ކޮވިޑް-19އާއި ގުޅިގެން އާމްދަނީއަށް އަސަރުކޮށްފައިވާ ފަރާތްތަކަށް އިންކަމް އެލެވެންސްގެ ގޮތުގައި ލިބޭނީ ގިނަވެގެން 5000 ރުފިޔާކަމަށް ސަރުކާރުން ހާމަކޮށްފި އެވެ.
މެއި މަހުގެ 13 ވަނަ ދުވަހު ދިވެހި ސަރުކާރުގެ ގެޒެޓްޓްގައި އާންމުކޮށްފައިވާ،އިންކަމް ސަޕޯޓް އެލެވެންސްދިނުމާއި ގުޅޭ އުސޫލުގައި ވާގޮތުން، މި އެލެވެންސް ދިނުމަށް ހަމަޖެހިފައިވަނީ 1 މާރޗް 2020ގެ ފަހުން ވަޒީފާއިން ވަކިކޮށް ނުވަތަ ސަސްޕެންޑް ކޮށްފައިވާ ފަރާތްތަކަށާއި، މުސާރަ ނުލިބޭ ގޮތަށް ޗުއްޓީ (ނޯޕޭ ލީވް) އަށް ފޮނުވާފައިވާ ފަރާތްތަކާއި މުސާރައިގެ ގޮތުގައި ލިބޭ އަދަދުން ބައެއް އުނިިކޮށްފައިވާ ފަރާތްތަކަށެވެ.
އިންކަމް އެލެވެންސްގެ ގޮތުގައި ދިނުމަށް ހަމަޖެހިފައިވާ އެލެވަންސްތައް:
- ވަޒީފާއިން ވަކިކުރެވިފައިވާ ނުވަތަ ސަސްޕެންޑް ކުރެވިފައިވާ ފަރާތެއްނަމަ، މަހަކު -/ 5,000 (ފަސްހާސް) ރުފިޔާ
- މުސާރަ ނުލިބޭ ގޮތަށް ޗުއްޓީ (ނޯގޭ ލީލް) އަށް ފޮނުވައިފައިވާ ފަރާތެއްނަމަ، މަހަކު -/ 5,000 (ފަސްހާސް) ރުފިޔާ
- މުސާރައިގެ ގޮތުގައި ލިބޭ އަދަދު އުނިކޮށްފައިވާ ފަރާތެއްނަމަ، އެފަދައިން އުނިކުރާ އަދަދު އުނިކުރުމަށްފަހު މުސާރައިގެ ގޮތުގައި ލިބޭ އަދަދަކީ -/ 5,000 (ފަސްހާސް) ރުފިޔާއަށްވުރެ ދަށް އަދަދެއްނަމަ، -/ 5,000 (ފަސްހާސް) ރުފިޔާއިން މިހާރު ލިބޭ މުސާރައިގެ އަދަދު އުނިކުރުމުން ޖެހޭ އަދަދު.
އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުން، އެލަވަންސް ދިނުމުގައި، ހުށަހަޅައިފައިވާ ފަރާތަކީ އެހެން އާމްދަނީއެއްލިބޭ ފަރާތެއް ނަމަ، އެ ފަދައިން ލިބޭ އިތުރު އާމްދަނީން މަހެއްގެ މައްޗަށް ލިބޭ އަދަދަކީ 5,000ރ. އަށްވުރެ ދަށް އަދަދެއް ނަމަ، 5,000ރ. އިން އެ އަދަދު އުނިކުރުމުން ބާކީ އޮންނަ އަދަދާ އެއްވަރުގެ އަދަދެއް، އެ ފަރާތަކަށްފޯރުކޮށް ދެވޭނެ އެވެ.
އެލަވަންސް ދިނުމަށް ހުށައަޅާ ފަރާތްތަކުގެ ތެރެއިން އެހެން އާމްދަނީއެއް ލިބޭ މަހެއްގެ މައްޗަށް ލިބޭ އަދަދަކީ 5,000ރ. ނުވަތަ އެއަށްވުރެމަތީ އަދަދެއް ނަމަ، އެ ފަރާތަކީ، އެލަވަންސް އުސޫލުގެ ތެރެއިން ޝަރުޠު ފުރިހަމަވާ ފަރާތެއް ކަމުގައެއް ނުބެލެވޭނެ އެވެ.
އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް ދެވޭ އިންކަމް ސަޕޯޓް އެލަވަންސް ލިބޭ ފަރާތްތަކުގެ ޝަރުތުތަކުގެ ތެރޭގައި 18 އަހަރާއި 65 އަހަރާއި ދެމެދުގެ ފަރާތަކަށްވުން ހިމެނެ އެވެ. އޭގެ އިތުރުން މި އެހީ ލިބޭ ފަރާތްތަކުން، ސަރުކާރުން ހިންގާ ޑިވެލޮޕްމަންޓް ޕްރޮގްރާމްތަކުގެ ތެރެއިން ކަނޑައެޅޭ ޕްރޮގުރާމެއްގައި ބައިވެރިވެ، އެ ފުރިހަމަ ކުރުމަށް އެއްބަސްވާންޖެހެ އެވެ. އަދި ޖޮބް ސެންޓަރު މެދުވެރިކޮށް ވަޒީފާއެއް ނުވަތަ މަސައްކަތެއް ހޯދައިދެވިއްޖެނަމަ އެކަމެއް ކުރުމަށް އެއްބަސްވާ މީހެއްކަމުގައިވެސް ވާންޖެހެ އެވެ.