މިހާތަނަށް ކޮވިޑް-19 ޖެހިފައިވާ ދިވެހިންގެ އަދަދު 302ށް އަރައިފި އެވެ.
ހެލްތް މިނިސްޓްރީގެ ޑޭޝްބޯޑަށް ބަލާއިރު، މިއީ ބަލިޖެހިފައިވާ މީހުންގެ ތެރެއިން 33 އިންސައްތަ އެވެ. ބާކީ ހުރި ކޭސްތަކުގެ ތެރޭގައި ގިނައީ ބަންގްލަދޭޝް އަދި އިންޑިއާއަށް ނިސްބަތްވާ ބިދޭސީންނެވެ.
ރާއްޖެއިން ފެނުނު ޖުމްލަ ކޭސްތަކުގެ އަދަދު 900ށް އަރަން ގާތްވެފައިވާއިރު، ކުރިއަށް އޮތް ދެ ހަފުތާއަކީ މި ބަލި ފެތުރުމުގެ އެންމެ ނުރައްކާތެރިކަން ބޮޑު ދެ ހަފުތާކަމަށް ސަރުކާރުން ވަނީ ހާމަކޮށްފަ އެވެ. އެންމެ ފަހުގެ ޕްރޮޖެކްޝަންސްތަކަށް ބަލާއިރު، މި ސަރޖްގެ ޕީކް އަންނާނެ ކަމަށް ބެލެވެނީ މިހިނގާ މެއި މަހުގެ 31 ވަނަ ދުވަހު އެވެ.
ޕްރޮޖެކްޝަންތަކަށް ބަލާއިރު، މެއި 31 ވަނަ ދުވަހު ރާއްޖެއިން 1592 ކޭސް ފެނުމުގެ ފުރުސަތު އެބައޮތް ކަމަށާއި، އޭގެ ތެރެއިން ދެނެގަނެވޭނީ 390 ކޭސް އެވެ. އަދި މީގެ ތެރެއިން 34 މީހަކަށް ހޮސްޕިޓަލުގައި ފަރުވާދޭން ޖެހޭނެ ކަަމަށާއި، އެ ދުވަހު 12 މީހަކު އައިސީޔޫގައި އޮންނާނެ ކަމަށް ވެސް ޕްރޮޖެކްޝަންސްތަކުން ދައްކަ އެވެ.
ސަރޖަށް ތައްޔާރުވުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ކުރެވެމުން އަންނައިރު، ބޭރަށް ދިއުން މިހާރަށް ވުރެ މަދުކުރަން ޑޮކްޓަރުން ވަނީ ނަސޭހަތްތެރިވެފަ އެވެ. މި ސަރޖް ތިރިނުކުރެވިއްޖެނަމަ، ސިއްހީ ނިޒާމު އޯވަރ ކެޕޭސިޓީވުމުގެ ފުރުސަތު ބޮޑުވާނެ ކަމަށް އިލްތިމާސްކޮށްފައިވާއިރު، އިތުރު ހަރުކަށި ފިޔަވަޅުތަކެއް އެޅުމުގެ ވިސްނުމެއް ނުގެންގުޅުއްވާ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފަ އެވެ.
އިތުރު ފިޔަވަޅުތަކެއް ނޭޅިކަމުގައިވީ ނަމަވެސް، މިހާރު ދޫކުރާ ފާސްތަކުގެ އަދަދު މަދުކުރުމާއި، އެއްފަހަރާ މަގުމަތީގައި އުޅޭ މީހުންގެ އަދަދު މިހާރަށް ވުރެވެސް މަދުކުރުމަށް ވިސްނަމުންދާކަމަށް ވަނީ ހާމަކޮށްފަ އެވެ. ފުލުހުން މިކަމާއި ގުޅިގެން ހިއްސާކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، މާލެ 26 ޒޯނަކަށް ބަހާލެވިފައިވާއިރު، ކޮންމެ ޒޯނެއްގައި ގިނަވެގެން އުޅޭނީ 60 މީހުން ކަމަށެވެ. އެއީ ގާތްގަނޑަކަށް 1،500 މީހުންނެވެ.