ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި 40ށް ވުރެ ގިނަ ސިފައިން ހިމެނޭ ކަމަށް ޗީފް އޮފް ޑިފެންސް ފޯރސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ވިދާޅުވެއްޖެ އެވެ.
ކޮވިޑް-19އާ ގުޅިގެން ސިފައިންގެ މަސައްކަތްތަކާއި ބެހޭ ގޮތުން މީޑިއާތަކަށް ދިން ޚާއްޞަ އިންޓަވިއުގައި ޝަމާލް ވިދާޅުވީ އެންމެ ގިނަ މީހުން ޕޮޒިޓިވްވެ އެންމެ ބޮޑަށް މި ބައްޔަށް ހުށަހެޅުނު މުއައްސަސާ އަކީ ސިފައިންގެ މުއައްސަސާ ކަމަށެވެ. އަދި މިހާރު ވެސް 40 އަށް ވުރެ ގިނަ ސިފައިން ޕޮޒިޓިވްވެ ފަރުވާ ހޯދަމުންދާކަން ޝަމާލް ފާހަގަކުރެއްވި އެވެ.
ކޮވިޑް-19އާ ގުޅިގެން އިސް ސަފުގައި ގިނަ ޢަދަދެއްގެ ސިފައިން މަސައްކަތްކުރަމުން އަންނަކަން ފާހަގަކުރައްވައި ޝަމާލް ވިދާޅުވީ ސިފައިން ވައިރަސްއަށް ޕޮޒިޓްވާނެ ކަމަށް ބަލައި އެ ޙާލަތަށް ތައްޔާރުވެފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް ސިފައިން ވައިރަސްއަށް ޕޮޒިޓިވްވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ޝަމާލް ވިދާޅުވިއެވެ.
މީގެ އިތުރުން ޝަމާލް ވިދާޅުވީ ކޮވިޑް-19އާ ގުޅިގެން ޚާއްޞަ އޮޕްރޭޝަންތަކެއް ކުރިއަށް ގެންދެވުނު ކަމަށެވެ. އެގޮތުން ސިފައިން މިހުރިހާ ކަމަކަށް އަހުލުވެރި ކުރުވިފައިވާ ކަމަށް ވިދާޅުވިއެވެ. އަދި ވިދާޅުވީ ސިފައިންގެ ތެރޭގައި އައިސޮލޭޓް އަދި ކަރަންޓީނު ކުރުން ފަދަ ކަންކަމަށް ވެސް ފިޔަވަޅުތައް އަޅާފައިވާ ކަމަށެވެ.
ޝަމާލް ވިދާޅުވީ ވައިރަސްއިން ރައްކާތެރިވުމުގެ ގޮތުން ވެސް ގިނަ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ. ގިނަ ޢަދަދެއްގެ ސިފައިން ވައިރަސްއަށް ޕޮޒިޓިވްވި ނަމަވެސް ސިފައިން ފަހަތަށް ނުޖެހޭނެކަން ޝަމާލް ފާހަގަކުރެއްވި އެވެ.
އެންމެ ފުރަތަމަ ކަރަންޓީނު ކުރި ސިފައިން އަނބުރާ ފޯސް އަށް ޖޮއިން ވެއްޖެ. އެމީހުން މިހާރު އެ ދަނީ މަސައްކަތް ކުރަމުން. އެންމެ ފުރަތަމަ ޕޮޒިޓިވްވި މީހާ ވެސް މިހާރު އެހުރީ ރަނގަޅުވެގެން އައިސް ސިފައިންގެ ތެރެއަށް ވަދެ މަސައްކަތް ކުރަން.ޗީފް އޮފް ޑިފެންސް ފޯރސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް
ރާއްޖެއިން ގިނަ ޢަދަދެއްގެ މީހުން ކޮވިޑް-19އަށް ދަނީ ޕޮޒިޓިވް ވަމުންނެވެ. އަދި ކުރިއަށް އޮތް ދެހަފުތާ ތެރޭގައި 'ޕީކް' އަށް ދާނެ ކަމަށް ބެލެވޭތީ އިތުރަށް ރައްކާތެރިވުމަށް އެންއޯއީސީން ވަނީ އިލްތިމާސްކޮށްފަ އެވެ. މި ވައިރަސްއަށް ޕޮޒިޓިވްވާ މީހުންގެ ތެރޭގައި އިސް ސަފުގައި މަސައްކަތް ކުރާ މީހުން ގިނައެވެ.
ޤައުމުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވޭދާނެ ކަމަށް ކޮވިޑް-19ށް ޕޮޒިޓިވްވާ ސިފައިންނާއި، ފުލުހުންގެ ސީދާ ޢަދަދު ހާމަ ނުކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.