ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކޮށްފައިވާ ދެކުނު ކޮރެއާއިން އާދިއްތަ ދުވަހު ގިނަ ކޭސްތަކެއް ރިޕޯޓުކޮށްފިއެވެ.
ކޮރެއާ ސެންޓަރ ފޮރ ޑިޒީޒް ކޮންޓްރޯލް (ކޭސީޑީޑީ)ން ހާމަކޮށްފައިވާ ގޮތުގައި އާދިއްތަ ދުވަހު އެ ޤައުމުން 34 ކޭސް ރިޕޯޓް ކޮށްފައިވާއިރު، އޭގެ ތެރެއިން 26 ކޭސްއަކީ އެ ޤައުމުން ފެނިފައިވާ "ޑޮމެސްޓިކް" ކޭސްތަކެވެ. އަދި 8 ކޭސްއަކީ އެ ޤައުމުން ފެނުނު އިމްޕޯޓެޑް ކޭސްތަކެކެވެ. އެގޮތުން މިއީ ފާއިތުވި މަހެއްހާ ދުވަސް ތެރޭގައި ދެކުނު ކޮރެއާއިން އެންމެ ގިނަ ޢަދަދެއްގެ ޕޮޒިޓިވް ކޭސް ފެނުނު ދުވަސްކަމަށް ކޭސީޑީޑީން ބުނެއެވެ.
ރިޕޯޓުތައް ބުނާގޮތުން ދެކުނު ކޮރެއާގައި ވައިރަސް އަލުން ފެތުރެން ފަށާފައި މިވަނީ އެ ޤައުމުގެ އިޖުތިމާޢީ ޤައިދުރުކަމާ ގުޅޭ ފިޔަވަޅުތަކަށް ލުއެއް ދީފައިވަނިކޮށް، ނައިޓް ކްލަބްތަކަކަށް ދިޔަ 29 އަހަރުގެ ޒުވާނަކު ކޮވިޑް-19އަށް ޕޮޒިޓިވްވެ، އެމީހާގެ ފަރާތުން ގިނަ ބަޔަކަށް ބަލި ފެތުރެން ފެށުމާއެކުއެވެ. އެގޮތުން އެ ކްލަބްތަކަށް ފާއިތުވި ދުވަސްތަކުގައި 1500ށް ވުރެ ގިނަ މީހުން ގޮސްފައިވާއިރު، އެ ހުރިހާ ފަރާތްތަކެއްވެސް 14 ދުވަހުގެ މުއްދަތަކައް ސެލްފް އައިސޮލޭޓް ކުރުމަށް މިހާރު ވަނީ އަންގާފައެވެ.
އަދި އެ ކޭސްއާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގ ގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.
ކޮވިޑް-19 ގެ ބަލިމަޑުކަން ފެތުރެންފެށިއިރު، ދުވާލެއްގެ މައްޗަށް 900 އެއްހާ ކޭސް ރިޕޯޓު ކުރެވުނު ދެކުނު ކޮރެއާއަކީ މި ވައިރަސްގެ "އައުޓްބްރޭކް"ގެ ފުރަތަމަ ކޮޅުގައި ވައިރަސް ކޮންޓްރޯލްކުރި ޤައުމުތަކުގެ ތެރެއިންވެސް ފާހަގަކޮށްލެވޭ ޤައުމެކެވެ. އެގޮތުން އާދިއްތަ ދުވަހު 34 ކޭސް ރިޕޯޓް ކުރެވިފައި މިވަނީ އެ ޤައުމުން ދުވާލެއްގެ މައްޗަށް ފެންނަ ކޭސްތައް 10ށް ވުރެވެސް ދަށްކޮށް އޮންނަތާ ގިނަ ދުވަސްތަކެއް ފަހުންނެވެ.