މިހާރު ރާއްޖޭގައި ކޮވިޑް-19 ފެތުރޭ ގޮތަށް ބަލާއިރު ކުރިޔަށް އޮތް ދެތިން ހަފްތާއެއްގެ ތެރޭގައި ޕީކަށް ދާނެކަމަށް ބެލެވޭއިރު މާލެ ސަރަހައްދުގައި މިހާރު އަޅާފައިވާ ފިޔަވަޅުތައް ކުރިޔަށް އޮތް ދެ ހަފްތާގެ ތެރޭގައި އިތުރަށް ވަރުގަދަ ކުރާނެކަމަށް ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) ތަރުޖަމާން މަބްރޫކް އަޒީޒު ވިދާޅުވެއްޖެ އެވެ.
ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި ކޭސްތަކުގެ އަދަދު އިތުރުވާނެ ކަމަށް އަންދާޒާކުރެވޭތީ، މީސް މީހުންގެ ހަރަކާތްތައް މަދުކުރަން އިތުރު ފިޔަވަޅުތަކެއް އެޅުމަށް ނެޝަނަލް ޓާސްކްފޯހުން ވަނީ މަޝްވަރާކޮށްފަ އެވެ. މަޝްވަރާކުރެވުނު ކަންތައްތައް ހިއްސާކުރައްވާ ރައީސް އޮފީހުން ކުރި ޓްވީޓެއްގައި ވަނީ، ކޭސްތައް އިތުރުވެދާނެ ކަމަށް ޕްރޮޖެކްޝަންސްތަކުން ދައްކާތީ މިހާރަށް ވުރެ ބޮޑަށް ސަމާލުވާން ޖެހޭ ކަމަށެވެ. އަދި ކޮންމެހެން ބޭރަށް ދާން ޖެހިއްޖެ ހާލަތެއްގައި މެނުވީ އެއް ތަނުން އަނެއް ތަނަށް ދިއުން މަނާކުރަން މަޝްވަރާކޮށްފައި ވެއެވެ. ރައްޔިތުންގެ ހަރަކާތްތައް މަދުކުރަން އަޅަން ނިންމާފައިވާ ފިޔަވަޅުތަކުގެ ތަފްސީލު މިހާތަނަށް ލިބިފައެއް ނުވެ އެވެ.
ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "ރާއްޖެ އެމްވީ" ން އެކަމާއި ގުޅޭގޮތުން ސުވާލުކުރުމުން މަބްރޫކް ވިދާޅުވީ ކުރިޔަށް އޮތް ދުވަސްތަކުގައި ފިޔަވަޅުތައް އިތުރަށް ހަރުކަށި ވެގެންދާނެކަމަށެވެ. އަދި މަގުމަތީގައި ގަވާއިދާ ޚިލާފަށް އޫޅޭ މީހުން ޖޫރިމަނާކުރުމުގައި މިހާރަށްވުރެ ބޮޑަށް ބަލަމުންދާނެކަމަށް މަބްރޫކް ވިދާޅުވިއެވެ. އެގޮތުން ގަވާއިދާ ޚިލާފުވެފައި ހުންނަ މިންވަރަށް ބަލާ ފިޔަވަޅުތައް އިތުރަށް ހަރުކަށި ކުރާނެ ކަމަށް މަބްރޫކް ވިދާޅުވި އެވެ.
ޕާމިޓް ދެވޭއިރު އެއީ ކޮންމެހެން ޒަރޫރީ ބޭނުމަކަށް ހޯދާ ހުއްދައެއްތޯ ކަށަވަރުކުރުމަށް އިތުރު ކަންތައްތަކެއް ކުރާނެ. އަދި ހުއްދަ ދެވޭވަރު ކުރިޔަށް އޮތް 14 ދުވަހު ގެ ތެރޭގައި ވަރަށް ބޮޑަށް ހިފަހައްޓައިގެން ހަމައެކަނި ޒަރޫރީ ބޭނުންތަކަށް ދޫކުރާނީ. އިތުރު ފިޔަވަޅުތައް އެޅުމުގެ ވާހަކަވެސް އެބަދެއްކޭ. ތަންތަނަށް ވަންނައިރު މިސާލަކަށް ފިހާރައަކަށް އެއް ފަހަރާ ވަދެވޭނީ ކިތައް މީހުންނަށްތޯ ފިހާރަ ދޮރުމަތީގައި އެއް ފަހަރާ ތިބެވޭއިރު ތިބޭނީ ކިހާ އަދަދެއްތޯ ކިހިނެއްތޯ ކަށަވަރުކުރާނީ އެކަކު އަނެކަކާ ދެމެދު ޑިސްޓެންޓް ބެހެއްޓުމާ ކަންކަން އެކަންކަމަށް މަޝްވަރާކުރަމުން ދަނީއެންއީއޯސީގެ ތަރުޖަމާން މަބްރޫކް އަޒީޒު
މަބްރޫކް ވިދާޅުވީ ހުކުރު ދުވަހު މިފިޔަވަޅުތައް އާންމުކުރެއްވުމަށް މަސައްކަތްކުރައްވާ ކަމަށެވެ. ފުލުހުން އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހިއްސާކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މާލެ 26 ޒޯނަކަށް ބަހާލާފައިވާއިރު، ކޮންމެ ޒޯނެއްގައި އެއްފަހަރާ މަގުމަތީގައި އުޅޭނީ ގިނަވެގެން 65 މީހުންނެވެ. މި އަދަދުތަކަށް ބަލާއިރު، ހުއްދަ ދެވިފައިވާ ވަގުތުތަކުގައި މާލޭ މަގުމަތީގައި އެއްފަހަރާ ނިކުމެ އުޅޭނީ 1690 މީހުންނެވެ.
ކޮވިޑް-19 ގެ މިހާރުގެ ހާލަތަށް ބަލާއިރު މި މަހުގެ 31 ގައި ފުރަތަމަ ސާރޖަށް އަރާނެ ކަމަށާއި، އެ ދުވަހު ބައްޔަށް ޕޮޒިޓިވް 1600 އެއްހާ މީހުން އުޅޭނެ ކަމަށް ލަފާކޮށްފައިވާއިރު އައިސީޔޫތަކަށް ބާރުބޮޑުވާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ކޮންސަލްޓަންޓް ޑރ ޝީނާ މޫސާ ވަނީ ވިދާޅުވެފަ އެވެ.
ކޮވިޑްގެ ހާލަތު އޮތް ގޮތާއި އަދި އެ ހާލަތު ބަދަލުވެދާނެ ގޮތުގެ މައްޗަށް ތައްޔާރުކޮށްފައިވާ ހާއްސަ ޕްރެޒެންޓޭޝަނެއް ހުށަހަޅުއްވާ ދެއްވަމުން ޑރ ޝީނާ ވިދާޅުވީ އެ ހިސާބަށް ދާއިރު އެކްޓިވް ކޭސްތަކުގެ ޖުމްލަ އުޅޭނީ 6804 ގައި ކަމަށެވެ. އަދި 281 މީހަކު އެޑްމިޓްކޮށްފައި ތިބޭނެ ކަމަށް ވެސް ވަނީ އަންދާޒާކޮށްފައެވެ. އަދި އައިސީޔޫގައި އެދުވަހާ ހަމައަށް 101 މީހަކަށް ފަރުުވާ ދޭންޖެހޭނެ އެވެ. އަދި އެދުވަހު އެކަނިވެސް އައިސީޔޫގައި 12 މީހަކަށް ފަރުވާދޭންޖެހޭނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ.
ޑރ. ޝީނާ ވިދާޅުވީ މި މަހު ވަރަށް ބޮޑަށް ސަމާލުވާން ޖެހޭނެ ކަމަށާއި މެއި 31 ވަނަ ދުވަހުގެ ސާޖް ކުޑަ ނުކުރެވިއްޖެނަމަ، ޖޫން މަހަށް ވެސް ސާޖް ދެމިގެން ހިނގައިދާނެ ކަމަށެވެ. ހަމައެއާއެކު ރާއްޖެ ޕީކަށް ދާނެކަމަށް އަންދާޒާ ކުރެވިފައި ވަނީ ރަމަޟާން މަސް ނިމި އީދާ ދިމާކޮށް ކަމަށްވާތީ، ވިޔަފާރި ކުރުމާއި މީހުންނާ ބައްދަލުކޮށް ބޭރަށް ނުކުމެ އުޅުމުގައި ހާއްސަ ސަމާލުކަމެއް ދިނުމަށް ޑޮކްޓަރު ވަނީ އިލްތިމާސްކުރައްވާފަ އެވެ.
ހުއްދަ ލިބިގެން ބޭރަށް ނުކުންނަ މީހުން ވެސް ގައިދުރުކަން ބަހައްޓައި އަތް ދޮވުމާއި ސާފުތާހިރުކަން އިސްކުރުމަށް ވެސް ޑރ ވަނީ ތަކުރާރުކޮށް އިލްތިމާސްކުރައްވާފަ އެވެ.