Advertisement
ކ. މާލެ
|
4 އޭޕްރިލް 2017 | އަންގާރަ 21:21
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް
މުހައްމަދު ޝަރުހާން
ހައިކޯޓަށް ފަނޑިޔާރުން
ހައިކޯޓަށް ފަނޑިޔާރުން ހޯދުމަށް ތިން ވަނަ ފަހަރަށް އިއުލާނުކޮށްފި
އެއް މަގާމު ހުސްވެފައި އޮންނަތާ އަހަރަކަށް ވުރެ ގިނަ ދުވަސް
އަނެއް މަގާމު ހުސްވެފައި އޮންނަތާ އަހަރެއް ވަނީ
ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 18ގެ ކުރިން ފޯމް ހުށަހަޅާ

ހައި ކޯޓުން ހުސްވެފައިވާ ފަނޑިޔާރުކަމުގެ ދެ މަގާމަށް ބޭފުޅުން ހޯދުމަށް ތިން ވަނަ ފަހަރަކަށް ޖުޑިޝަލް ސާވިސް ކޮމިޝަން(ޖޭއެސްސީ) އިން އިއުލާނުކޮށްފި އެވެ.

 

ނުވަ ފަނޑިޔާރުން ތިއްބަވަންޖެހޭ ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ދެ މަގާމު ހުސްވީ، އެ ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި ޑރ. އަޒްމިރަލްދާ ޒާހިރު އިސްތިއުފާ ދެއްވުމުންނާއި، ފަނޑިޔާރު އައްބާސް ޝަރީފް ރިޓަޔާ ކުރެއްވުމުންނެވެ.

 

މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައި ޑރ. އަޒްމިރަލްދާ އިސްތިއުފާ ދެއްވި އިރު، ސިއްޚީ މައްސަލައަކާ ގުޅިގެން އައްބާސް ޝަރީފް ރިޓަޔާ ކުރެއްވީ 2015 ވަނަ އަހަރުގެ ސެޕްޓެމްބަރުގަ އެވެ.

 

އައްބާސް ޝަރީފްގެ މަގާމަށް ބޭފުޅަކު އައްޔަން ކުރުމަށްޓަކައި، ޝައުގުވެރިވާ ފަރާތްތަކަށް ކުރިމަތިލުމަށް އެންމެ ފުރަތަމަ ހުޅުވާލީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގަ އެވެ. އޭގެ ފަހުން ޑރ. އަޒްމިރަލްދާ އިސްތިއުފާ ދެއްވުމާއެކު، ހުސްވެފައިވާ ދެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އޯގަސްޓް މަހުގެ ތެރޭގައި ހުޅުވާލި އެވެ.

 

ނަމަވެސް، އެންމެ ދެ ބޭފުޅުން ކުރިމަތިލެއްވުމުން އިއުލާނު ބާތިލްކޮށް، ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމުން އަށް ބޭފުޅަކު ވަނީ މަގާމަށް ކުރިމަތިލައްވާފަ އެވެ. މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރޭގައި ހިމެނެނީ ސިވިލް ކޯޓުގެ ތިން ގާޒީން ކަމަށްވާ ގާޒީ އަބްދުﷲ ޖަމީލް މޫސާ އާއި ގާޒީ މުހައްމަދު ހަލީމް އަދި ގާޒީ ހަސަން ފަހީމު އެވެ.

 

އެ ތިން ބޭފުޅުންގެ އިތުރުން އެ މަގާމަށް ކުރިމަތިލެއްވީ ހދ. ވައިރަކަދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް މުހައްމަދު ނިޔާޒާއި ބ. ހިތާދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް އުއްމުކުލްސުމް އަބޫބަކުރާއި މ. ސަބްރާތު، އަބްދުﷲ ޒުހައިރާއި ސ. ހިތަދޫ ރުފައިދާ މަންޒިލް، އަބްދުﷲ ފާރޫގު އިބްރާހިމްގެ އިތުރުން މ. ލިލީޒް، މިންނާ ނާފިޒެވެ.

 

މިދިޔަ އަހަރުގެ ނޮވެމްބަރުގައި ޖޭއެސްސީ އިން ބުނީ ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ހުސްވެފައިވާ ދެ މަގާމަށް ބޭފުޅުން އައްޔަން ކުރުން ލަސްވަނީ ޖަލްސާގެ ކޯރަމް ހަމަނުވާތީ ކަމަށެވެ. ޖޭއެސްސީގެ ހިންގާ ގަވާއިދު ބުނާ ގޮތުން 10 މެންބަރުން ތިއްބަވާ އެ ކޮމިޝަންގެ ޖަލްސާއެއް ބޭއްވޭނީ ދެ ބައިކުޅަ އެއް ބަޔަށް ވުރެ ގިނަ މެމްބަރުން ތިބެގެންނެވެ.

ހައިކޯޓު ފަނޑިޔާރުންގެ ބެންޗުން ދެ މަގާމު ހުސްކޮށް އޮތުމުގެ ސަބަބުން އެ ކޯޓުގެ އުތުރު ގޮފީގެ މަސައްކަތް ވެސް އޮތީ ނުފެށިފަ އެވެ. ހދ. ކުޅުދުއްފުށީގައި ގާއިމްކުރާ އެ ގޮތްޕަށް ތިން ފަނޑިޔާރުން ކަނޑައެޅެން އަންނަނީ ހުސްވެފައިވާ ދެ މަގާމަށް ބޭފުޅުން އައްޔަން ކުރުމުންނެވެ. ހައިކޯޓްގެ ފަނޑިޔާރު ޝުއައިބު ހުސެއިން ޒަކަރިއްޔާއާއި ޝުޖާއު އުސްމާން މިހާރު މަސައްކަތް ކުރައްވަނީ އައްޑޫ ިސޓީ މީދޫގައި ގާއިމްކޮށްފައިވާ ހައިކޯޓުގެ ދެކުނު ގޮފީގަ އެވެ.

 

ޖޭއެސްސީ އިން އަންގާރަ ދުވަހު ކުރި އިއުލާނެއްގައި ވަނީ ހައިކޯޓުގެ ފަނޑިޔާރު ކަމުގެ ޝަރުތު ހަމަވާ، އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 18 ވަނަ ދުވަހުގެ ކުރިން ފޯމް ހުށަހެޅުމަށް ހުޅުވާލާފަ އެވެ.

 

ހައިކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރާނެ ދެ ބޭފުޅުން ކަނޑައަޅާނީ އިންޓަވިއުކުރުމަށް ފަހު ލިބޭ މާކްސްއަށް ބަލައި، ކޮމިޝަންގެ ޖަލްސާގައި ވޯޓު ނަގައިގެންނެވެ. ކޮމިޝަންގައި ވޯޓަށް އަހާނީ އެންމެ މަތިން މާކްސް ލިބޭ ބޭފުޅުންނަށް އިސްކަންދޭ އުސޫލުންނެވެ.

 

ފަނޑިޔާރުންގެ ގާނޫނުގެ 28 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގައި، ފަނޑިޔާރެއްގެ މަގާމު ހުސްވެއްޖެނަމަ، އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ޖޭއެސްސީ އިން އެ މަގާމަށް މީހަކު އައްޔަން ކުރަންވާނެ ކަމަށެވެ.

 

ނަމަވެސް، ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗުން އެއް މަގާމު ހުސްވެފައި އޮންނަތާ އަހަރަކަށް ވުރެ ގިނަ ދުވަސްވެފައިވާއިރު، އަނެއް މަގާމު ހުސްވެފައި އޮންނަތާ އަހަރެއް ވާންވަނީ ކައިރިވެފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް