ކޮވިޑް-19ގެ ޙާލަތަށްފަހު ސްކޫލުތައް އަލުން ހުޅުވާއިރު، ކަންކަން ކުރިޔަށްގެންދާނެ ގޮތުގެ ޕްލޭންތަކާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިޞަލް ނަސީމް، މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. ޢާއިޝަތު ޢަލީ އާއި އެޑިއުކޭޝަން ދާއިރާގެ އިސްވެރިންނާއި ބައްދަލުކުރައްވާ މަޝްވަރާކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އޮންލައިންކޮށް ބޭއްވެވި މި މަޝްވަރާ ބައްދަލުވުމުގައި ސްކޫލުތައް ދެން ހުޅުވޭއިރު އިންތިޒާމުކުރަންޖެހޭ ކަންކަމާއި ރައްކާތެރިކަމުގެ ގޮތުން އަޅަންރާވިފައިވާ ފިޔަވަޅުތަކާ ބެހޭގޮތުންވެސް މިނިސްޓަރ އޮފް އެޑިއުކޭޝަނާއި އަދި ދާއިރާގެ އިސްބޭފުޅުން މަޢުލޫމާތު ޙިއްޞާކުރެއްވިކަމަށެވެ.
މީގެ އިތުރުން ނައިބު ރައީސް ވަނީ ކޮވިޑް-19ގެ ސަބަބުން ކުރިމަތިވެފައިވާ މި ދަތި ޙާލަތުގައި އެޑިއުކޭޝަން މިނިސްޓްރީން ދެމުންގެންދާ ޚިދުމަތްތަކާއި ދަރިވަރުންގެ ކަންކަން ބެލެހެއްޓުމުގައި ކަންކަން އިންތިޒާމުކޮށްގެން ކުރިޔަށްގެންދާގޮތުގެ މަޢުލޫމާތު ހޯއްދަވާފައެވެ.
އެގޮތުން މި ޙާލަތުގައި ދަރިވަރުންގެ ކިޔެވުމުގެ ކަންކަން ކުރިޔަށްގެންދިއުމަށް ރާވާފައިވާގޮތާއި، އިމްތިޙާނުތައް ބޭއްވުން ފަދަ ކަންކަމާމެދު ޢަމަލުކުރާނެ ގޮތްތަކާއި އަދި ދަރިވަރުންގެ ކަންކަން މި ދުވަސްވަރު ބެހެއްޓުމަށް ރޭވިފައިވާ އިންތިޒާމުތަކާ ބެހޭގޮތުން ނައިބު ރައީސް މަޝްވަރާކުރެއްވިއެވެ.
މީގެ އިތުރުން މިޙާލަތުގައި މުދައްރިސުންނާއި، ދަރިވަރުންނަށް އަދި ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް ހުރި ދަތިތައް އޮޅުންވިލުއްވާ ޓެލި ކިލާސްތަކާއި އޮންލައިން ކްލާސްތައް ގެންދިއުމުގައި ކަންކަން ރޭވިފައިވާ ގޮތުގެ މަޢުލޫމާތުވެސް ނައިބް ރައީސް ވަނީ ހޯއްދަވާފައެވެ.
މި ބައްދަލުވުމުގައި ނައިބު ރައީސް ވަނީ މި ޙާލަތުގައި މަސައްކަތްކުރާއިރު ތަޢުލީމީ ދާއިރާގެ ހުރިހާ ފަރާތްތަކުންވެސް ގުޅިގެން މަސައްކަތްކޮށް ދިމާވާ މައްސަލަތައް ޙައްލުކޮށްގެން ކަންކަން ކުރިޔަށްގެންދިއުމަށާއި، ޞިއްޙީ މާހިރުންގެ އިރުޝާދާ އެއްގޮތަށް ކަންކަން ބައްޓަންކޮށްގެން ކުރިޔަށް ގެންދިއުމަށް ހުރިހާ ފަރާތްތަކުގެ ކިބައިން އެދިވަޑައިގެންފައެވެ.