ރަޝިޔާގެ މެޓްރޯ ސްޓޭޝަނަށް ދިން ބޮމުގެ ހަމަލާގެ ތުހުމަތު ކިރިގިސްތާނަށް އުފަން ރަޝިޔާގެ މީހަކަށް ކުރެވިއްޖެއެވެ.
ރަޝިޔާގެ ރައީސް ވުލަޑިމިއަރ ޕުޓިންގގެ އުފަންވެ ވަޑައިގެންނެވި ރަށް ކަމުގައިވާ އަދި އެންމެބޮޑު ސިޓީގައި ދިން މިހަމަލާގައި 14 މީހުން މަރުވެ 45 މީހުން ޒަޚަމްވެފައިވާއިރު މިހަމަލާގެ ޒިންމާ އަދި އެއްވެސް ބަޔަކު ނަގާފައެއް ނުވެއެވެ.
ނަމަވެސް ރަޝިޔާގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީން އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެބޮން ގޮއްވުމުގެ ހާދިސާގެ ފަހަތުގައި ވަނީ ކިރިގިސްތާނަށް އުފަން ރަޝިޔާ މީހެއް ކަމަށް ތުހުމަތު ކުރެވިފައިވާ ކަމަށެވެ. އަދި މިހާތަނަށް ހޯދުނު ހޯދުން ތަކުން އެއީ އަކްބަރޒޮހްން ޑްޒަލިލޯ ކަމަށް އެނގިފައިވާ ކަމަށެވެ.
ކިރިގިސްތާނުގެ އިންޓަރލިޖެންސް އެޖެންސީން ބުނެފައިވަނީ އެހަމަލާއާ ގުޅިގެން 21 އަހަރާއި 22 އަހަރާ ދެމެދުގެ މީހެއްގެ ވާހަކަ އެއެޖެންސީއާ ހިއްސާކޮށްފައިވާ ކަމަށާއި ނަމަވެސް އެކަމުގައި އޭނާގެ ސީދާ ރޯލަކީ ކޮބައިކަމެއް ރަޝިޔާއިން ބުނެފައި ނުވާ ކަމަށެވެ. ނަމަވެސް ރަޝިޔާއާއެކު އެތަހުގީގަށް ފުރިހަމައަށް އެއްބާރުލުން ދޭނެ ކަމަށް ކިރިގިސްތާނުގެ އިންޓަރލިޖެންސ އޭޖެންސީން ވަނީ ބުނެފައެވެ.
ބޮމުގެ ހަމަލާއަކީ ޖާނުން ފިދާވެގެން ދިން ހަމަލާއެއް ކަމެއް ނުވަތަ ހަމަލާ ދިނުމަށްފަހު ފިލަން މަސައްކަތް ކޮށްފައިވާކަމެއްވެސް މިހާތަނަށް ރަޝިޔާއިންވެސް އަދި ކިރިގިސްތާނަކުންވެސް ހާމަކޮށްފައެއް ނުވެއެވެ.
ނަމަވެސް ދަ އިންޓަރފެކްސް ނިއުސް އެޖެންސީން ބުނެފައިވަނީ ކަމާގުޅޭ މުއައްސަސާތަކުން ބުނެފައިވަނީ ތުހުމަތު ކުރެވެނީ ހައްދުފަހަނައަޅާފައިވާ މުސްލިމް ޖަމާއާތަކަށް ކަމަށާއި ހަމަލާ ދިނުމަށް ގޮވާތަކެތި އަތްދަބަހަކަށް އަޅައިގެން އުފުލާފައިވާ ކަމަށް ބެލޭ ކަމަށެވެ.