ކ. މާލެ
|
13 މެއި 2020 | ބުދަ 18:10
އޭޑީކޭގައި ކޮވިޑް-19 އަށް ޓެސްޓް ކުރެވޭ ޕީސީއާރު މެޝިން އިންސްޓޯލް ކުރަނީ
އޭޑީކޭގައި ކޮވިޑް-19 އަށް ޓެސްޓް ކުރެވޭ ޕީސީއާރު މެޝިން އިންސްޓޯލް ކުރަނީ
ޓްވިޓަރ
ކޮވިޑް-19 އަށް ޓެސްޓް ކުރެވޭ މެޝިނެއް ބެހެއްޓުން
ދުވާލަކު 500 މީހުން ޓެސްޓް ކުރެވޭ މެޝިނެއް އޭޑީކޭގައި ބަހައްޓައިފި
މިހާރު ދުވާލެއްގެ މައްޗަށް 350-400 އާ ދެމެދުގެ އަދަދަކަށް ޓެސްޓް ހެދެމުންދޭ
ކޮވިޑް-19 އަށް ގިނަ އަދަދަކަށް ޓެސްޓް ނުކުރެވުމަކީ ކަންބޮޑުވުމެއް ކަމަށް އެޗްޕީއޭގެ ކޮންޒަލްޓެންޓް ޑރ. ޝިނާ މޫސާ ވަނީ ވިދާޅުވެފަ

ރާއްޖޭގައި އެންމެ ގިނަ ދުވަސްވީ އަމިއްލަ ހޮސްޕިޓަލް އޭޑީކޭއިން ކޮވިޑް-19 އަށް ޓެސްޓް ކުރެވޭ މެޝިނެއް އިންސިޓޯލްކުރުމުގެ މަސައްކަތް ފަށައިފި އެވެ.

މި މެޝިނުން ދުވާލަކު 500 ޓެސްޓް ހެދޭނެކަމަށް އޭޑީކޭއިން މައުލޫމާތު ދެ އެވެ.

މިހާރު ރާއްޖޭގައި ކޮވިޑް-19 އަށް ޓެސްޓް ކުރަމުންދަނީ އައިޖީއެމްއެޗްގެ ލެބޯޓްރީންނާއި ފުލުހުންގެ ފޮރެންސިކް ލެބޯޓްރީންނެވެ. މިހާރު ދުވާލެއްގެ މައްޗަށް 350-400 އާ ދެމެދުގެ އަދަދަކަށް ޓެސްޓް ހެދުމުންދާ ކަމަށް ކޮވިޑް-19 ގެ ޓާސްކް ފޯހުގެ ތަރުޖަމާން މަބްރޫކް އަޒީޒު ވަނީ ވިދާޅުވެފަ އެވެ. އަދި މިހާރު ރާއްޖެ ގެނައުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ މެޝިން ލިބުމުން އެ މެޝިނުން ދުވާލަކު 200 ޓެސްޓް ހެދޭނެކަމަށް މަބްރޫކް ވިދާޅުވި އެވެ. އެ މެޝިން އަންނާނެކަމަށް ބެލެވެނީ މިމަހުގެ 17 ވަނަ ދުވަހު އެވެ.

އޭޑީކޭގައި މިބެހެއްޓޭ މެޝިނާއެކު ރާއްޖޭގައި ޓެސްޓް ކުރެވޭ މިންވަރު އިތުރުވެގެންދާނެ އެވެ. މިހާރު މެޝިން އިންސްޓޯލް ކުރުމުގެ މަސައްކަތް ކުރަމުން ދާއިރު އަންނަ ހަފުތާ ތެރޭގައި ޓެސްޓް ކުރަން ފެށެމަށް މަސައްކަތް ކުރަމުންދާ ކަމަށް އޭޑީކޭއިން މައުލޫމާތުދެ އެވެ.

މިކަމާއި ގުޅޭގޮތުން އެޑީކޭގެ ޖެނަރަލް މެނޭޖަރ އަހްމަދު އައްފާލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މިހާރު ކުރިޔަށްދަނީ މެޝިންތައް އިންސްޓޯލް ކުރުމާއި މުވައްޒަފުން ތަމްރީނުކުރުމުގެ ކަންކަން ކަމަށެވެ.

ރާއްޖެއިން ކޮވިޑް-19 އަށް ގިނަ އަދަދަކަށް ޓެސްޓް ނުކުރެވުމަކީ ކަންބޮޑުވުމެއް ކަމަށް އެޗްޕީއޭގެ ކޮންސަލްޓެންޓް ޑރ. ޝިނާ މޫސާ ވަނީ ވިދާޅުވެފަ އެވެ. އެކަމުގެ ސަބަބުން ބަލި ޖެހި މުޖުތަމައު ތެރޭގައި ވެސް އެތައް ބަޔަކު އުޅެދާނެ ކަމުގެ ބިރުވެރިކަން ވަނީ ބޮޑުވެފަ އެވެ. މީގެއިތުރުން މިމަހުގެ 31 ވަނަ ދުވަހު ރާއްޖެ ސަރޖަށް ދާނެކަމަށް ޑރ ޝީނާގެ އަންދާޒާތަކުން ދެއްކި ނަމަވެސް ޓެސްޓިންގ ކެޕޭސިޓީ މިހާރު ރާއްޖޭގައި އޮތްވަރުން ސަރޖް ނުފެނިދާނެކަމަށް އެޗްޕީއޭގެ ޑޮކްޓަރ އިބްރާހީމް އަފްޒަލް ވަނީ ވިދާޅުވެފަ އެވެ.

- ކޮމެންޓް