ލ. ކުނަހަންދޫގައި ފެރީއަށް މުދާ އަރުވާ ބަލާނެ ވަކި ވަގުތުތައް ކަނޑައަޅާ އާންމުކޮށްފިއެވެ.
ކޮވިޑް-19 އާއި ގުޅިގެން އާންމު ދަތުރު ފަތުރު ހުއްޓާލާފައި ވާތީ، އެކަމަށް ހައްލު ހޯދުމުގެ ގޮތުން ލ. އަތޮޅު ޓާސްކު ފޯސްއިން ޝެޑިއުލް ފެރީގެ ދަތުރުތަކެއް ފަށާފައެވެ.
މި ދަތުރު ތަކަކީ އެއްރަށުން އަނެއްރަށައް ފޯރުކޮއްދޭން ބޭނުންވާ އަސާސީ މުދަލާއި ކާގޯއަށް ފޮނުވަން ބޭނުންވާ މުދާ ގެންދިއުމަށް ހަމަޖެހިފައިވާ ދަތުރުތަކެކެވެ. މި ދަތުރުގައި އެއްރަށުން އަނެއްރަށަށް ގެންދަން ބޭނުންވާ މުދަލާއި ހަވާލުވާނެ ފަރާތުގެ ނަމާއި ފޯނު ނަންބަރު އަދި މުދާ ބާލާނެ ރަށުގެ ނަން ޖެއްސެވުމަށް ފަހު ފެރީ ކައިރިއަށް ގެންދިއުމަށް އެދިފައިވެއެވެ.
މިފެރީ ދަތުރުތަކާއި ގުޅިގެން ކުނަހަންދޫ ކައުންސިލުން ބުނީ އެރަށަށް މުދާ އެރުވުމަށް ހަމަޖެހިފައި ވަނީ ހޯމަ އަދި ބުދަ ދުވަހުގެ ހެނދުނުގެ ފެރީ 7:35 ގައި ކަމަށެވެ. އަދި މެންދުރު ފަހު ފެރީން 2:15 ގައި ކަމަށެވެ.
ކައުންސިލުން ބުނީ އެރަށަށް ގެނެވޭ މުދާ ބޭލުމަށް ހަމަޖެހިފައިވަނީ ހޯމަ އަދި ބުދަ ދުވަހުގެ ހެނދުނު 7:55 ގައި ކަމަށާއި، މެންދުރުފަހު 2:40 ގައި ކަމަށެވެ.
މީގެ އިތުރުން ކައުންސިލުން ބުނީ މުދާ އަރުވާ ބާލާ ފަރާތްތަކުން ތިބެންވާނީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެން ކަމަށެވެ.
ވައިގެ މަގުން ކާގޯކޮށް މުދާ މާލެ ފޮނުވުމާ ގުޅޭގޮތުން ކުނަހަންދޫ ކައުންސިލުން ބުނެފައިވަނީ މުދާ ފޮނުވަން ބޭނުންވާ މީހުން ކޮންމެ ހަފުތާއެއްގެ އާދިއްތަ ދުވަހުގެ ހެނދުނު 11:00 ގައި ކައުންސިލާއި ހަވާލު ކޮށްދިނުމަށް އެދޭ ކަމަށެވެ.
ކައުންސިލުން ބުނީ ކާގޯކޮށް ފޮނުވާ މުދާ ހުންނަން ޖެހޭނީ އައި.އޭ.އެސް.އެލް ގަވައިދާ އެއްގޮތަށް ޕެކިންގ ކުރެވިފައި ކަމަށާއި، ކާގޯ އިން ފޮނުވާ މުދަލުގެ ބަރުދަނަށް ފައިސާނެގޭނެ ކަމަށެވެ. ނަމަވެސް މި ފައިސާ ނެގޭނީ ކޮންމެ ދުވަހަކު ކާގޯ އެއަރވޭގެ ޚިދުމަތަށް އައިލެންޑް އޭވިއޭޝަން އިން ފޮނުވާ ބިލުގައިވާ ގޮތަށް ކަމަށް ކައުންސިލުން ބުނެފައިވެއެވެ.