ރާއްޖޭގައި ކޮވިޑް-19 އަށް 10،000ށް ވުރެ ގިނަ ޓެސްޓު ހަދައިފި އެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު ބުރާސްފަތި ދުވަހުގެރެއާ ހަމަޔަށް ވަނީ، 10،811 ޓެސްޓުވަނީ ހަދާފަ އެވެ. އޭގެ ތެރެއިން މިހާރު ބާކީ ނަތީޖާ ނުލިބިހުރި 536 ސާމްޕަލް ގައެވެ. މި ވަގުތު ރާއްޖޭގައި ދުވާލެއްގެ މައްޗަށް ހެއްދެނީ 300-400އާ ދޭތެރޭގެ އަދަދަކަށެވެ.
މިހާރު ކޮވިޑް-19 އަށް ޓެސްޓު ކުރެވެނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ ނެޝަނަލް ރެފަރެންސް ލެބޯރަޓަރީގެ އިތުުރުން ފުލުހުންގެ ފޮރެންސިކް ލެބޯރަޓަރީގަ އެވެ. އަދި މި މަސައްކަތް ކުރުމަށް، އައިޖީއެމްއެޗުން ވަނީ ކޮވިޑް-19 އަށް ޓެސްޓުކުރަން 16 ލެބޯރެޓަރީ ޓެކްނިޝަނުން ޓްރެއިން ކޮށްފަ އެވެ.
ޓެސްޓު ކުރެވޭ އަދަދު މަދުވުމަކީ ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމެވެ. އަދި މިކަން ހައްލުކުރުމަށް، ޓެސްޓިންގ ކެޕޭސިޓީ އިތުރުކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށް އެންއީއޯސީގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވަނީ ވިދާޅުވެފަ އެވެ. އެގޮތުން، މި ހިނގާ މެއި މަހުގެ 17 ވަނަ ދުވަހު، 200 ޓެސްޓު ހެއްދޭ މެޝިނެއް ގެނެވޭނެ ކަމަށް ހާމަކުރެއްވި އެވެ.
މެޝިންތައް ހޯދުމުގައި ދިމާވެފައިވާ ގޮންޖެހުންތައް ހިއްސާކުރައްވަމުން މަބްރޫކް ވިދާޅުވީ، ކޮވިޑް-19 އާ ގުޅިގެން ގިނަ ގައުމުތައް ލޮކްޑައުން ކޮށްފައިވުމާއި ގުޅިގެން ބޭނުންވާ މެޝިންތައް ގެނައުމަށް އުނދަގޫތައް ދިމާވާ ކަމަށެވެ. މި ގޮންޖެހުންތަކާއި އެކުވެސް، ރައީސް އޮފީހާއި، ސިއްހީ ވުޒާރާ އަދި އެސްޓީއޯއިން މި ވަގުތު ވެސް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.
ކޮވިޑް-19 އަށް ދެ ޓެސްޓެއް ހަދައެވެ. އެއީ ސްކްރީނިންގ ޓެސްޓުގެ އިތުރުން ޖެނެޓިކް ޓެސްޓެވެ. ސްކްރީނިންގ ޓެސްޓަކީ ވަރަށް އަވަހަށް ނަތީޖާ ލިބޭ ޓެސްޓެކެވެ. އެ ޓެސްޓުން ބަލަނީ ކޮރޯނާވައިރަހުގެ އެއްވެސް ޖަރާސީމެއް ހުރިތޯ ނުވަތަ ނޫންތޯ އެވެ.
މި ޓެސްޓުގެ ނަތީޖާ ޕޮޒިޓިވްވެއްޖެ ނަމަ ދެން ކުރަނީ ޖެނެޓިކް ޓެސްޓެކެވެ. މި ޖެނެޓިކް ޓެސްޓު ކުރެވިގެންދަނީ ވައިރަސްގެ އާރްއެންއޭ ނުވަތަ ޑީއެންއޭ ހުރިތޯ ބަލާށެވެ. އާއްމު ގޮތެއްގައި މިޓެސްޓުގެ ނަތީޖާ ލިބެން ހަ ގަޑިއިރާއި އަށް ގަޑިއިރާ ދެމެދުގެ ވަގުތެއް ނަގަ އެވެ.