާ ހިސާބެއްގެ ކަނޑުތައްވެސް އިތުރަށް ގަދަވެގެންދާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ބުނެ އެވެ.
ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ދެކުނާއި މެދުތެރޭގެ ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް މެޓް އޮފީހުން ބުނެ އެވެ.
މެޓް އޮފީހުން ވަނީ އާންމުކޮށް ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް އެދިފަ އެވެ.