ކޮވިޑް-19 އާއި ގުޅިގެން ފްރަންޓްލައިންގައި މަސައްކަތްކުރާ 137 މީހަކު ޕޮޒިޓިވް ވެފައިވާކަމަށް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެ އެވެ.
ބުދަ ދުވަހުގެ ރޭ ނެޝަނަލް އިމަރޖެންސީ ސެންޓަރު ގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވިދާޅުވީ، ފްރަންޓްލައިންގައި މަސައްކަތް ކުރާ މީހުންގެ ގޮތުގައި ބަލާފައިވަނީ ސިއްހީ ގޮތުން މަސައްކަތްކުރައްވާ ފަރާތްތަކާއި ޕޮއިންޓް އޮފް އެންޓްރީސްގައި މަސައްކަތް ކުރާ ފާރާތްތަކާއި އެކު ޖުމްލަ 137 މީހަކު ޕޮޒިޓިވްވެފައިވާކަމަށެވެ.
ޑރ. އަފްޒަލް ހިއްސާކުރައްވައިފައިވަނީ 16 އޭޕްރީލްއާއި މެއި މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ނަގާފައި ހުރި ތަފާސްހިސާބުތަކެވެ. މީގެ ތެރޭގައި ހިމެނޭ ފަރާތްތައް ސީދާ ނިސްބަތްވަނީ ކޮން ދާއިރާއަކަށް ކަމެއް ވިދާޅެއް ނުވެ އެވެ.
މިހާތަނަށް ފްރަންޓްލައިންގައި މަސައްކަތްކުރާ ފަރާތްތަކުގެ ތެރެއިން ޕޮޒިޓިވްވީ ފަރާތްތައް
- 16-އޭޕްރީލް : 1 ކޭސް
- 20-އޭޕްރީލް : 2 ކޭސް
- 23-އޭޕްރީލް : 2 ކޭސް
- 26-އޭޕްރީލް : 6 ކޭސް
- 27-އޭޕްރީލް : 3 ކޭސް
- 29-އޭޕްރީލް : 22 ކޭސް
- 30-އޭޕްރީލް : 4 ކޭސް
- 01-މެއި : 1 ކޭސް
- 02-މެއި : 7 ކޭސް
- 04-މެއި : 3 ކޭސް
- 05-މެއި : 5 ކޭސް
- 06-މެއި : 1 ކޭސް
- 07-މެއި : 1 ކޭސް
- 08-މެއި : 47 ކޭސް
- 09-މެއި : 9 ކޭސް
- 10-މެއި : 15 ކޭސް
- 11-މެއި : 4 ކޭސް
- 12-މެއި : 4 ކޭސް
ތަފާސްހިސާބުތައް ދައްކާގޮތުން އެންމެ ގިނައިން ފްރޮންޓްލައިންގައި މަސައްކަތްކުރާ މީހުން ޕޮޒިޓިވްވެފައިވަނީ މެއި މަހުގެ 8 ވަނަ ދުވަހުގަ އެވެ. އެ ދުވަހު 47 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ.
ރާއްޖެއިން ފެނިފައިވާ ބޮޑެތި ކްލަސްޓަރތަކުގެ ތެރޭގައި ވެސް މި ފަރާތްތައް ހިމެނާކަމަށް ޑރ. އަފްޒަލް ވިދާޅުވި އެވެ. ފްރަންޓްލައިންގައި މަސައްކަތް ކުރާ މީހުންގެ ކޮންޓެކްޓް ޓްރޭސިންގ މަސައްކަތަށް، ވަރަށް ހާއްސަ ސަމާލުކަމެއް ދީގެން ކޮށްފައިވާކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ.