ލޮކްޑައުން ކޮށްފައިވާ ރަށްތަކުގެ ތެރެއިން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ހިދުމަތްދޭ ރަށްރަށުގައި މާލީ ސަބަބުތަކާއި ހުރެ ބިލް ނުދެއްކިއްޖެ ހާލަތެއްގައި ކަރަންޓުގެ ހިދުމަތް މެދުކަނޑާނުލާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ސްޓެލްކޯއިން ނެރެނު ބަޔާނެއްގައި ބުނީ، އެ ގޮތަށް ނިންމާފައިވަނީ އަދި ކަރަންޓަކީ ޒަރޫރީ ބޭނުމަކަށްވެފައި، މިފަދަ ދަނޑިވަޅެއްގައި ކަރަންޓު ކަނޑާލައިފިނަމަ އެކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވާނެ ދަތި އުނދަގޫތަކަށް ބެލުމަށް ފަހުކަމަށެވެ.
ސްޓެލްކޯއިން ދަނީ ބިލްތައް ފޯނަށް އެސްއެމްއެސްއެއް މެދުވެރިކޮށް ފޮނުވަމުންނެވެ. ބިލް ދެއްކުމަށް އެ ކުންފުނީގެ މޯބައިލް އެޕްލިކޭޝަނާއި، ވެބްސައިޓް ބޭނުން ކުރުމަށް ސްޓެލްކޯއިން ވަނީ ކަސްޓަމަރުންނަށް އިރުޝާދު ދީފަ އެވެ.
ބިލްތައް ނުދައްކާ ގިނަ ދުވަސްވެފައިވާ ފަރާތްތަކަށް އައުޓްސްޓޭންޑިންގ ނުވަތަ ނުދެއްކެވި އޮތް އަދަދު އެސްއެމްއެސްގެ ޒަރީއާއިން ފޮނުވަމުންދާ ކަމަށް ސްޓެލްކޯއިން ބުންޏެވެ. އެގޮތަށް ފޮނުވާފައިވަނީ ގިނަ ފަރާތްތަކުން ނުދެއްކިވާ ބިލްތަކުގެ ތަފްސީލު ހޯދުމަށް އެދެމުންދާތީ ކަމަށް ސްޓްލްކޯއިން ފާހަގަކުރެ އެވެ.
މިފަދަ ހައްސާސް ދަނޑިވަޅެއްގައި ރައްޔިތުންގެ މެދުގައި ފިތުނަފަސާދަ އުފެދިގެން ހިނގައިދާނެ ފަދަ ހަބަރުތައް ނުފެތުރުމަށް އެ ކުންފުނިން ވަނީ އިލްތިމާސް ކޮށްފަ އެވެ. ކޮވިޑް-19 އަށް ގުޅިގެން އާންމު ރައްޔިތުންނަށް ދަތިތައް ދިމާވާނެތީ ކުރިޔަށް އޭޕްރީލް އަދި މެއި މަހުގެ ކަރަންޓް ބިލުން %40 އަދި ފެންބިލުން %30 ސަރުކާރުން ދައްކައިދޭ ގޮތަށް ވަނީ ނިންމާފަ އެވެ.