މާލޭގައި ގިނަ ޢަދަދެއްގެ ބިދޭސީން ތޮއްޖެހިގެން ދިރިއުޅެމުން ދިޔަ 27 ތަނެއްގައި އުޅެމުންދިޔަ ހުރިހާ މީހުންގެ ސާމްޕަލްތައް ނަގާ ނިންމާފައިވާ ކަމަށް ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) ތަރުޖަމާން މަބްރޫކް އަޒީޒު ވިދާޅުވެއްޖެއެވެ.
އެންއީއޯސީގެ ފަރާތުން ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ މިހާރު ސާމްޕަލް ނުނެގި ވަނީ މިގޮތަށް ފާހަގަވި އެއް ތަނެއްގައި އުޅެމުންދިޔަ މީހުންގެ ކަމަށެވެ. އެހެން ތަންތަނުގައި އުޅުމުންދިޔަ ހުރިހާ އެންމެންގެ ސާމްޕަލްތަކެއް ނެގިފައިވާއިރު ނަތީޖާ ލިބިފައިވަނީ މީގެތެރެއިން ބައެއް މީހުންގެ ކަމަށާއި އެތަނުން ނަތީޖާ ޕޮޒިޓިވްވި މީހުން އައިސޮލޭޓް ކުރެވިފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި މިހާރުވެސް ބައެއް ސާމްޕަލްތައް ލެބޯޓްރީގައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.
ރާއްޖޭގައި މިހާތަނަށް އައިއިރު ކޮވިޑް-19 އަށް 648 މީހުން ޕޮޒިޓިވްވެފައިވާއިރު މީގެތެރެއިން 50 އިންސައްތަ އަކީ ރާއްޖޭގައި މަސައްކަތްކުރަމުންދާ ބަންގްލަދޭޝް މީހުންނެވެ. އެހެންކަމުން މާލެ ޞަރަޙައްދުގައި ތޮއްޖެހިގެން ބިދޭސީން ދިރިއުޅެމުންދާ ތަންތަން ސަރުކާރުގެ ފަރާތުން އަންނަނީ ބަލަމުންނެވެ. އެފަދަ 28 ތަނެއް މިހާތަނަށް އައިއިރު މޮނިޓަރ ކުރަމުން އަންނަކަމަށް އެންއީއޯސީން ވަނީ ބުނެފައެވެ. އަދި އެތަންތަނުގައި އުޅޭ ބިދޭސީން އެއަށްވުރެ ރަނގަޅު ތަންތަނަށް ބަދަލުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އެގޮތުން ހުޅުމާލެ ފޭސް ޓޫ، ގުޅިފަޅު އަދި ވިލިވަރުގައި އަންނަނީ ބިދޭސީންނަށް ޚާއްޞަކޮށްގެން ކަރަންޓީނު ފެސިލިޓީތައް ހަދަމުންނެވެ.
މީގެއިތުރުން ތޮއްޖެހިގެން މާލެ ޞަރަޙައްދުގައި ދިރިއުޅޭ ބިދޭސީން ހޯދުމުގެ މަސައްކަތް ކުރައްވާނެކަމަށް މަބްރޫކް ވަނީ މީގެކުރިން ވިދާޅުވެފަ އެވެ. އެގޮތުން މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ޝަމާޢު ޝަރީފް ރާއްޖެ އެމްވީއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ މާލެ ސިޓީ ކައުންސިލުން އިސްނަގައިގެން އެންއީއޯސީ އާއި ގުޅިގެން ކޮންސްޓްރަކްޝަން ސައިޓްތަކާއި ސައިޓްތަކުގައި މަސައްކަތް ކުރާ ބިދޭސީންގެ އެކޮމަޑޭޝަންސްތައް ޗެކް ކުރުމުގެ މަސައްކަތް ބުރާސްފަތި ދުވަހު ފަށާފައިވާ ކަަމަށެވެ. އެގޮތުން އެންއީއޯސީގެ ބޭފުޅުންނާއެކު މާލެ ސިޓީގެ ކޮންސްޓްރަކްޝަން މަސައްކަތްތަކާ ބެހޭ ބައިގެ ބޭފުޅުން ބިދޭސީން ބައިތިއްބާފައި ތިބޭ ތަންތަނަށް ގޮސް އެތަންތަނުގެ ޙާލަތު ދެެނެގަންނަމުން ގެންދާނެކަމަށް ޝަމާއު ވިދާޅުވިއެވެ.
މީގެއިތުރުން ކޮވިޑް-19 އާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު އެންމެ ފަހުން ޤައުމާ މުޚާތަބުކުރައްވާ ވާހަކަ ދައްކަވަމުން ވިދާޅުވެފައިވަނީ ރާއްޖޭގައި ޤަވާޢިދާ ޚިލާފަށް އުޅޭ ބީދޭސީންގެ ތެރެއިން 1500 ބަންގްލަދޭޝް މީހުން ޤައުމަށް ފޮނުވާލުމުގެ މަސައްކަތް މިފެށޭ ހަފުތާގައި ފެށިގެންދާނެ ކަމަށެވެ. އެގޮތުން އެކަމުގެ ވާހަކަތައް ބަންގްލަދޭޝް ސަރުކާރާ ދައްކައިގެން އެކަން ކުރައްވާނެކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.