ކޮވިޑް-19 އަށް ޓެސްޓުކުރުމަށްޓަކައި މާފުށި ޖަލުން ނެގި ހުރިހާ ސާމްޕަލެއްގެ ނަތީޖާ ނެގެޓިވްވެއްޖެ އެވެ.
މާފުުށީ ޖަލުން 38 ރެންޑަމް ސާމްޕަލެއް ނެގިފައިވެއެވެ. އެ ސާމްޕަލްތަކުގެ ނަތީޖާ ނެގެޓިވްކަން ހާމަކޮށް، ކަރެކްޝަނަލް ސަރވިސް އިން ބުނީ މާފުށީ ޖަލުން ކޮވިޑް 19 އަށް ތަޙުލީލު ކުރުމަށްޓަކައި ނެގުނު 38 ރެންޑަމް ސާމްޕަލް ނެގެޓިވްވެފައިވާކަން އެޗްޕީއޭއިން ކަށަވަރު ކޮށްދެއްވާފައިވާކަމަށެވެ.
އޭގެއިތުރުން ހުޅުމާލޭ ޖަލުގައި ހުކުމް ތަންފީޒްކުރަމުންގެންދިޔަ އުމުރުން 92 އަހަރުގެ ގައިދީއެއް ނިޔާވެފައިވާއިރު، އެ މީހާވެސް ވަނީ ކޮވޑް-19 އަށް ޓެސްޓްކޮށްފަ އެވެ. ކަރެކްޝަނަލް ސަރވިސްއިން ބުނީ ހުޅުމާލެ ޖަލުން ނިޔާވި ޤައިދީ ކޮވިޑް 19 އަށް ތަޙުލީލު ކުރުމަށްޓަކައި ނެގުނު ސާމްޕަލް ނެގެޓިވް ވެފައިވާކަމަށެވެ.
ކޮވިޑް-19 ފެތުރިފައިވާ މިންވަރު ދެނެގަތުމަށާއި، އެ ބަލީގެ ނުރައްކާތެރިކަން އޮތް މިންވަރު ބެލުމަށް އެޗްޕީއޭއިން އަންނަނީ އެކި އިދާރާތަކުގެ މުވައްޒިފުންނާއި، ހިދުމަތް ހޯދާ ފަރާތްތަކުގެ ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް ކުރިއަށްގެެންދަމުންނެވެ. މީގެކުރިން ވެމްކޯގެ މުވައްޒިފުންގެ ސާމްޕަލްތައްވެސް ނަގާފައިވާއިރު، އެ ހުރިހާ ސާމްޕަލެއްގެ ނަތީޖާ ވަނީ ނެގެޓިވްވެފަ އެވެ.
ރާއްޖެއިން މިހާތަނަށް 955 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު، އޭގެތެރެއިން 4 މީހުން ވަނީ ނިޔާވެފަ އެވެ.