ކޮންސްޓްރަކްޝަން ސައިޓްތަކުގައި މަސައްކަތްކުރާ ބިދޭސީން ބައިތިއްބާފައި ތިބޭ ތަންތަނުގެ ހާލަތު މާލެ ސިޓީ ކައުންސިލުން ބަލަން ފަށައިފިއެވެ.
ރާއްޖެއެމްވީއަށް މައުލޫމާތުދެއްވަމުން މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ޝަމާޢު ޝަރީފް ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން ހުއްޓިފައި އޮތް ކޮންސްޓްރަކްޝަން ދާއިރާގެ މަސައްކަތްތައް އަލުން ފެށުމަށް ހުއްދަ ދިނުމަށް ސަރުކާރާއި އެކު މަޝްވަރާ ކުރެވިފައިވާ ކަމަށެވެ.
މި މަޝްވަރާތަކުގައި އެންމެ ބޮޑު މުހިއްމު ކަމެއްގެ ގޮތުގައި ފާހަގަ ކޮށްފައިވަނީ ބިދޭސީން ސިއްޚީ ރައްކައުތެރިކަން ހުރި މިންވަރު ބަލާ މޮނިޓަރކުުރުން ކަމަށް ޝަމާއު ވިދާޅުވިއެވެ.
އެހެންކަމުން މާލެ ސިޓީ ކައުންސިލުން އިސްނަގައިގެން ސަރުކާރުން ކޮވިޑް -19 އާ ގުޅިގެން އުފައްދާފައިވާ ނެޝެނަލް އިމަޖެންސީ އޮަރޭޝަން ސެންޓަރ އާއި ގުޅިގެން ކޮންސްޓްރަކްޝަން ސައިޓްތަކާއި ސައިޓްތަކުގައި މަސައްކަތް ކުރާ ބިދޭސީންގެ އެކޮމަޑޭޝަންސްތައް ޗެކް ކުރުމުގެ މަސައްކަތް ބުރާސްފަތި ދުވަހު ފަށާފައިވާ ކަަމަށް ޝަމާއި ވިދާޅުވިއެވެ. އެގޮތުން އެއީއޯސީގެ ބޭފުޅުންނާއިއެކު މާލެ ސިޓީގެ މާލެ ސިޓީގެ ކޮންސްޓްރަކްޝަން މަސައްކަތްތަކާޢި ބެހޭ ބައިގެ ބޭފުޅުން ބިދޭސީން ބައިތިއްބާފައި ތިބޭ ތަންތަނަށް ގޮސް އެތަންތަނުގެ ހާލަތު ދެެނެގަންނަމުން ގެންދާނެ ކަމަށް ޝަމާއު ވިދާޅުވިއެވެ.