މާލެ ސަރަހައްދުގައި ތޮއްޖެހިގެން ބިދޭސީން ދިރިއުޅެމުންދިޔަ 307 ތަނެއް މިހާތަނަށް އައިއިރު ފާހަގަވެފައިވާ ކަމަށް މާލެ ސިޓީގެ ޑެޕިޔުޓީ މޭޔަރ ޝަމާޢު ޝަރީފް ވިދާޅުވެއްޖެ އެވެ.
ކޮވިޑް -19 އާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރުމަށް އަންގާރަ ދުވަހު ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާލޭގައި ތޮއްޖެހިގެން ދިރިއުޅެމުންދާ ބިދޭސީންގެ ކަންކަމާއި ގުޅޭގޮތުން ނޫސްވެރިން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ޝަމާޢު ވިދާޅުވީ އެފަދަ ތަންތަން ބެލުމުގެ މަސައްކަތް ކޮވިޑް-19 ގެ ބަލިމަޑުކަން އައުމުގެ ކުރިންވެސް ފަށާފައިވާ ކަމަށެވެ. އެގޮތުން މީގެކުރިން މާލެ ސަރަހައްދުގައި ތޮއްޖެހިގެން އުޅޭ ބިދޭސީން ދެނެގަތުމަށް ސަރވޭއެއް ކުރިޔަށް ގެންދިޔަކަމަށް ޝަމާޢު ވިދާޅުވި އެވެ.
އެސަރވޭގައި ސުވާލުކުރި މީހުންގެ ފަރާތުން ލިބުނު މައުލޫމާތާއި އެކު އެފަދަ ގިނަ ތަންތަނެއް ފާހަގަވި ކަމަށް ޝަމާޢު ވިދާޅުވި އެވެ.
އެ ސަރވޭގައި 5000 މީހުންނާ ސުވާލުކުރެވި 11،000 މީހުން ތިބި ކަމަށް ފާހަގަ ކުރެވުނު. އެހެންނަމަވެސް އެއީކީ މާ ރަނގަޅު އަދަދެއް ކަމަކަށް އަޅުގަނޑު މެންވެސް ގަބޫލެއް ނުކުރަން. އެހެންނަމަވެސް އޭގައި ފާހަގަކޮށްލަން އެންމެ ރަނގަޅު ކަމަކީ ވަރަށް ގިނަ ތަންތަން ފާހަގަވިކަން. އެ މައުލޫމާތު ބޭނުން ކޮށްގެން އަދި އޭގެ ފަހުން އިތުރަށް ލިބުނު މައުލޫމާތު ބޭނުންކޮށްގެން މިހާރު ވަނީ ފުލުހުންނާއި އެންއީއޯސީގެ ތެރެއިން ހަމަޖެހުނު އިންތިޒާމުގެ ތެރެއިން ވަރަށް ގިނަ ބިދޭސީން މިހާރު މާލެއިން ބޭރަށް ތަންތަނަށް ބަދަލުކުރެވިފަ. އެމީހުން ދިރިއުޅެމުން އައި ތަންތަނުގެ ހާލަތު ހާމަކުރަމުން އައިސްފައިވާނެ މީގެކުރިން. ވަަރަށް ކުޑަ ތަނެއްގައި ގިނަ އަދަދެއްގެ ބަޔަކު އުޅޭތީ އެތަންތަނުގައި ބޭރުގައި ފުލުހުން ތިބެގެން އެތަންތަން ކޮންޓެއިން ކޮށްގެން މީހުން ބަދަލުކުރެވިފައި މިހާރު ވަނީ.މާލެ ސިޓީގެ ޑެޕިޔުޓީ މޭޔަރ ޝަމާޢު ޝަރީފް
ޝަމާޢު އިތުރަށް ވިދާޅުވީ އެފަދަ 307 ތަނެއް ފާހަގަ ވެފައިވާއިރު އެމައުލޫމާތު ފުލުހުންނާއި ހިއްސާކޮށްގެން އެކަމުގެ އިންތިޒާމުތައް ހަމަޖެހި ގިނަ މީހުން މާލެއިން ބޭރަށް ކަރަންޓީނު ފެސިލިޓީތަކަށް ފޮނުވާލެވިފައިވާ ކަމަށެވެ. ނަމަވެސް ކަރަންޓީނު ފެސިލިޓީތަކުގަ އާއި ވަގުތީ ހިޔާތަކުގައި ތިބި ބިދޭސީންގެ އަދަދެއް ޝަމާޢު ހާމައެއް ނުކުރައްވަ އެވެ.
އަޅުގަނޑުމެންނަށް އެބަހުރި އެތަންތަނުގެ ތެރެއަށް ވަދެގެން ދާއިރު ޖަހާފައި ހުރި ފައިވާން ގުނާލީމާ އެބަފެނޭ 180، 200 ފައިވާން ޖޯޑު ބަހައްޓާފައި ހުރި ތަންވެސް. އެކަމަކު އަޅުގަނޑުމެންނަށް އެތަން ބަލާލީމާ އެބަ އެނގޭ އެތަނުގެ ތެރޭގައި އެހާ ގިނަ މީހުންނަށް ރަނގަޅަށް އޮށޯވެލައިގެންވެސް ނުތިބެވޭކަން. ނޭންގި ނަމަވެސް އަދިވެސް ހުރެދާނެ ޖާގަކޮޅު ކޮޅު ހަދާފައި. އެހެންނަމަވެސް ބަލަމުން މިދަނީ އެފަދަ ތަންތަން.މާލެ ސިޓީގެ ޑެޕިޔުޓީ މޭޔަރ ޝަމާޢު ޝަރީފް
ޝަމާއު ވިދާޅުވީ މިކަމަށް ރައްޔިތުންގެ ފަރާތުން ސަމާލުކަން ލިބޭ ކަމަށާއި ރައްޔިތުންގެ ފަރާތުންވެސް އެފަދަ ތަންތަނުގެ މައުލޫމާތު ލިބެމުންދާ ކަމަށެވެ. އެހެންކަމުން އެތަންތަންވެސް ލިސްޓަށް އިތުރުކޮށްގެން ބަލަމުންދާ ކަމަށް ޝަމާއު ވިދާޅުވި އެވެ.
ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް 897 މީހުން ޕޮޒިޓިވްވެފައިވާއިރު މީގެތެރެއިން 492 މީހުންނަކީ ރާއްޖޭގައި އުޅެމުންދާ ބަންގްލަދޭޝް މީހުންނެވެ. މީގެތެރޭގައި ހިމެނޭ ގިނަ މީހުންނަކީ ތޮއްޖެހިގެން މާލެ ސަރަހައްދުގައި ދިރިއުޅެމުންދާ މީހުންނެވެ. އެއާއެކު ސަރުކާރުން ވަނީ އެފަދަ ތަންތަން ބަލާ އެތަންތަން މޮނިޓަރ ކުރަމުންދާކަން ހާމަކޮށްފަ އެވެ.
މިކަމާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ހޯމަ ދުވަހު އެންއީއޯސީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވީ ތޮއްޖެހިގެން ބިދޭސީން އުޅެމުންދާ ތަންތަނުގެ ތެރެއިން 24 ތަނެއް މިހާރުވެސް ކޯޑަންކޮށް ބަލަހައްޓަމުންދާ ކަމަށާއި، އެތަންތަނުގައި ދޮޅު ހާހަށްވުރެ ގިނަ ބިދޭސީން ދިރިއުޅެމުން އަންނަ ކަމަށެވެ.
ތޮއްޖެހިގެން ބިދޭސީން ދިރިއުޅެމުން އަންނަ ތަންތަނުން ސާމްޕަލްތައް ނަގަމުންދިޔައިރު އާދިއްތަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެންއީއޯސީގެ ތަރުޖަމާން މަބްރޫކް އަޒީޒު ވިދާޅު ވެފައިވަނީ އެފަދަ 30 ތަނަކުން ސާމްޕަލް ނަގާފައިވާ ކަމަށާއި މިހާރު ސާމްޕަލް ނުނެގި ވަނީ 3 ތަނެއް ކަމަށެވެ.
މިހާރު ހުރި ބިދޭސީ ކަރަންޓީން ފެސިލިޓީތަކުގައި 612 މީހަކު އެބަތިއްބެވެ. އަދި މީގެ ތެރެއިން 475 މީހުންނަކީ ތޮއްޖެހިގެން އުޅޭ ތަންތަނުން އައިސޮލޭޝަނަށް ގެންދެވޭ މީހުން ކަމަށް ކޮވިޑް-19 ޓާސްކް ފޯސްގެ ތަރުޖަމާނު މަބްރޫކް ޢަޒީޒް ވަނީ ވިދާޅުވެފަ އެވެ.
މީގެ އިތުރުން މާލޭގައި އުޅޭނެ ތަނެއް ނެތި، ވަކި ވަޒީފާއެއް އަދާ ނުކުރާ މީހުން އެހެން ތަނަކަށް ބަދަލުކުރުމަށް އެޗްޕީއޭއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން 566 ބިދޭސީއަކު އެފަދަ އެކޮމަޑޭޝަން ތަކަށް ބަދަލު ކުރެވިފައިވާކަމަށްވެސް މަބްރޫކް ވިދާޅުވެފައި ވެއެވެ.
މި މަހުގެ ހަތަރު ވަނަ ދުވަހު ގައުމާ މުހާތަބުކުރައްވާ ދެއްވި ހިތޯބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، ބަންގްލަދޭޝްގެ 1500 މީހަކު ފޮނުވާލުމަށް ހަމަޖެހިފައިވާ ކަމަށެވެ. ރައީސް ސޯލިހުގެ ހިތާބުގައި އެމަނިކުފާނު ވިދާޅުވެފައިވަނީ ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގައި، ކުރިމަތިވާ އެންމެ ބޮޑު ދައްޗަކީ ބިދޭސީން ކަމަށެވެ.