ރާއްޖޭގައި މަސައްކަތް ކުރާ ބަންގްލަދޭޝްގެ 500 އަށް ވުރެ ގިނަ މީހުން ގައުމަށް ފޮނުވާލުމަށް ހަމަޖެހިފައިވާ ކަމަށް ސަރުކާރުން ބުނެފި އެވެ.
ބުރާސްފަތި ދުވަހުގެ ރޭ އެންއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ ބަންގްލަދޭޝްގެ ރައްޔިތުން ރާއްޖެ އިން ފޮނުވާލުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން. މި ހިނގާ މެއި މަހުގެ 16 ވަނަ ދުވަހު ދެ ފްލައިޓެއްގައި މީހުން ދަތުރުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މި ފްލައިޓްތަކުގައި ޖުމްލަ 500 އަށް ވުރެ ގިނަ މީހުން އަނބުރާ ގައުމަށް ދާނެ ކަމަށާއި ފްލައިޓްތައް އިންތިޒާމް ކުރެވެނީ މޯލްޑިވިއަން އާއި ބިމާން އެއާރލައިން ގުޅިގެންކަމަށް މަބްރޫކް ވިދާޅުވި އެވެ.
ރާއްޖޭގައި ކޮވިޑް-19 ފެތުރެމުންދާއިރު މާލޭގައި ތޮއްޖެހިގެން ބިދޭސީން ދިރިއުޅޭ ތަންތަނުން ގިނަ އަދަދެއްގެ ބަންގްލަދޭޝް މީހުން ވަނީ ބައްޔަށް ޕޮޒިޓިވްވެފަ އެވެ. މީގެ ތެރޭގައި ގިނައީ އެކްޓިވް ސަރވައިލެންސްގެ ތެރެއިން ދެނެގަނެފައިވާ ތަންތަނުގެ ތެރޭގައި ދިރިއުޅެމުން އައި ފަރާތްތަކެވެ. މިފަދަ ތަންތަނަކީ ގިނަ ބަޔަކު ތޮއްޖެހިން ދިރިއުޅެމުން ދިޔަ ތަންތަނެވެ.
މިފަދަ ތަންތަނަކީ ބަލި ފެތުރުމުގެ ނުރައްކާ އެންމެ ބޮޑު ތަންތަނުގެ ގޮތުގައި ކަނޑައަޅައިގެން މިތަންތަނުގައި ދިރިއުޅޭ ފަރާތްތައް، ދައުލަތުގެ ބެލުމުގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް އޭޕްރިލް މަހުގެ މެދު ތެރޭގައި ވަނީ ފަށާފަ އެވެ. އެގޮތުން ބައެއް ބިދޭސީން ހުޅުމާލެ އަދި ގުޅީފަޅުގައި ގާއިމްކޮށްފައިވާ ބައެއް ފެސިލިޓީތަކަށް ވަނީ ބަދަލުކޮށްފަ އެވެ.