ނ. މާޅެންދޫ، ވައިޓް ހައުސް، އަހުމަދު މިރުޒާ އިބްރާހިމް މަރާލި މައްސަލައިގެ ދައުވާ ލިބުނު ޏ. ފުވައްމުލަކު، ޒާވިޔާ، އަބްދުﷲ ނަސީފާއި، ވ. ފަޒީލާމަންޒިލް، މުހައްމަދު ޝިފާއު މެރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.
މިރުޒާ އަށް ލަކުނޑިބުރިންނާއި ދަގަނޑު ހޮޅިތަކަކުން ހަމަލާދިނީ 2011 ވަނަ އަހަރުގެ އޭޕްރީލް 11 ވަނަ ދުވަހު އެވެ. ވިލިމާލޭ ޕާކް ސަރަހައްދުގައި ހިނގި އެ މާރާމާރީގައި ލިބުނު އަނިޔާތަކާ ގުޅިގެން، މިރުޒާގެ ސިކުނޑި މަރުވިއިރު، އައިޖީއެމްއެޗްގެ ވެންޓިލޭޓަރެއްގައި ބާއްވާފައި އޮއްވާ މިރުޒާ މަރުވީ 2011 ވަނަ އަހަރުގެ އޭޕްރީލް 14 ވަނަ ދުވަހު އެވެ.
މިރުޒާގެ މަރާ ގުޅިގެން ނަސީފާއި ޝިފާއުގެ އިތުރުން، ގދ. ގައްދޫ، ބޮކަރުގޭ، އަލީ ރިފްޝާންގެ މައްޗަށް ވެސް ދައުލަތުން ދައުވާ އުފުލި އެވެ. އެ ތިން މީހުންގެ މައްޗަށް ދައުލަތުން ދައުވާކުރީ 2011 ވަނަ އަހަރުގެ އޯގަސްޓް 2 ވަނަ ދުވަހު އެވެ. ނަސީފްގެ މައްޗަށް ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އުފުލާފައިވާއިރު، ޝިފާއު އާއި ރިފްޝާންގެ މައްޗަށް އުފުލާފައި ވަނީ މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ.
ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުލްބާރީ ޔޫސުފް އަންގާރަ ދުވަހު ކުރި ހުކުމުގައި ބުނެފައިވަނީ މިރުޒާ މަރާލިކަން ނަސީފާއި ޝިފާއުގެ މައްޗަށް ގާނޫނު އަސާސީގެ 51 ވަނަ މާއްދާގެ 'އ' ގައި ބަޔާންކޮށްފައިވާ ފަދައިން އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށެވެ. އެހެންކަމުން ގާޒީ ބާރީ ވަނީ އެ ދެ މީހުންގެ މައްޗަށް މަރުގެ ހުކުމް އިއްވާފަ އެވެ.
ނަމަވެސް، ރިފްޝާންގެ މައްޗަށް ދައުލަތުން ކުރި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އޭނާގެ މައްޗަށް ސާބިތުނުވާ ކަމަށް ގާޒީ ބާރީ ވަނީ ކަނޑައަޅުއްވާފަ އެވެ. އެހެންކަމުން، މި މައްސަލައާ ގުޅިގެން ބަންދު ކޮށްފައި ހުންނަތާ ފަސް އަހަރަށް ވުރެ ގިނަ ދުވަސް ފަހުން ރިފްޝާން މިނިވަންވީ އެވެ.
ޝަރީއަތުގައި، ކާކުކަން ނޭނގޭގޮތަށް އަޑުބަދަލުކޮށްގެން 2012 ވަނަ އަހަރުގެ ނޮވެމްބަރުގައި ހެކިބަސް ދިން މީހުންގެ ތެރެއިން އެކަކު ވަނީ، ވިލިމާލޭ ޕާކް ކައިރީގައި މިރުޒާ ހުއްޓާ ޝިފާއު މިރުޒާގެ ގައިގައި ހިފަހައްޓައިގެން ހުރެ ލަކުޑިބުރިއަކުން އޭނާއަށް ހަމަލާދިން މަންޒަރު ފެނުނު ކަމަށް ބުނެފަ އެވެ. އަދި އެވަގުތު ނަސީފް ވެސް މިރުޒާއަށް ލަކުޑިބުރިއަކުން ހަމަލާދިން މަންޒަރު ފެނުނުކަމަށް ހެކިބަސް ދެމުން އެ މީހާ ބުނެފައިވެ އެވެ. ނަމަވެސް ރިފްޝާން އެތަނުން ނުފެންނަ ކަމަށް ވެސް ހެކިބަސް ދިން މީހާ ބުނެފައިވެ އެވެ.
މިރުޒާގެ މަރުގެ ޝަރީއަތް ކްރިމިނަލް ކޯޓުން އަންގާރަ ދުވަހު ނިންމާލިއިރު، އެ ކޯޓުގައި އެ މައްސަލަ ހިންގާތާ ފަސް އަހަރަށް ވުރެ ގިނަ ދުވަސް ވަނީ ވެފަ އެވެ. ގާޒީ ބާރީގެ ކުރިން އެ މައްސަލަ ބެއްލެވީ ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަބްދުﷲ މުހައްމަދު(އަބްދުﷲ ގާޒީ) އެވެ.