ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ފެކްޝަންގެ ސެކްރެޓަރީ ޖެނަރަލް އަބްދުލް އަލީމް ސިވިލް ކޯޓަށް ހާޒިރުވުމަށް އަންގައި އެ ކޯޓުން އޭނާ އަށް ޗިޓް ފޮނުވައިފިއެވެ.
އަލީމް ސިވިލް ކޯޓަށް ހާޒިރުވުމަށް އަންގާފައި ވަނީ ބުދަ ދުވަހު މެންދުރު 1:15 އަށެވެ. އަލީމް ކޯޓަށް ހާޒިރު ވުމަށް ޗިޓް ފޮނުވާފައި ވަނީ މި މަހުގެ ތިން ވަނަ ދުވަހު އެ ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެންނެވެ.
ސިވިލް ކޯޓުން އަލީމަށް ފޮނުވި ޗިޓްގައި ބުނެފައި ވަނީ ސިވިލް ކޯޓުގެ ހުކުމަކުން ޕީޕީއެމްގެ ހިންގުން އެ ޕާޓީގެ މުސްތަޝާރު ރައީސް އަބްދުﷲ ޔާމީން ހަވާލުކޮށްފައި ވަނިކޮށް އެ ހުކުމުގެ ބާރު ނަފީކޮށް އަދި ހުކުމަށް ކިޔަމަން ވުމެއް އަދި ތަބާވުމެއް ނެތި ޕީޕީއެމްގެ ނަމުގައި ވަކިން ކައުންސިލަކާއި ސުލޫކީ ކޮމެޓީއެއް ހިންގައި، ޕީޕީއެމް ބައެއް މެމްބަރުން ވަކިކުރަމުންދާ ކަމަށް ބުނެ އެ ކޯޓަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން ކޯޓަށް ހާޒިރުވުމަށް އަންގާ ކަމަށެވެ.
ޕީޕީއެމްގެ ހިންގުން އެ ޕާޓީގެ މުސްތަޝާރު ރައީސް އަބްދުﷲ ޔާމީންއާ ހަވާލު ކުރުމަށް ސިވިލް ކޯޓުން ހުކުމްކުރި ނަަމަވެސް ރައީސް މައުމޫން ފެކްޝަންގެ ބޭފުޅުން ވިދާޅުވަނީ ސިވިލް ކޯޓުގެ ހުކުމުން ޕާޓީގެ މުސްތަޝާރަށް ހަމައެކަނި ލިބިދޭ ބާރަކީ މުސްތަޝާރުގެ ބެލުމުގެ ދަށުން ޕާޓީގެ ކައުންސިލެއް ބޭއްވުމުގެ ބާރު ކަމަށާއި ޕާޓީގެ ހިންގުމުގެ ބާރު ސިވިލް ކޯޓުގެ ހުކުމުން ޕާޓީގެ މުސްތަޝާރަށް ލިބިދީފައި ނުވާ ކަމަށެވެ.
ޕީޕީއެމްގެ ރައީސް މައުމޫން ފެކްޝަންގެ އެސްޖީ ސިވިލް ކޯޓަށް ހާޒިރުވުމަށް އަންގާފައިވާއިރު މީގެކުރިން މައުމޫން ފެކްޝަންގެ ދެ ނައިބް ރައީސުން ކަމަށްވާ އައިމިނަތު ނާދިރާ އާއި މުހައްމަދު ވަހީދު އިބްރާހީމް ވަނީ ފުލުހުންގެ އިދާރާ އަށް ހާޒިރު ކޮށް ސުވާލު ކޮށްފައެވެ.