ކޮވިޑް-19 އާ ގުޅިގެން އުފައްދާފައިވާ ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)އަށް ބަގީތަކެއް ޓޫރިޒަމް މިނިސްޓްރީން ހަދިޔާ ކޮށްފި އެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ މި ބަގީތައް ހަދިޔާ ކުރީ އެންއީއޯސީގެ ރެޕިޑް ރެސްޕޮންސް ޓީމަށް ކަމަށެވެ. އަދި ހަ އިލެކްޓްރިކް ބަގީތަކަކީ އެެންއީއޯސީން އެދުމުން ހަދިޔާ ކުރިތަކެތި ކަމަށެވެ.
މާލެސިޓީގައި ކޮވިޑް-19 ފެތުރެމުންދާތީ ވައިރަސްއަށް ޓެސްޓު ކުރުން ވަނީ އިތުރުކޮށްފައެވެ. އެގޮތުން ރެންޑަމް ސާމްޕަލްތަކެއް ވެސް ނެގުމުގެ މަސައްކަތް އެންއީއޯސީން ދަނީ ކުރަމުންނެވެ. މި މަސައްކަތުގެ ތެރެއިން ސާމްޕަލްތައް ނެގުމަށް ދާން ކުޑަ ވެހިކަލްއެއް ބޭނުންވާކަން މިނިސްޓްރީ އަށް އެންއީއޯސީން އަންގާފައި ވެއެވެ.
މިހަދިޔާ ކުރެވުނު ބަގީތަކުން މަސައްކަތަށް އިތުރު ލުއިތަކެއް ލިބިގެންދާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ.
ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ކުރާ މަސައްކަތްތަކުގައި ގިނަ ފަރާތްތަކުގެ އެއްބާރުލުން ލިބޭކަން ފާހަގަކޮށް ޓޫރިޒަމް މިނިސްޓްރީން ޝުކުރު އަދާކޮށްފައި ވެއެވެ.
އެންއީއޯސީ އަށް ބުދަ ދުވަހު ހަދިޔާ ކުރި މިބަގީތަކަކީ ސައި ލެގޫން މޯލްޑިވްސް އާއި ކްރޮސް ރޯޑުން ހިންގާ ހާޑް ރޮކް އިން ދީފައިވާ ތަކެއްޗެވެ.