މާވަށު ދާއިރާގެ ޕީއެންސީ މެންބަރ މުޙައްމަދު ސަޢީދު މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ކޮވިޑް-19 އެހީތެރިކަމުގެ ބިލު މިހާރު އޮތްގޮތުން މަޖިލީހުގެ ޤަވާއިދަށް ނުފެތޭތީ ދެން އެބިލު ހުށަހެޅުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން މަޖިލީހުގެ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާ މަޝްވަރާކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އަންގާރަ ދުވަހުގެ ޖަލްސާ ފައްޓަވަމުން ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް މާވަށު ދާއިރާގެ މެންބަރ ހުށަހަޅުއްވާފައިވާ ބިލުގައި ޢާމްދަނީން އުނިވާ އަދި އިތުރުވާ ބައިތަކެއް ހިމެނޭ ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދު ބުނާ ފައިސާ އާ ބެހޭ ބިލެއްގެ ގޮތުގައި އެބިލުގެ ބައެއްވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެހެންކަމުން އެބިލުގައިވާ ދައުލަތުގެ ޢާމްދަނީ އަށް އަސަރުކުރާ ކަންކަން ބަދަލުކުރުމަށްފަހު، ހުށަހެޅުއްވުމަށް ރައީސް ނަޝީދު އެދިވަޑައިގަންނެވިއެވެ.
އެހެން ހުށަހަނާޅުއްވާ ކަމަށްވާނަމަ އެ ބިލު ރައީސް އޮފީހަށް ފޮނުވިދާނެ ކަމަށާއި، އެހެން ނަމަވެސް ސަޢީދަކީ ސަރުކާރަށް ނިޞްބަތްވާ މެންބަރެއް ނޫންކަމުން އެކަމުގައި ތާއްޓެއް އުޅެދާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދު ބުނާގޮތުން ދައުލަތުގެ ޢާމްދަނީން އުނިވާގޮތަށް އަދި އިތުރުވާ ގޮތަށް ކަންކަން ހިމަނާފައި ބިލު ހުށަހެޅޭނީ ސަރުކާރުގެ ފަރާތުންނެވެ. ދައުލަތުގެ ޢާމްދަނީއަށް އެކަމަކުން އަސަރުކުރާ ކަމެއް ބިލުތަކުގައި ހިމަނައިގެން ހުށަހެޅޭނީ ސަރުކާރު ފަރާތުން ސަރުކާރު ޕާޓީގެ މެންބަރުންނަށެވެ.
މިސާލަަށް ދަނޑުވެރިން ކުރުމަށް ދޫކުރާ ބިންބިމުގެ މިތައް ޕަސެންޓް ސަރުކާރުން ދިނުމަށް. އާދެ އެކަމަކީ ސަރުކާރުންވެސް ކުރުމަށް އެދޭ ކަމެއް. އެހެންނަމަވެސް އެކަމަކީ ސަރުކާރުން ކުރަން ޖެހޭ ކަމެއްކަމަށް ގަވާއިދުގައި މިބުނަނީ. އެހެންވީމާ އެކަންކަމަށް ބަލާފައި އަލުން ހުށަހަޅާނަމަ ތިން ވަނަ ކިޔުން އިއްވިދާނެ.ރައީސް މުހައްމަދު ނަޝީދު / ރައްޔިތުންގެ މަޖިލީހުގެ ރައީސް
ރައީސް ނަޝީދު މިހެން ވިދާޅުވުމުން ސަޢީދު ވަނީ ނިޒާމީ މައްސަލަ ނަންގަވާފއެވެ. އަދި މިބިލު ހުށަނޭޅޭނެކަމަށް މަޖިލީހުގެ ރައީސް ބަޔާންކުރައްވާ ޙާލަތެއް ނެތްކަމަށް ސަޢީދު ވިދާޅުވިއެވެ. ދައުލަތުން ކުރިން ރައްކާކޮށްފައި ހުރި ފައިސާ (ޕެންޝަން ފައިސާ) އޭގެ ޙައްޤުވެރިންނަށް ފޯރުކޮށްދިނުމަށް އެދި ދެންނެވުމަކީ މަޖިލީހުގެ ޤަވައިދުގެ ރޫޙާއި ޚީލާފު ކަމެއް ނޫންކަމަށް ސަޢީދު ވިދާޅުވިއެވެ. އަދި މިއީ ދައުލަތަށް ސީދާ އަސަރުކުރާނެ ނޫންކަމަށްވެސް ސަޢީދު ވިދާޅުވިއެވެ.
މިކަމަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ ބިލުގައި މާލިއްޔަތަށް އަސަރުނުކުރާ ކަންކަން ހުރިކަަމަށް ދެންނެވެން ނެތްކަމަށެވެ. މިހާރު މިއޮތީ ޚާއްޞަ ޙާލަތެއްކަމަށާއި، ނަމަވެސް މިޙާލަތުގައިވެސް ޤާނޫނާއި ޤަވާއިދު ހިފަހައްޓަންޖެހޭނެ ކަމަށެވެ.
އަދި ބިލާ ގުޅޭގޮތުން މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއި މަޝްވަރާކޮށް ބިލު ގެނައުމުގެ މަސައްކަތް ކުރާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.