ރާއްޖޭން ބޭރުގައި އަމިއްލަގޮތުންނާއި، ސަރުކާރުގެ ސްކޮލަރޝިޕްތަކުގައި ކިޔަވަމުންދާ ދަރިވަރުންނަށް ފައިސާގެ ގޮތުން ދިމާވެދާނެ ދަތިކަން ޙައްލުކުރުމަށް މަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހީމް ޙަސަން ވިދާޅުވެއްޖެ އެވެ.
ހަޔަރ އެޑިއުކެޝަން މިިނިސްޓަރ މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިޞަލް ނަސީމް މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން އާއި ހަޔަރ އެޑިއުކޭޝަން ދާއިރާގެ އިސްވެރިންނާ އެކު އޮންލައިކޮށް ބޭއްވި ބައްދަލުވުމުގައެވެ.
މި މަޝްވަރާ ބައްދަލުވުމުގައި ނައިބު ރައީސް ވަނީ ކޮވިޑް-19ގެ ސަބަބުން ކުރިމަތިވެފައިވާ މި ދަތި ޙާލަތުގައި ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ދެމުންގެންދާ ޚިދުމަތްތަކާއި ކިޔަވާކުދިންގެ ކަންކަން ބެލެހެއްޓުމުގައި ކަންކަން އިންތިޒާމު ކުރެވިގެން ކުރިޔަށްދާގޮތުގެ މަޢުލޫމާތު ހޯއްދަވާފައެވެ.
އެގޮތުން މި ޙާލަތުގައި ހަޔަރ އެޑިއުކޭޝަންގެ ދާއިރާގެ ކަންކަން ކުރިޔަށްގެންދިއުމަށް ރޭވިފައިވާ ގޮތާއި، ރާއްޖޭން ބޭރުގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންގެ ކަންތައްތައް ބަލަހައްޓަމުންދާ ގޮތްތަކާއި، އެދަރިވަރުންނަށް މި ޙާލަތުގައި ކުރިމަތިވާ ގޮންޖެހުންތައް ޙައްލުކުރުމަށް އަޅަމުންދަ ފިޔަވަޅުތަކާއި އަދި ރާވާފައިވާ އުސޫލުތަކާ ބެހޭގޮތުން ނައިބު ރައީސް މަޝްވަރާ ކުރައްވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެއެވެ.
މީގެ އިތުރުން އެމަނިކުފާނު ވަނީ މިދަނޑިވަޅުގައި ރާއްޖޭން ބޭރުގެ ބައެއް މުވައްޒަފުންގެ ޚިދުމަތް ނުލިބިދާ ގޮތެއްވެސް މެދުވެރިވެދާނެކަމަށް ބަލައި އެ ހުސްކަން ފޫބެއްދުމަށް އެފަދަ ވަޒީފާތަކަށް ރާއްޖޭގެ ތިބި ކުދިން ތައްޔާރުކުރުމަށް ރޭވިފައިވާ އިންތިޒާމުތަކާ ބެހޭގޮތުން މަޢުލޫމާތު އޮޅުންފިލުއްވާފައެވެ.
މި ބައްދަލުވުމުގައި މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަންއާއި ހަޔަރ އެޑިއުކޭޝަން ދާއިރާގެ އިސްވެރިން ވަނީ ކޮވިޑް-19ގެ ޙާލަތަށްފަހު ހަޔަރ އެޑިއުކޭޝަންގެ ދާއިރާގެ ކަންކަން ކުރިޔަށްގެންދާނެ ގޮތުގެ ޕްލޭންތަކާ ބެހޭގޮތުން ވެސް ނައިބު ރައީސާ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.
އެގޮތުން، މިދާއިރާގެ މަސައްކަތްތައް ކުރިއަށްގެންދިއުމުގައި އެންމެ އިސްކަމެއް ދޭނީ މީހުން ބިނާކުރުމަށް ނުވަތަ ތައްޔާރުކުރުމަށް ޚާއްޞަ އިސްކަމެއްދީގެން ކުރިޔަށް ގެންދާނެ މުހިންމު ޕްރޮގުރާމެއްގެ މަސައްކަތްތައްކަމުގައި މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.
މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މި ޙާލަތުގައި މަސައްކަތްކުރާއިރު ހަޔަރ އެޑިއުކޭޝަން ދާއިރާގެ ހުރިހާ ފަރާތްތަކުންވެސް އެކަކު އަނެކަކާ ގުޅިގެން މަސައްކަތްކޮށް ދިމާވާ މައްސަލަތައް ޙައްލުކޮށްގެން ކަންކަން ކުރިޔަށްގެންދިއުމަށާއި ޞިއްޙީ މާހިރުންގެ އިރުޝާދާ އެއްގޮތަށް ކަންކަން ބައްޓަންކޮށްގެން ކުރިޔަށް ގެންދިއުމަށް ހުރިހާ ފަރާތްތަކުގެ ކިބައިން އެދިވަޑައިގަންނަވާފައެވެ.