Advertisement
ކ. މާލެ
|
4 އޭޕްރިލް 2017 | އަންގާރަ 21:48
ގާސިމް އިބްރާހީމްގެ ގާނޫނީ ވަކީލުންގެ ޓީމުގެ ބޭފުޅުން ނޫސްވެރިންގެ ބައްދަލުވުމުގައި
ގާސިމް އިބްރާހީމްގެ ގާނޫނީ ވަކީލުންގެ ޓީމުގެ ބޭފުޅުން ނޫސްވެރިންގެ ބައްދަލުވުމުގައި
ޓްވިޓަރ
ގާސިމްގެ މައްޗަށް ދައުވާކުރުން
ގާސިމް ރާއްޖޭން ބޭރަށް ނުދެވޭ ގޮތަށް އަމުރެއް ނެރެފި
އަމުރު ނެރެފައިވަނީ މާރޗް މަހުގެ 29 ވނަ ދުވަހުން ފެށިގެން އެއްމަސް ދުވަހަށް ރާއްޖޭން ބޭރަށް ނުދެވޭގޮތަށް
އެމައްސަލައިގެ ތަހުގީގު ނިންމާ ޕީޖީގެ އޮފީހަށް ދައުވާ ކުރުމަށް ފޮނުވައިފިކަމުގެ މައުލޫމާތު ލިބޭ
ގާސިމްގެ ގާނޫނީ ޓީމުން ވިދާޅުވަނީ ގާސިމްގެ އަޑުގެ ސާމްޕަލް ނަގާފައިވަނީ މަޖުބޫރު ކޮށްގެން ކަމަށް

ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހީމް ރާއްޖޭން ބޭރަށް ނުދެވޭ ގޮތަށް ކޯޓުން އަމުރެއް ނެރެފި އެވެ.

ގާސިމްގެ ގާނޫނީ ޓީމުން އަންގާރަ ދުވަހު މ. ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގާނޫނީ ވަކީލު ހިސާން ހުސައިން ވިދާޅުވީ ގާސިމް ފުލުސް އޮފީހަށް ހާޒިކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ މައްޗަށް ހުށަހެޅި އިތުބާރު ނެތްކަމުގެ މައްސަލައާ ގުޅިގެން އެ މައްސަލަ ކާމިޔާބު ކުރުމަށްޓަކައި ގާސިމް ކުރެއްވި މަސައްކަތްކުގެ ތެރެއިން ރިޝްވަތު ދިން ކަމަށް ބުނެ ފުލުހުންގެ އިދާރާއަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން ކަމަށެވެ. އެ މައްސަލައާ ގުޅިގެން މާރޗް މަހުގެ 29 ވަނަ ދުވަހުގެ ގާސިމް ފުލުސް އޮފީހަށް ހާޒިރު ކުރުމަށްފަހު، އޭނާ ފުރުން މަނާކޮށްފައިވާ ކަމަށް ވެސް ހިސާން ވިދާޅުވި އެވެ. 

އެ އަމުރުގައި ވާގޮތުން މާރޗު މަހުގެ 29 ވަނަ ދުވަހުން ފެށިގެން އެއްމަސް ދުވަހަށް ކަމަށް ގާސިމަށް ރާއްޖޭން ބޭރަށް ނުދެވޭނެ އެވެ.

އެމައްސަލަ ތަހުގީގު ނިންމާ ފުލުހުން ވަނީ ދައުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް ހުށަހަޅާފައިވާ ކަމުގެ މައުލޫމާތު ލިބެއެވެ.

އެމައްސަލައާ ގުޅިގެން ގާސިމްގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނި ވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މާރިއާ އަހުމަދު ދީދީ ވިދާޅުވީ މާރޗް މަހުގެ 27 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ނިމި، އަދި އިތުބާރު ނެތް ކަމަށް ފާސްނުވެ، އޭގެ ފަހުން މާރޗް މަހުގެ 29 ވަނަ ދުވަހު މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ގާސިމް ރިޝްވަތު ދިންކަމަށް ބުނެ ތަހުގީގު ކުރުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ގާސިމް ކުރެއްވީ ޖުމްހޫރީ ޕާޓީގެ ލީޑަރުގެ ހައިސިއްޔަތުން އެމަނިކުފާނު އަދާކުރަންޖެހޭ މަސްއޫލިއްޔަތެއް ކަމަށާއި ވޯޓެއްލާ ނަމަ އެވޯޓުން ކާމިޔާބު ހޯދުމަކީ ކޮންމެ ބަޔަކުވެސް ކުރާނެ ކަމެއް ކަމަށެވެ.

އެގޮތުން ގާސިމް ގޮވާލެއްވީވެސް މަސީހުގެ އިތުބާރު ނެތްކަމަށް ފާސްކޮށް ދިނުމަށް ކަމަށެވެ. މީގެ އިތުރު ޖުމްހޫރީ ޕާޓީގެ މެމްބަރުންނާއި ޖުމްހޫރީ ޕާޓީން ވަކިވެ ސަރުކާރާ ގުޅިފައިވާ މެމްބަރުންނަށް ގާސިމް ގޮވާލެއްވީ އަނބުރާ އެބޭފުޅުންވެސް ޖުމްހޫރީ ޕާޓީއަށް ވަޑައިގަތުމަށެވެ.

ގާނޫނީ ވަކީލުންގެ ޓީމުން ވިދާޅުވީ މާރޗް 29 ވަނަ ދުވަހުގެ ރޭ ފުލުހުން ތަހުގީގު ކުރުމަށްފަހު އެމައްސަލަ ތަހުގީގުކޮށް ނިންމާފައިވާ ކަމަށް ބުނުމަށްފަހު އޭޕްރީލް ދެ ވަނަ ދުވަހު އަނެއްކާވެސް ފުލުސް އޮފީހަށް ހާޒިރުކުރީ އެއްގޮތެއް ނެތިއްޔާ އަނެއް ގޮތަކުންވެސް ގާސިމްގެ މައްޗަށް ދައުވާއެއް ކުރުމުގެ ނިޔަތުގަ ކަމަށެވެ. އެގޮތުން އޭޕްރީލް ދެވަނަ ދުވަހުގެ ރޭ ފުލުސް އޮފީހަށް ހާޒިރުވުމަށްފަހު، ގާނޫނު އަސާސީން ލިބިދޭ ހަނު ހުރުމުގެ ހައްގުގެ ބޭނުން ހިފާފައިވަނިކޮށް، ކޯޓު އަމުރެއް ދައްކާ ގާސިމްގެ އަޑުގެ ސާމްޕަލް ދިނުމަށް އެދުނު ކަމަށެވެ.

ގާސިމްގެ އަޑުގެ ސާމްޕަލް ނުދީފިނަމަ ފުލުހުންގެ މަސައްކަތަށް ހުރަސް އެޅުމުގެ ކުށުގެ ތުހުމަތުގައި އިތުރު މައްސަލައެއް ކުރިމަތިވާނެ ކަމަށް ބުނެ ފުލުހުން ބިރު ދައްކާފައިވާ ކަމަށް ގާނޫނީ ވަކީލުން ވިދާޅުވި އެވެ. އެހެންކަމުން އިތުރު މައްސަލައެއްގެ ތަހުމަތުން ސަލާމަތްވުމަށް ގާސިމް ވަނީ އަޑުގެ ސާމްޕަލް ފުލުހުންނަށް ދެއްވާފަ އެވެ.

ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނަރަލް އަދި މިހާރު އަމަލު ކުރަމުންދާ ގާނޫނުލްއުގޫބާތަށް ފުލުހުންނާއި ކަމާބެހޭ އިދާރާތައް އަހުލުވެރި ކުރުމަށް މަސައްކަތްކަތް ކުރެއްވި ގާނޫނީ ވަކީލު ހުސައިން ޝަމީމު ވިދާޅުވީ މައްސަލައެއް މީހެއްގެ މައްޗަށް ސާބިތުވެ ނިމުނު ކަމަށްވާނީ އެމައްސަލައަކާ ގުޅޭ ހުރިހާ އިޖުރާއަތުތައް ރަނގަޅަށް ހިނގާފައި އޮތުން ކަމަށެވެ. ނަމަވެސް ގާސިމްގެ މައްޗަށް ތުހުމަތު ކުރާ މިމައްސަލަ ފުރަތަމަ ވެސް ގޯސް ކަމަށެވެ. މިމައްސަލައިގެ އިޖުރާއަތުތައް ހިނގާފައިވަނީ ރަނގަޅަށް ނޫން ކަމަށާއި މިމަސައްލައިގެ މަޤްޞަދާއި ނިޔަތްވެސް ރަނގަޅު ނޫން ކަމަށް ޝަމީމު ވިދާޅުވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް