ނ. އަތޮޅުގައި އިމަޖެންސީ އޮޕަރޭޝަން ސެންޓަރެއް ޤާއިމްކުރުމަށް ހުށަހެޅިފައިވާ ޤަރާރަކީ ކައުންސިލަށް ލިބިގެންވާ ގާނޫނީ ބާރުވރިކަމާއި ކައުންސިލްގެ އެންމެހާ ޒިންމާތައް އެހެން ފަރާތަކަށް އަނބުރާލުމަށް ހުށަހެޅިފައިވާ ޤަރާރެއް ކަމަށް ނ. އަތޮޅު ކައުންސިލުން ބުނެފިއެވެ.
ނ. އަތޮޅު ކައުންސިލުން ބުދަ ދުވަހުގެރޭ ނެރެފައިވާ ބަޔާނެއްގައި ވަނީ އެކައުންސިލްގެ 3 ވަނަ ދައުރުގެ 3 ވަނަ ކުއްލި ބައްދަލުވުމަށް ކެނދިކުޅުދޫ ދާއިރާގެ ކައުންސިލް މެންބަރު ވާސިފް އަހުމަދު ހުށަހެޅުއްވި ޤަރާރުގައި ބަޔާންކޮށްފައިވާ މައިގަނޑު ކަންތައްތަކަކީ ކޮވިޑް-19 އާ ގުޅިގެން ނ. އަތޮޅުގައި އީއޯސީއެއް ޤާއިމް ކުރުމާއި އީއޯސީގެ މެންބަރުންނަކީ ޤަރާރުގައިވާ ލިސްޓްގައި ހިމެނޭ ފަރާތްތައް ކަމަށެވެ. އަދި ރިޔާސަތު ބަލަހައްޓަވާނީ މެންބަރުންގެ ވޯޓުން ހޮވޭ ފަރާތެއް ކަމަށާއި، ސެންޓަރުގެ ނިންމުންތަކަކީ އެ ކައުންސިލްގެ ނިންމުންތަކެއް ކަމަށެވެ.
މީގެ އިތުރުން ނ. އަތޮޅު ރިލީފް ފަންޑު ޤާއިމްކޮށް އަތޮޅު ފަންޑުން 2 މިލިއަން ރުފިޔާ ކަނޑައަޅައި އިތުރު އެހީ ހޯދުމުގެ ބާރު އެ ސެންޓަރަށް ދިނުމަށާއި، ކައުންސިލްގެ ވަސީލަތްތަކާއި ބެލުހެއްޓުމުގެ ދަށުގައިވާ ވަސީލަތްތައް އެސެންޓަރަށް ދިނުމަށާއި އަދި ކައުންސިލުން ނިންމަންދެން ސެންޓަރުގެ މަސައްކަތް ދެމިގެންދާނެ ކަމަށް ޤަރާރުގައި ވެއެވެ.
އަތޮޅު ކައުންސިލުން ބުނީ އެ ޤަރާރުގައި ބަޔާންކޮށްފައިވާ ކަންކަމަކީ 7/2010 އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގ ދަށުން ނ. އަތޮޅު ރައްޔިތުން އިންތިޚާބު ކޮށްފައިވާ ކައުންސިލްގެ ބާރުތައް، ދިވެހި ދައުލަތުން ވަކިގޮތެއް ކަނޑަނާޅަނީސް ޤަރާރުގައި ބަޔާންކޮށްފއިވާ އީއޯސީއަށް ދިނުމަކީ ކައުންސިލަށް ކުރެވޭނެ ކަމެއް ކަމުގައި ނުދެކޭ ކަމަށެެވެ. 7/2010 އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގައިު ރައްޔިތުން އިންތިޚާބުކޮށްފައިވާ ކައުންސިލަރުންނަށް މަތިކޮށްފައިވާ ޒިންމާތައް އެހެން ބައެއްގެ މައްޗަށް ދޫކޮށްލައި އިންތިޚާބީ ކައުންސިލަރުންނަށް ޒިންމާއިން ރެކިގެން ތިބެވިދާނެ ކަމަށް ކައުންސިލުން ނުދެކޭ ކަމަށް ބަޔާނުގައިވެއެވެ. އަދި ޤަރާރުގައި އީއޯސީ މެންބަރުންގެ ގޮތުގައި ހިމެނުމަށް ފޮނުވާފައިވާ ލިސްޓްގައި 38 ފަރާތުގެ ތެރެއިން ގިނަ ފަރާތްތަކަކީ ޤާނޫނީ ގޮތުން މިފަދަ ޒިންމާއެއް ހަވާލުކުރުމުގެ އެއްވެސް ހައިސިއްޔަތެއް ނެތްފަރާތްތަކެއް ކަމަށް ކައުންސިލުން ދެކޭ ކަމަށްވެސް ބަޔާނުގައިވެއެވެ.
އަތޮޅު ކައުންސިލުން ބުނީ އެކައުންސިލްގެ 3 ވަނަ ދައުރުގެ 3 ވަނަ ކުއްލި ބައްދަލުވުމުގައި އެލްޖީއޭއިން ފޮނުއްވާފައިވާ މައުލޫމާތު ކަރުދާހާއި އެއްގޮތަށް އުފައްދާފައިވާ ނ. އަތޮޅު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ މަސައްކަތްތަކަށާއި، އަތޮޅުގެ ރަށްތަކުގެ އީއޯސީތަކަށް އެހީތެރިވުމަށް ފޮނުވި 2 މިލިއަން ރުފިޔާ ޚަރަދުކުރުމަށް ފާސްކޮށްފައިވާ ކަމަށެވެ. ރާއްޖޭގެ އެހެން އަތޮޅުތަކެކޭވެސް އެއްފަދައިން ނ. އަތޮޅުގައިވެސް އީއޯސީއެއް ޤާއިމްކުރެވި ކޮވިޑް-19 އާ ގުޅިގެން ރައްޔިތުންނަށް ލިބެންޖެހޭ ޚިދުމަތަތައް ފޯރިކޮށްދެމުންދާ ކަމަށް ބަޔާނުގައި ބުންޏެވެ. އެގޮތުން އަތޮޅުގެ ހުރިހާ ރަށަކަށް ބޭނުންވާ މާސްކާއި، އަންގި އަދި ޕީޕީއީ މިވަގުތަށް ބޭނުންވާ ވަރަށް ނ. އަތޮޅު ހޮސްޕިޓަލުން ވަނީ ފޯރުކޮށްދީފައި ކަމަށެވެ. އޭގެއިތުރުން ބޭނުންކުރެވެމުންދާވަރަކުން އިތުރަށް ބޭނުންވާ ތަކެތިވެސް ދަނީ ފޯރުކޮށްދެމުން ކަމަށް ބަޔާނުގައި ވެއެވެ.
ރާއްޖޭގެ އެހެން އަތޮޅުތަކެކޭވެސް އެއްފަދައިން ނ. އަތޮޅު ރައްޔިތުންނަށްވެސް ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން ފޯރުކޮށްދޭ ހުރިހާ ޚިދުމަތެއް ލިބޭނެކަން ކަށަވަރު ކުރަމުން ގެންދާނެ ކަމުގެ ޔަޤީންކަން ކައުންސިލުން ވަނީ ދީފައެވެ.