ކ. މާލެ
|
6 މެއި 2020 | ބުދަ 01:25
ސައުދީން ރާއްޖެއަށް ހަދިޔާކުރި ކަދުރުތަކެއް
ސައުދީން ރާއްޖެއަށް ހަދިޔާކުރި ކަދުރުތަކެއް
އިސްލާމިކް މިނިސްޓްރީ
ސައުދީން ދިން ކަނދުރު ބެހުން
ބާކީ ކަދުރު އެބަހުރި، ސަރުކާރުގެ އިސްވެރިންނަށް ކަދުރު ނުބަހަން: މިނިސްޓްރީ
12,124 ޕެކެޓް ކަދުރު ވަނީ ބަހާފައި
ސައުދީން ހަވާލުކުރީ 50 މެޓްރިކް ޓަނުގެ ކަދުރު
މާލޭ ކަދުރު ބަހާނީ ސިޓީ ކައުންސިލުން

ސައުދި އަރަބިއްޔާ ސަރުކާރުން ރާއްޖެ އަށް ހަދިޔާކުރި ކަނދުރު ބަހާ ނުނިމޭ ކަމަށާއި، އެއްވެސް ކަދުރެއް މިހާތަނަށް ދައުލަތުގެ އިސްވެރިންނަށް ބަހާފައި ނުވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

މިނިސްޓްރީން އެހެން ބުނެފައިމިވަނީ ރާއްޖެ އަށް ގެނައި ކަނދުރުތައް ހުސްވެފައިވާ ކަމަށް ބުނެ އެކި ކަހަލަ އަޑުތައް ފެތުރިފައިވާތީ ކަމަށް ބުނެއެވެ. އެކަމާއި ގުޅޭ ގޮތުން އިސްލާމިކް މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައި ބުނީ، މޭމަހުގެ ހަތަރެއްގެ ނިޔަލަށް ސައުދީން ހަދިޔާކުރި ކަދުރުގެ ތެރެއިން 1212.4 ކޭސް( 12,124 ޕަކެޓް) ކަދުރު ބަހާފައިވާ ކަމަށެވެ. އަދި އޭގެ އިތުރުން، މިހާތަނަށް ރާއްޖޭގެ 1483 ފަގީރުންގެ ގޭބިސީތަކަށް ކަދުރު ހަދިޔާކޮށްފައިވާ ކަަމަށް އެމިނިސްޓްރީން ބުންޏެވެ. އިސްލާމިކް މިނިސްޓްރީން ބުނީ 12،376 ކަދުރު ޕަކެޓް ނުބެހި މި ވަގުތު މިނިސްޓްރީގައި ހުރި ކަމަށެވެ.

އެއްވެސް ކަދުރެއް މިހާތަނަށް ދައުލަތުގެ އިސްވެރިންނަށާއި އަދި މިނިސްޓްރީގެ މުވައްޒަފުންނަށް ދީފައި ނުވާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

އެހެނިހެން އަހަރުތަކެކޭ އެއްފަދައިން ސައުދީން ވަނީ މި އަހަރުވެސް ދިވެހިރާއްޖެއަށް 50 މެޓްރިކް ޓަނު ކަދުރު ހަދިޔާކޮށްފައެވެ. އެއީ ދެ ކިލޯ ގްރާމުގެ ޕެކެޓުގެ 25,000 ކަދުރު ޕެކެޓެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ ކަދުރު ބަހާނެ ގޮތުގެ އުސޫލެއް އެކުލަވާލާފައެވެ. އެ އުސޫލުގެ ދަށުން ކަދުރު ބަހާނީ، މާލެ ސިޓީއާއި، އައްޑޫ ސިޓީއާއި، ފުވައްމުލަކު ސިޓީއާއި، ކުޅުދުއްފުށީ ސިޓީ އަދި އަތޮޅުތަކުގެ ރަށްރަށުގައި މީހުން ދިރިއުޅޭ ގޭބިސީތަކުގެ ތެރެއިން ކަދުރު ބަލައި ހާޒިރުވާ ތަރުތީބުންނެވެ.

2019 ވަނަ އަހަރު މިނިސްޓްރީގައި ފަގީރުންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ޖުމްލަ 2350 ގޭބިސީގެ ތެރެއިން، ކޮންމެ ގޭބިސީއަކަށް އެއް ޕަކެޓް ކަދުރު ދޭ އުސޫލުން ކަމަށެވެ. އެގޮތުން ފަގީރުންގެ ގޭބިސީތަކަށް ކަދުރު ބެހުމަށްފަހު، ބާކީ ކަދުރު ބަހާނީ އެންމެ ފުރަތަމަ އަންނަ ފަރާތްތަކަށް އިސްކަންދޭ އުސޫލުގެ ދަށުން ކޮންމެ ގޭބިސީއަކަށް ބަހާނީ އެއް ކަދުރު ޕެކެޓެވެ.

އިސްލާމިކް މިނިސްޓްރީއަށް ކައުންސިލްތަކުން ފޮނުވާފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މިދިޔަ އަހަރު ރާއްޖޭގައި 63,102 ގޭބިސީ ހުރިއެވެ.

އެހެންކަމުން، ސައުދީން މިނިސްޓްރީއަށް ހަވާލުކޮށްފައިވާ ކަދުރަކީ، ރާއްޖޭގެ ކޮންމެ ގޭބިސީއަކަށް އެއް ޕެކެޓް ކަދުރު ދެވޭ ވަރަށް ވުރެ މަދު އަދަދަކަށްވުމުން މިއަހަރުލިބުނު ކަދުރު ފަގީރުންގެ ގޭބިސީތަކަށް ބެހުމަށްފަހު، ކޮންމެ 100 ގޭބިސީއަކަށް 33 ޕަކެޓް ކަދުރު ދިނުމަށް ނިންމާފައިވާ މިނިސްޓްރީން ބުންޏެވެ.

ޔޫތް މިނިސްޓްރީން ފަގީރުންނަށް ކަދުރު ބެހުމުގައި ހަރަކާތްތެރިވުމުގެ ތެރެއިން

މިނިސްޓްރީން ބުނީ، އެކުލަވާލާފައިވާ އުސޫލުގެ ދަށުން ހޯމަ ދުވަހުގެ ނިޔަލަށް ރާއްޖޭގެ 78 ރަށަކަށް 9567 ޕެކެޓް ކަދުރު ބަހާފައިވާ ކަމަށެވެ.

ރާއްޖޭގެ 103 ރަށަށް ޖުމްލަ 857.7 ކޭސް (8577 ޕަކެޓް) ކަދުރު އަދި މިހާތަނަށް ކައުންސިލްތަކުން ބޭފުޅަކު ފޮނުއްވާފައިނުވާތީ ވަނީ ޙަވާލުނުކުރެވި. ހަމައެހެންމެ، ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް މެދުވެރިކޮށް ކަދުރު ބެހުމަށް ވަނީ 15 އޭޕްރިލް 2020 ގައި 188.1 ކޭސް (1881 ޕަކެޓް) ކަދުރު ޙަވާލުކުރެވިފައި. މީގެ އިތުރުން، މާލެއާއި އަދި ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ކަދުރު ބެހުމަށް ހަމަޖެހިފައިވަނީ ފާއިތުވި އެހެން އަހަރުތަކެކޭވެސް އެއްގޮތަށް މާލެ ސިޓީ ކައުންސިލް މެދުވެރިކޮށް
އިސްލާމިކް މިނިސްޓްރީގެ ބަޔާން

އިސްލާމިކް މިނިސްޓްރީން ބުނީ، މާލެއާއި އަދި ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ކަދުރު ބެހުމަށް ހަމަޖެހިފައިވަނީ ފާއިތުވި އެހެން އަހަރުތަކެކޭވެސް އެއްގޮތަށް މާލެ ސިޓީ ކައުންސިލް މެދުވެރިކޮށް ކަމަށެވެ.

ނަމަވެސް، މާލެ ލޮކްޑައުން ކުރުމާއި ގުޅިގެން މާލޭއާއި ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ކަދުރު ބަހާނެ ރައްކާތެރި ގޮތަކާއި ގުޅޭގޮތުން މިނިސްޓްރީން ދަނީ މިހާރު މާލެ ސިޓީ ކައުންސިލާއެކު މަޝްވަރާކުރަމުން ކަަމށެވެ.

މާލެ ސިޓީ ކައުންސިލަށް ރައްކާތެރިގޮތެއްގައި ކަދުރު ބެހޭނެ އިންތިޒާމް ހަމަޖެހެންދެން މާލޭއާއި ވިލިމާލޭގެ ގޭބިސީތަކަށް ދިނުމަށް ޖުމްލަ 290.3 ކޭސް (2903 ޕަކެޓް) ކަދުރު މިނިސްޓްރީގައި ބެހެއްޓިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

- ކޮމެންޓް