ކުރީގެ ރައީސް ޢަބްދުﷲ ޔާމީނުގެ ސަަރުކާރުގައި ހިންގި ބޮޑު ޚިޔާނާތުގެ މައްސަލަ ކަމަށްވާ، މޯލްޑިވްސް މަރކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ޚިޔާނާތުގެ މައްސަލައިގެ ތަޙުޤީޤު ވަރުގަދަ ކުރުމުގެ ގޮތުން އިތުރު ވަޞީލަތްތައް ބޭނުން ކުރަން ފަށައިފި އެވެ.
އެމްއެމްޕީއާރްސީގެ މައްސަލަ ބަލަމުން ދަނީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު އެކުލަވާލާފައިވާ އެސެޓް އެންޑް ރިކަވަރީ ކޮމިޝަނުންނެވެ. ބުރާސްފަތި ދުވަހު ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެމްއެމްޕީއާރްސީގެ މައްސަލަ ބެލުމަށް އެކުލަވާލާފައިވާ ޖޮއިންޓް އިންވެސްޓިގޭޝަން ސުޕަވައިޒަރީ ގްރޫޕްގެ ބައްދަލުވުމެއް އޮންލައިންކޮށް ކުރިޔަށް ގެންގޮސްފައިވާ ކަމަށެވެ. ސީޕީ ވިދާޅުވީ، އެމްއެމްޕީއާރްސީގެ ތަޙުޤީޤު އިތުރަށް ވަރުގަދަ ކުރަން އިތުރު ވަޞީލަތްތައް ބޭނުންކުރަން އެ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ.
ރާއްޖޭގެ ތާރީޚުގައި ވެސް ހިނގައިގެން ދިޔަ އެންމެ ބޮޑު އެއް ޚީޔާނާތުގެ މައްސަލައިގައި ހިމެނޭ ރަށްތަކުގެ ތެރެއިން މިހާރު ބައެއް ރަށްތަކުގައި ރިސޯޓުތައް ތަރައްޤީކޮށް އަންނަނީ ހިންގަމުންނެވެ. ނަމަވެސް، މި ތަޙުޤީޤު ނިމުނުހާ އަވަހަކަށް ރަށްތަކަށް ހަމަ އަގު ހޯދާނެ ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ވަނީ ވިދާޅުވެފަ އެވެ.
އެމްއެމްޕީއާރްސީން ޚިޔާނާތްތެރިވީ ފައިސާގެ ތެރެއިން އޭރާއި މިހާރުގެ ސަރުކާރުގައި ތިއްބެވި އިސްވެރިންނަށާއި، މަޖިލިސް މެންބަރުންނަށާއި، ފަނޑިޔާރުންނާއި އަދި މުއައްސަސާތަކުގެ އިސްވެރިންތަކަކަށް މަންފާ ވެފައިވާ ކަމަށް ވަނީ ހާމަވެފައެވެ.