ކޮވިޑް-19ގެ ސަބަބުން މިހާރު ކުރިމަތިވެފައިވާ ހާލަތުގައި އެމްބިއުލެންސްގެ ޑިމާންޑް ބޮޑުވެފައިވާތީ، ޕްރައިވެޓް ހޮސްޕިޓަލްތަކުގެ ވެހިކަލްތައް ޔޫޓިލައިޒް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ކޮވިޑް-19 ޓާސްކް ފޯހުގެ ތަރުޖަމާން މަބްރޫކް އަޒީޒު ވިދާޅުވެއްޖެއެވެ.
ހޯމަ ދުވަހުގެ ރޭ ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ އެމްބިއުލެންސްގެ ޑިމާންޑް ބޮޑުވެ، ޚިދުމަތް ދިނުމުގައި ދަތިތަކެއް ކުރިމަތިވަމުންދާކަން ފާހަގަކުރެވިފައިވާ ކަަމަށެވެ. މިމައްސަލަ ހައްލުކުރުމަށް މިހާރު އެންއީއޯސީގެ ތެރެއިން މަޝްވަރާތައް ކުރަމުންދާ ކަމަށް މަބްރޫކް ވިދާޅުވި އެވެ.
މާލެސިޓީ ލޮކްޑައުން ކޮށްފައިވާއިރު ޓެކްސީ ފަދަ ވެހިކަލްތަކުގެ ޚިދުމަތް ވެސް ނުލިބޭނެކަން ފާހަގަކުރައްވައި މަބްރޫކް ވިދާޅުވީ އިމަރޖެންސީގައި ހޮސްޕިޓަލަށް އަންނަން ޖެހޭ މީހުންނަށް ޚާއްސަ ސަމާލުކަމެއްދީގެން ދަތުރުފަތުރުގެ ކަންކަން ފަސޭހައިން ހަމަޖެހޭނެ ވަކި އުސޫލެއްގެ ހަމަޖައްސާނެ ކަމަށެވެ. މިއިންތިޒާމްތައް ހަމަޖެހުމާއެކު އެކަން އާންމުކުރާނެ ކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ.
އަންނަ ކޭސްތައް އިތުރުވެގެން ނޫން އެމްބިއުލެންސްތައް ޑިމާންޑް ބޮޑުވަނީ. އެހެންނަމަވެސް އެމްބިއުލެންސް އެއްދަތުރުން އަނެއް ދަތުރަށް. ހޭދަވާ ވަގުތު އިތުރުވެފައިވާތީ މައްސަލަ ދިމާވެފައި އޮތީ.ކޮވިޑް-19 ޓާސްކް ފޯހުގެ ތަރުޖަމާން މަބްރޫކް އަޒީޒު
އެމްބިއުލެންސްގެ އަދަދު އިތުރު ކުރުމުގެ މަސައްކަތައް އަލިއަޅުއްވާލައްވާ މަބްރޫކް ވިދާޅުވީ ޕްރައިވެޓް ހޮސްޕިޓަލްތަކުގެ ވެހިކަލްތައް ޔޫޓިލައިޒް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ބޭނުން ކުރަމުން ދަނީ އެންމެ ފަސް އެމްބިއުލެންސްއެވެ. ކޮވިޑް-19އާ ގުޅިގެން އެމްބިއުލެންސްގެ ޑިމާންޑް ބޮޑުވެފައިވާއިރު، އެމްބިއުލެންސްގެ ޚިދުމަތް ލިބުމުގައި ލަސްތަކެއް އުޅޭކަމަށް ބުނެ ބައެއް އާންމުން ވަނީ ކަންބޮޑުވުންފާޅު ކޮށްފައެވެ.
މިމައްސަލައާ ގުޅިގެން އައިޖީއެމްއެޗުން ބުނީ ބަލިމީހުންގެ ޞިއްޙީ ޙާލު ކަށަވަރުނުކުރެވޭނެތީ، ކޮންމެ ދަތުރަކަށްފަހު މުޅި އެމްބިއުލަންސް ޑިސްއިންފެކްޓް ކުރާ ކަމަށާއި، މިކަމުގެ ސަބަބުން ވެސް ވަގުތު ނަގާނެކަން ހާމަކޮށްފައިވެއެވެ.