ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުންދާ ކޮވިޑް-19އަށް މުޅި ދުނިޔެއިން ޕޮޒިޓިވްވީ މީހުންގެ އަދަދު 4 މިލިއަނަށްވުރެ އިތުރުވެއްޖެއެވެ.
އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން, ވައިރަސް ޖެހުނު މީހުންގެ ޖުމުލަ ޢަދަދު ހޮނިހިރު ދުވަހު ވަނީ 4،013،841ށް އަރާފައެވެ.
ވައިރަސް ފެތުރެމުންދާ ޒާތައް ބަލާއިރު، އެންމެ ގިނަ ޢަދަދަަކަށް ވައިރަސްއަށް ޕޮޒިޓިވްވީވެސް އަދި މަރުވީވެސް އެމެރިކާއިންނެވެ. އެމެރިކާއިން މިހާތަނަށް މިލިއަނަކަށްވުރެ ގިނަ މީހުން ވައިރަސްއަށް ޕޮޒިޓިވް ވެފައިވާއިރު، 78،616 މީހުން ވަނީ ފަރުވާދެމުން ދަނިކޮށް ޙާލުދެރަވެގެން މަރުވެފައެވެ.
ދުނިޔޭގެ 217 ޤައުމަކުން/ޓެރިޓަރީސްއަކުން ވައިރަސް ފެނިފައިވާއިރު، އެމެރިކާ ފިޔަވައި ދެން އެންމެ ގިނަ ޢަދަދެއްގެ މީހުން ވައިރަސްއަށް ޕޮޒިޓިވް ވެފައިވަނީ ޔޫރަޕުގެ ޤައުމުތަކުންނެވެ. އެގޮތުން ސްޕެއިނާއި، އިޓަލީވިލާތާއި، އިނގިރޭސި ވިލާތުން ގިނަ ޢަދަދެއްގެ މީހުން ކޮވިޑް-19އަށް ޕޮޒިޓިވް ވެފައިވެއެވެ.
އޭގެ އިތުރުން، ފާއިތުވި ދުވަސްތަކާ އަޅާބަލާއިރު، ރަޝިއާއިން ވައިރަސްއަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ. އެގޮތުން ރަޝިއާއިން 187،859 މީހުން ވައިރަސްއަށް ޕޮޒިޓިވް ވެފައިވާއިރު، ރަޝިއާގައި މަރުވީ މީހުންގެ އަދަދު ނިސްބަތުން ދަށްކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ރަޝިއާއިން ކޮވިޑް-19 ޖެހިގެން މަރުވެފައިވަނީ 1723 މީހުންނެވެ. އަދި 26،608 މީހުން ބަލިން ފަރުވާދީ ރަނގަޅު ކުރެވިފައިވެއެވެ. އެއާއެކު ރަޝިއާ ވެފައިވަނީ މުޅި ދުނިޔެއިން 5 ވަނައަށް އެންމެ ގިނަ އަދަދެއްގެ މީހުން ޕޮޒިޓިވްވި ޤައުމަށެވެ.
ރަޝިއާގެ އިތުރުން ފްރާންސް، ޖަރމަނީ، ބްރެޒިލް، ތުރުކީ އަދި އިރާނަކީވެސް މުޅި ދުނިޔެއިން ވައިރަސްއަށް ޕޮޒިޓިވްވި މީހުންގެ އަދަދު ލައްކައަކަށްވުރެ އިތުރުވެފައިވާ ޤައުމުތަކެވެ.
އެއަށްފަހު ލިސްޓުގެ ކުރީގައި ހިމެނެނީ ޗައިނާއެވެ. އެގޮތުން ޗައިނާއިން 82،887 މީހުން ވައިރަސްއަށް ޕޮޒިޓިވްވެފައިވާއިރު، މަރުވި މީހުންގެ އަދަދު އުޅެނީ 4633 ގައެވެ. ނަމަވެސް ޗައިނާގައި މިވަގުތު ވައިރަސް ފެތުރޭ މިންވަރު ކޮންޓްރޯލް ކޮށްފައިވާއިރު، މިހާރު ގިނައިން ފެންނަމުންދަނީވެސް އިމްޕޯޓެޑް ކޭސްތަކެވެ.
ޗައިނާއަށް ފަހު މުޅި ދުނިޔެއިން އެންމެ ގިނަ އަދަދެއްގެ މީހުން ޕޮޒިޓިވެފައިވާ ޤައުމުތަކަކީ ކެނެޑާ، ޕެރޫ އަދި އިންޑިއާއެވެ. އެގޮތުން އިންޑިއާއަކީ މުޅި ދުނިޔެއިން 14 ވަނައަށް އެންމެ ގިނަ ޕޮޒިޓިވް ކޭސް ފެނިފައިވާ ޤައުމަށް މިވަނީ ވެފައެވެ.
ވައިރަސްއަށް ޕޮޒިޓިވްވީ މީހުންގެ ޢަަަދަދު 3 މިލިއަނަށް އަރާފައިވާއިރު، ވައިރަސްއަށް ޕޮޒިޓިވްވީ މީހުންގެ ޢަދަދު މިލިއަނަކަށް އަރާފައިވަނީ މިދިޔަ އޭޕްރީލް މަހުގެ 2 ވަނަ ދުވަހުއެވެ. އެއަށްފަހު އޭޕްރީލް މަހުގެ 15 ވަނަ ދުވަހު މި ޢަދަދު 2 މިލިއަނަށް އަރާފައިވާއިރު، އޭގެ 6 ދުވަސްފަހުން މި ޢަދަދު 2.5 މިލިއަނަށް އިތުރުވެގެން ގޮސްފައިވެއެވެ. އޭގެ އިތުރުން ވައިރަސްއަށް ޕޮޒިޓިވްވި މީހުންގެ އަދަދު 3 މިލިއަނަށް އަރާފައިވަނީ މިދިޔަ އޭޕްރީލް މަހުގެ 27 ވަނަ ދުވަހުއެވެ.