ރާއްޖެއިން މިހާރު ފެންނަމުން އަންނަ ކޮވިޑް-19 އަށް ޕޮޒިޓިވްވާ ކޭސްތަކަށް ބަލާއިރު ކޮންޓެކްޓުން މަދުކަމަށާއި މިހާރު ފާހަގަވާ ކްލަސްޓަރ ތަކުގެ ކޮންޓެކްޓްވެސް މަދުކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ އެޕިޑަމޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެ އެވެ.
ބުރާސްފަތި ދުވަހުގެ ރޭ ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) ން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ އަފްޒަލް ވިދާޅުވީ މިހާރު ފެންނަ ކޭސްތަކަށް ބަލާއިރު ދިވެހިންގެ ތެރޭގައި ކޭސްތައް ހުރީ އެއް ލެވެލްއެއްގައި ހިފެހެއްޓިފައި ކަމަށެވެ. އެހެންނަމަވެސް ބިދޭސީންގެ ތެރޭގައި ފެންނަ ކޭސްތައް ލެވެލްވެފައި ހުރިއިރު ކުރިޔަށް އޮތްތަނުގައި ފެންނަ ކޭސްތައް އިތުރުވުން އެކަށީގެންވާ ކަމަށެވެ.
މީގެއިތުރުން ޑރ އަފްޒަލް ވިދާޅުވީ ކޮންމެ ކޭސްއަކާ ވިދިގެން އަންނަ ކޮންޓެކްޓް ތަކަށް ބަލާލާއިރު ކޮންޓެކްޓްސްތައް މަދުވަމުން އަންނަކަން ފާހަގަކުރެވޭ ކަމަށެވެ. އޭގެ އެއް ސަބަބަކީ "ލޮކްޑައުން" ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.
އެއް ސަބަބަކީ ލޮކްޑައުން. ލޮކްޑައުންގެ ތެރޭގައި އާންމުންގެ ތެރޭގައި އެކި މީހުންނާ ބައްދަލުވެ އުޅޭ މިންވަރު މަދުވެ ފަހުން ފެނިފައިވާ ކޭސްތަކާއި ގުޅިގެން އޭނާގެ ކޮންޓެކްޓްސް މަދުކަން. ކްލަސްޓަރ ތަކުގެ ކޮންޓެކްޓް ތައްވެސް އެކު ޖުމްލަ ދަށްކަން ފާހަގަވޭ. ފެނިފައިވާ ކޭސްތަކުގެ ތެރެއިން ގިނަ އިން އެސިމްޕްޓޮމެޓިކް މީހުން.އެޕިޑަމޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް
އޭޕްރީލް މަހުގެ 15 ވަނަ ދުވަހު މާލެއިން ފުރަތަމަ މީހާ ކޮވިޑް-19 އަށް ޕޮޒިޓިވްވިއިރު އޭރު ފެނުނު ބައެއް ކޭސްތަކުގެ ކޮންޓެކްޓުންގެ ޢަދަދު ސަތޭކައަށްވުރެ މައްޗެވެ. އަދި އޭރު އެޗްޕީއޭގެ ފަރާތުން އެންމެ ބޮޑަށް ފާޅުކުރެއްވި ކަންބޮޑުވުމަކީވެސް ފެންނަ ކޭސްތަކުގެ ކޮންޓެކްޓުންގެ ޢަދަދު ހީކުރިވަރަށްވުރެ މައްޗަށް ދިޔުމެވެ.
ނަމަވެސް މިފަހަކުން ފެންނަ ކޮންޓެކްޓުންގެ ޢަދަދު މަދު ކަމަށާއި އަދި ކްލަސްޓަރ ތަކުގައިވެސް ފެންނަ ކޮންޓެކްޓުންގެ ޢަދަދު މަދު ކަމަށް ޑރ. އަފްޒަލް އަންނަނީ ވިދާޅުވަމުންނެވެ. އެހެންނަމަވެސް ލޮކްޑައުންގައި ތިބޭއިރު އަދިވެސް އިޖުތިމާޢީ ގައިދުރުކަން ގެންގުޅުމަށާއި ޑެލިވަރީގައި އުޅުއްވާ ބޭފުޅުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގައި ސަމާލުވުމަށް ޑރ. އަފްޒަލް އެދިވަޑައިގެންނެވިއެވެ. މީގެއިތުރުން ގެއަށް ގެންނަ ތަކެތިވެސް ޑިސްއިންފެކްޓުކުރުމަށް އަވަސްވުމަށް ޑރ އަފްޒަލް އެދިވަޑައިގެންނެވިއެވެ.
މިހާރު ރާއްޖެއިން ދުވާލެއްގެ މައްޗަށް ކޮވިޑް-19 ޖެހޭ މީހުންގެ ޢަދަދު މަދުން ފެންނަނީ ޓެސްޓްކުރެވޭ ނިޞްބަތް ދަށްވުމުން ކަމަށާއި، ނަމަވެސް އޭގެ މާނައަކީ ވައިރަސް ހުރި މީހުން މަދުވުން ނޫންކަމަށް ޑރ. އަފްޒަލް ވިދާޅުވި އެވެ. އެހެންކަމުން ވައިރަސް އިން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ޑޮކްޓަރު އެދިވަޑައިގެންނެވި އެވެ. މީގެއިތުރުން ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވާ ގިނަ މީހުންނަކީ ހަށިގަނޑުގައި ވައިރަސް ހުރި ކަމުގެ ނިޝާނެއް ނުވަތަ އަލާމާތެއް ނެތި ޕޮޒިޓިވްވާ މީހުން ކަމަށްވުމުން އެކަންކަމަށް ދޭންޖެހޭކަން ޑރ. އަފްޒަލް ފާހަގަކުރެއްވިއެވެ.