ރާއްޖޭގައި މިވަގުތު އައިސޮލޭޝަން ފެސިލިޓީތަކުގެ ގޮތުގައި 8 ތަނެއް ބޭނުންކުރާ ކަމަށް ކޮވިޑް-19 ގެ ޓާސްކް ފޯހުގެ ތަރުޖަމާން މަބްރޫކް އަޒީޒު ވިދާޅުވެއްޖެ އެވެ.
އެގޮތުން މިހާރު ބޭނުންކުރަމުންދާ އައިސޮލޭޝަން ފެސިލިޓީތަކަކީ:
ވެލިދޫ އައިސޮލޭޝަން ފެސިލިޓީ
ފަރުކޮޅު އައިސޮލޭޝަން ފެސިލިޓީ
ހުޅުލެ އައިސޮލޭޝަން ފެސިލިޓީ
ދޮނަކުޅި އައިސޮލޭޝަން ފެސިލިޓީ
ބަނޑޮސް އައިސޮލޭޝަން ފެސިލިޓީ
ހުޅުމާލެ ފޭސް ޓޫ އައިސޮލޭޝަން ފެސިލިޓީ
ހިޔާ އައިސޮލޭޝަން ފެސިލިޓީ
ދަރުމަވަންތު ހޮސްޕިޓަލް
މީގެތެރޭގައި ހިމެނޭ ދޮނަކުޅި އައިސޮލޭޝަން ފެސިލިޓީއަކީ ރާއްޖޭގެ އުތުރުން ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންނަށް ފަރުވާ ދިނުމަށް ހަދާފައިވާ އައިސޮލޭޝަން ފެސިލިޓީ އެކެވެ. ބަނޑޮސް އައިސޮލޭޝަން ފެސިލިޓީއަކީ ފަރުކޮޅުގައި ހަދާފައިހުރި އައިސޮލޭޝަން ފެސިލިޓީގައި ފެންލީކުވުމާއި ކަރަންޓު ކަނޑައިގެން ދިޔުމުގެ ކަންތައްތަކެއް ހިނގާފައިވާތީ އެތަން މަރާމާތުކުރުމަށް އެތާނގައި ތިބި ބަލި މީހުން ބަދަލުކުރުމަށް ހެދި އައިސޮލޭޝަން ފެސިލިޓީ އެކެވެ. ހުޅުމާލެ ފޭސް ޓޫ އައިސޮލޭޝަން ފެސިލިޓީގައި ތިބެނީ ރާއްޖޭގައި ޕޮޒިޓިވްވާ މީހުންގެ ތެރޭގައި ހިމެނޭ ބިދޭސީންނެވެ. ދަރުމަވަންތަ ހޮސްޕިޓަލަށް ގެންދަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ ތެރެއިން ގާތުން މޮނިޓަރ ކުރަންޖެހޭ ބަލި މީހުންނެވެ. އެގޮތުން މިހާރުވެސް ދަރުމަވަންތަ ހޮސްޕިޓަލްގައި 6 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ.
ރާއްޖޭގައި މިހާތަނަށް ކޮވިޑް-19 އަށް 573 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ.